ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެތި އެ ދެޕާޓީން ރަނގަޅު އިންތިހާބެއްގައި ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ. އާބާދީ މަދު ބައެއް ރަށްރަށުގެ ކައުންސިލްތަކަށް މެމްބަރުން ހޮވަން ބޭއްވި ބައި-އިލެކްޝަންތަކުގައި ވާދަނުކުރާ ވާހަކައެެއް ނޫނެވެ. މާލޭގެ މޭޔަރު ހޮވަން މިއަދު ބޭއްވި އިންތިހާބަކީ ޔާމީނު ނެތި ޕީޕީއެމް-ޕީއެންސީގެ އާރު ހުރިވަރެއް ބަލަން ވަކަރަށް ޖަހައިލި ފުރަތަމަ އިންތިހާބެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން "ގްރައުންޑް ޓެސްޓް" ކޮށްލަން ސަރުކާރަށް ލިބުނު ފުރަތަމަ ފުރުސަތޭ ވެސް ބުނެވިދާނެ އެވެ.
ޕީޕީއެމް-ޕީއެންސީން މާލޭގައި ހޯދަމުން އައި ކާމިޔާބީތަކަށް ބަލައި މި އިންތިހާބު ވެސް ސަރުކާރުން ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ. އެހެނީ ޚުދު ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ބޭއްވި ދެ އިންތިހާބެއްގައި މާލޭން ބޮޑެތި ކާމިޔާބީތައް ހޯއްދަވާފައި ވާތީ އެވެ.
މާލޭގެ މޭޔަރުކަން ކާމިޔާބު ކުރައްވައި އޭގެ ފަހުން ރިޔާސީ އިންތިހާބުގައި ވެސް ބޮޑު ތަފާތަކުން މާލޭގެ ވޯޓު އެމަނިކުފާނު ކާމިޔާބުކުރެއްވި އެވެ. ރިޔާސީ އިންތިހާބުގައި މާލޭގެ 54 ޕަސެންޓު ވޯޓް ރައީސް މުއިއްޒު ހޯއްދެވި އިރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓު ވޯޓެވެ.
މާލޭން އެހާ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކު ރައީސަަކަށް ހުންނަވައިގެން، އަމިއްލަފުޅު ޕާޓީގެ ފަރާތުން ނެރުނު ކެންޑިޑޭޓް އާޒިމާ ޝަކޫރަށް މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ނާކާބުވި ގިނަ ސަބަބުތަކެއް ހުރެދާނެ އެވެ. މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދިނުމަށް ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމް މަޑުޖެހިފައި އޮތުމަކީ އެއް ސަބަބެވެ. ބްރިޖަކުން މާލެއާ ގުޅުވައިލާ ގޮތަށް ފަށާފައިވާ ގުޅިފަޅާއި ގިރާވަރު ފަޅު އާބާދުކުރުމުގެ މަޝްރޫއަށް އިސްކަން ނުދިނުމަކީ ވެސް ސަބަބަކަށް ވެދާނެ އެވެ.
އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވި މިއަދުގެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އެންމެ ފާޅުކަން ބޮޑުކޮށް ފެންނަން އޮތީ، ކުރީގެ ރައީސް ޔާމީނު، ރައީސް މުއިއްޒާއި ޕީޕީއެމް ޕީއެންސީއާ ދުރަށް ވަޑައިގެންނެވުމުގެ ނަތީޖާ އެވެ.
ޔާމީނުގެ ކެންޑިޑޭޓެއް ނެތް ނަމަ އެމްޑީޕީއަށް އުނދަގޫވީސް
މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް 45 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 29 ޕަސެންޓެވެ. ދެ ކެންޑިޑޭޓުންގެ ތަފާތު މިހާ ބޮޑުވި އިރު ރައީސް ޔާމީނުގެ ތާއީދާ އެކު ނުކުމެވަޑައިގެންނެވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު 11 ޕަސެންޓް ހޯއްދެވި އެވެ.
އާޒިމާއަށް ލިބިވަޑައިގެންނެވި ވޯޓާއި ހުސައިން ވަހީދުގެ ވޯޓު އެއްކޮށްލައިފި ނަމަ އާޒިމަށް ވުރެ އިތުރުވާނީ ދެތިން ސަތޭކައެއްހާ ވޯޓެވެ. ރާއްޖޭގެ ސިޔާސީ އޮއިވަރު އާއްމުގޮތެއްގައި އޮންނަ ގޮތަށް ބަލާއިރު އެންމެ ގާތުން ވާދަކުރާ ކެންޑިޑޭޓުން ވަރުގަދަ ނަމަ ހާވާސާއަށް ދާ ވޯޓު މަދުވާނެ އެވެ. އެހެންވީމާ ސަރުކާރުގެ ކެންޑިޑޭޓާ ވާދަކުރަން ރައީސް ޔާމީނު ކެންޑިޑޭޓަކު ނެތް ނަމަ މިހާރު ހަވާސާގައި އެހެރަ ވޯޓުން ވެސް ބައެއް ލިބި ސަރުކާރުގެ ކެންޑިޑޭޓަށް ކާމިޔާބުކުރެވޭނެ ކަމަށް ބުނެވިދާނެ އެވެ.
ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަވާ އާ ޕާޓީގެ އިސް ބޭފުޅުން މިއަދުގެ އިންތިހާބުގެ ނަތީޖާ އެނގުމާއެކު އެކަން ފާހަގަ ވެސް ކުރައްވައިފި އެވެ. ސަރުކާރަށް ފާޑުވިދާޅުވެ، އެބޭފުޅުން ގޮވައިލެއްވީ ޔާމީނު އަވަހަށް މިނިވަން ކުރުމަށެވެ.
" މާލޭ ސިޓީ މޭޔަރުކަން ދިފާއު ނުކުރެވުމުގެ ފުރިހަމަ ޒިންމާ ރައީސް ޑރ. މުއިއްޒާއި އަދުރޭ [އަބްދުއްރަހީމް އަބްދުﷲ] ނަންގަވަން ޖެހޭ. ސަރުކާރަށް 60 ދުވަސް ނުވަނީސް މިލިބުނު ބޮޑު ނާކާމިޔާބީގެ އަސްލަކީ ވެރިކަމަށް އައުމަށް ކުރި ވައުދުތައް ބޮލާލާ ޖެހުން. ރައީސް ޔާމީން އަވަހަށް މިނިވަން ކުރައްވާ. އިސްލާހުގެ މަގު ހިޔާރުކުރޭ،" ޔާމީންގެ އާ ޕާޓީ، ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަދި ޔާމީނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކްސްގައި ވިދާޅުވީ މިއަދުގެ އިންތިހާބު ސަރުކާރަށް ނާކާމިޔާބުވި ހަމައެކަނި ސަބަބަކީ "ޔާމީނަށް ކެހިދިނުން" ކަމަށެވެ.
"މާލެ ސިޓީގެ މޭޔަރ އިންތިހާބު ބޮޑު ތަފާތަކުން މިއަދު އެމްޑީޕީ ކާމިޔާބު ކުރީ ހަމަ އެންމެ ސަބަބަކާހުރެ. ރައީސް މުއިއްޒު ރައީސް ޔާމީނަށް ކެހިދިން ދިނުން ރައްޔިތުން ބަލައި ނުގަތީ. މިއަދުވެސް އެ ހުސްގޮނޑި ރައްޔިތުންނަށް ފެނޭ. ވެރިކަމަށް 60 ދުވަސް ނުވަނީސް ތިޔަ ލިބުނީ ރައްޔިތުންގެ ނޯކޮންފިޑެންސް،" ޖަމީލު ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި ޔާމީންގެ ކުރިމަތިލުމެއް
ރައީސް މުއިއްޒުގެ ވެރިކަން ފެށިގެން މާ ގިނަ ދުވަސްތަކެއް ނުވެ، ޔާމީން ވެރިކަން ކުރާ ކޯލިޝަންއާ ދުރަށްޖެހިވަޑައިގަތެވެ. ޔާމީން ދެއްކެވި ސަބަބުތަކުގެ ތެރޭގައި ރައީސް މުއިއްޒު އެމަނިކުފާނުގެ ފޯނު ކޯލުތަކާއި މެސެޖުތަކަށް ޖަވާބު ނުދެއްވުން ހިމެނެ އެވެ. މައްސަލައަކީ ޔާމީން ބާކީ ކުރެއްވުމެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ބޭއްވެވި މީޑިއާ ބްރީފިންއެއްގައި، ޔާމީން އާއި އެމަނިކުފާނާ ދެމެދު އޮތް މައްސަލަ ސާފު ކުރުމަށް ނޫސްވެރިން އެތައް ގޮތަކުން ސުވާލު ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ރައީސް ޖަވާބެއް ނުދެއްވަ އެވެ.
"އަޅުގަނޑަކީ އެއްވެސް އިރަކު، މިއަދާ ހަމައަށް އައި އިރު ވެސް އެއިން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން،" ސުވާލަށް ޖަވާބު ނުދެއްވާ ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ވިދާޅުވީ ގައުމުގެ މަސްލަހަތު އިސްކުރާ ކޮންމެ ބޭފުޅަކާއެކު އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނަމަވެސް ރައީސްގެ ޖަވާބުން، ޔާމީންއާއެކު މަސައްކަތް ކުރައްވާނެކަން ސާފެއް ނޫނެވެ. ބައެއް މީހުން ރައީސްގެ ޖުމުލަ ތަރުޖަމާ ކުރީ، ޔާމީންއަކީ ގައުމުގެ މަސްލަހަތު އިސްނުކުރައްވާ ބޭފުޅެއްގެ ގޮތުގައި ރައީސް ނިންމެވީ ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ ދެބައިވެފައި ވަނިކޮށް މޭޔަރު އިންތިހާބު މިވަނީ ސަރުކާރަށް ނާކާމިޔާބުވެފަ އެވެ. ރައީސް ޔާމީންގެ ތާއީދާއެކު އެ ޕާޓީން ވާދަ ކުރެއްވި ހުސެއިން ވަހީދު ހޯއްދެވީ ބޮޑު ތާއީދެކެވެ. އެ ވޯޓުތަކަކީ މި ސަރުކާރު ވެރިކަމަށް ގެންނަން ވެސް ލިބުނު ވޯޓުތަކަށްވުން އެކަށީގެންވެ އެވެ. ޔާމީންއާ ނުލައި، ވާދަ ކުރި ފުރަތަމަ އިންތިހާބުން ސަރުކާރަށް މި ލިބުނީ ވަރުގަދަ ފިލާވަޅެކެވެ.
Source: https://adhadhu.com/report/48315