
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުއްމީދީ އެންމެ ބޮޑު ތަސައްވުރެއް އޮތް މަޝްރޫއު އަކީ މާލެ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި މުޅިން އާ ސިޓީއެއް އެ ތަނުގައި ގާއިމްކޮށް ތަަރައްގީ ކުރުމެވެ. އެމަނިކުފާނު ވިދާޅުވީ ހައުސިން ފުލް ސޮލިއުޝަނެއް ލިބޭނެ މަޝްރޫއު އަކީ މިއީ އެވެ. 20 އަހަރަށް ބޯހިޔާވަހިކަމުގެ މައްސަލަ އަށް އޮތް ހައްލަކީ ވެސް މިއީ އެވެ.
"މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ،" ރައީސް މުއިއްޒު، ހުވާ ކުރެއްވުމަށްފަހު ވިދާޅުވިއެވެ.
ފުށިދިއްގަރު ފަޅުގައި އެމަނިކުފާނު ޒީނަތްތެރިކުރާ އާ ޝަރަހުގެ ހުވަފެން ވަރަށް އުޖާލާ ނަމަވެސް، އެއީ މާލެއާ މުޅިން ވަކިން އޮންނަ މުޅިން ވަކި ސިޓީއެކެވެ. މާލެއާ އެއްގަމުން ގުޅިފައި ނެތް އާ ސިޓީއެކެވެ.
"ފުށިދިއްގަރު ފަޅު އޮންނާނީ ދެކުނު މާލެ އަތޮޅުގަ. އެ ތަނަކީ ބްރިޖް އެޅޭ ވަރަށްވުރެ ދުރު ސަރަހައްދެއް، ފުން ސަރަހައްދެއް،" ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ.
އެހެންނަމަވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފަޅުގެ ބޮޑުމިނަކީ ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ. 1,280 ހެކްޓަރުގެ ބިމެއް އެ ތަނުން އުފެއްދޭނެ އެވެ. މި ސަރުކާރުން ޕްލޭން ކޮށްފައި އޮތް ގޮތުން އެތަނުގައި ގޯއްޗާއި އެހެން ވެސް ގިނަ ވަސީލަތްތައް ގާއިމް ކުރާނެ އެވެ.
"މާލެ އިން ނުލިބޭނެ ގިނަ ހިދުމަތްތަކެއް ވެސް އެތަނުން ލިބެން ހުންނާނެ. ކުޅިވަރު ކުޅޭނެ ސަރަހައްދުތަކާއި ވަޒީފާ އަދާކުރާނެ ސަރަަހައްދުތަކާއި އެކި އިގުތިސޯދީ މަސައްކަތްތައް ކުރާނެ ސަރަހައްދުތަކާއި ޔުނިވާސިޓީ ފަދަ ބޮޑެތި އިންސްޓިޓިއުޝަން ހިންގާނެ ސަރަހައްދުތައް. މަތީ ފެންވަރުގެ ހޮސްޕިޓަލްތައް ހިންގޭނެ ސަރަހައްދުތައް ރަނގަޅު އިންޓަގްރޭޓެޑް ޓްރާންސްޕޯޓް ޕްލޭނަކާއި ފަތުރުވެރިކަން ހިންގާނެ ސަރަހައްދަކާއި ކުނި މެނޭޖްކުރާނެ ސަރަހައްދާއި މުނިފޫހިފިލުވޭނެ ސަރަަހައްދުތަކާއި އެކިއެކި ކްރިއޭޓިވް އާޓްސް ހިންގޭނެ ސަރަަހައްދުތައް، މާލެ އިންނާއި ހުޅުމާލެ އިން ވެސް ނުލިބޭހާ ގިނަ ހިދުމަތްތައް ފުށިދިއްގަރުގައި ހަދަން ރާވާފައިވަނީ،" ހައިދަރު ވިދާޅުވި އެވެ.
"މި ސަރުކާރުން ޓޯޓަލް ހައުސިން ސްލިއުޝަނެކޭ ފުށިދިއްގަރުން އަޅުގަނޑުމެންނަށް މި ލިބެނީ."
އެކަމަކު ސުވާލަކީ މާލެއާ ގުޅުމެއް ނެތް މުޅިން އާ ބޮޑު ސިޓީއެއް ތަރައްގީކޮށް، އެތަނުގައި ރައްޔިތުންނަށް އުޅެވޭނެ ދުވަހެއް ކައިރި މުސްތަގުބަލެއްގައި އައިސްދާނެ ކަމާ މެދު އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށި ނަމަވެސް، އެ ތަނަށް ވެސް ހަގީގީ ތަރައްގީއާ އެކު، ހަގީގީ ސިޓީއަކަށް ބަދަލުވެގެން ދިޔައީ މާލެ އާއި ބްރިޖުން ގުޅާލެވުނު ހިސާބުންނެވެ. އެކަމަށް ގިނަ އަހަރުތަކެއް ނެގި އެވެ. މީހުން ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާން ފެށީ މާލެ ގުޅިގެން ދިޔުމުންނެވެ. ކަނޑު ހުރަސްކޮށް ފެރީގައި ދަތުރު ކުރުމަކީ, ގިނަ ބަޔަކު މާގަޔަވާ ކަމަކަށް ނުވެއެވެ. އަދިވެސް ވަޒީފާތަކާއި ކިޔެވުމަށާއި އެހެން ވެސް އަސާސީ ބޭނުންތަކަށް ވެސް ހުޅުމާލެ އިން ވެސް އަންނަން ޖެހެނީ މާލެއަށެވެ.
އެކަމަކު، މިހާރު ގިނަ ބަޔަކު ހުޅުމާލެ އިހްތިޔާރު ކުރަނީ އެއްގަމުން ދަތުރުކޮށްލެވޭތީއެވެ. ކުރިމަގުގައި ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ގިރާވަރު ފަޅު ބްރިޖުން ގުޅާލުމުން އެ ތަންތަނަށް ވެސް ތަރައްގީގެ ކުލަ އަންނަން ފަށާނެއެވެ. ގެދޮރާ އެކު މީހުންގެ ދިރިއުޅުން ވެސް ބަދަލުކޮށް ވަޒަންވެރިވާނެ އެވެ. އޭރަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގިރާވަރާ ހަމައަށް އޮންނާނީ ބްރިޖުން, އެއްގަމުން ގުޅިފައިވާ ބޮޑު ސިޓީއެކެވެ. މާލޭގެ ބޮޑު ސިޓީ އެވެ.
މި ސިޓީގެ ތެރެއަށް ނުވަދެ ވަކިން އޮންނާނީ ފުށިދިއްގަރެވެ.
"ހަގީގަތު އެ ހަދަނީ މާލެއާ ވަކިން މުޅިން އެހެން އެ ސިޓީއެއް، އެއީ ގްރޭޓާ މާލެއެއް ނޫން. ރައްޔިތުން މި ތިބީ މި ތަނުގައި، އަންނަން ބޭނުން ވަނީ މި ތަނަށް. އެހެންވީމަ ފުށިދިއްގަރު ވާނީ ވަރަށް ތަފާތު މާލެއަކަށް. ބޮޑު ރިސްކަކަށް، ބޮޑު އިންވެސްޓްމެންޓަކަށް،" ސޯޝަލް މީޑިއާގައި މީހަކު ބުންޏެވެ.
"މާލެ ދޫކޮށް އެހެން ތަނަކަށް ދާން ރައްޔިތުން ތިބީ ތައްޔާރަށްތަ؟،" އެހެން މީހަކު ސުވާލުކުރި އެވެ.
ފުށިދިއްގަރަށް މާލެ އިން ދަތުރު ކުރާ ނަމަ، އެއީ ފެރީ މެދުވެރިކޮށް 20-15 މިނެޓް ދަތުރަކަށްވާނެއެވެ. މާލެ އަތޮޅުގެ ބައެއް ރަށްރަށް ވެސް ލޯންޗުގައި އެހާ އިރުން ދެވެއެވެ.
ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވި ގޮތުގައި ފުށިދިއްގަރު، އެހާ ބޮޑު ސިޓީއެއް ތަރައްގީ ކުރަނީ މިހާތަނަށް ރާއްޖެ އިން ލިބެން ނެތް އާ ހިދުމަތްތަކާ އެކު ވަރަށް ޒަމާނީ ފެންވަރުގަ އެވެ. ޒުވާނުން ހިތްކިޔާ ފަދަ ސިޓީއެކެވެ. ކިޔެވުމާއި ސިއްހަތާއި މިހެން ގޮސް ހުރިހާ ހިދުމަތަކަށް ތަނަވަސް ސިޓީއެއްގެ ގޮތުގަ އެވެ. ތަނަކަށް މީހުން ހިޖުރަކުރަނީ ހިދުމަތްތަކަށެވެ. އާ ޖީލުތައް ސިޓީތަކަށް ހިތްކިޔަނީ ޒަމާނީ ވަސީލަތްތަކުގެ ސަބަބުންނެވެ.
ރައީސްގެ ޕްލޭންއާ އެއްގޮތަށް އެތަން ތަރަައްގީ ވެއްޖެ ނަމަ، މާލެ ދޫކޮށް ދިރިއުޅުން ބަދަލު ކުރާނެ މީހުން އުޅޭނެ އެވެ. އެކަމަކު، ސުވާލު އުފެދެނީ އެ ވަރުގެ ހިދުމަތްތަކެއް ލިބޭ ފުރިހަމަ، މާލެ ދޫކޮށްލާފައި ދެވޭވަރުގެ ސިޓީއަކަށް އެތަން ހެދޭނީ ކިހާ ދުވަހަކުން ހެއްޔެވެ؟ ރާއްޖެ މިއޮތް އިގުތިސޯދީ ހާލަތުގައި އެއާ ގާތް ކުރާ މިންވަރަކަށް ވެސް ފަސް އަހަރުގެ ތެރޭގައި ދެވިދާނެތޯ އެވެ.
ޔަގީނުން ވެސް މާލެ ދޫކޮށް އެތަނަށް ދިރިއުޅުން މީހުން ބަދަލުކުރާނީ ހިދުމަތްތައް ފުރިހަމަވުމުންނެވެ. ހިދުމަތް ނެތް ސިޓީއަކަށް މީހުން ނުދާނެއެވެ. އެހެން ނަމަ، އައްޑޫގެ އާބާދީ ދާނީ އިތުރުވަމުންނެވެ. އައްޑޫ އިން މީހުން މާލެ ނާންނާނެ އެވެ.
"މުޅިން އާ ސިޓީއެއް ހަދާއިރު ކީއްވެބާ ބިން ނުހިއްކާ، ބޮޑެތި ބިންތައް މިހާރު މިއޮތް ޕްލޭންގައި ތަރައްގީ ނުކުރަނީ؟ މިސާލަކަށް އައްޑޫ. ލ. ގަން،" އެހެން މީހެއްގެ ސުވާލަކަށްވިއެވެ.
ހަގީގަތުގައި މިއީ ހުސް ވެސް މުހިންމު ސުވާލެވެ. ފުށިދިއްގަރާއި ގްރޭޓާ މާލެ ސަރަހައްދާ އެކު ރާއްޖޭގެ ބޮޑު އާބާދީއެއް މި ދިމާ އަށް މިސްރާބު ޖަހާނެ އެވެ. އެހެން ދިމާތަކަށް ހީނަރުކަން އަންނާނެ އެވެ. އެކަމަކު، ގިނަ ރައްޔިތުން އެދޭ ގޮތަކީ މާލެ ސަރަހައްދުގައި ދިރިއުޅުމެވެ. އެއީ ވެސް ފެކްޓެކެވެ.