ގަސްތުގައި ހިޔާ ފްލެޓު ކުލި ނުދައްކާ ތިބި މީހުންގެ ކުލި އާއި ޖުރިމަނާ މައާފުކޮށްދީފި, މިއީ ކޮންކަހަލަ އިންސާފެއް!

ދިވެހި ހުރިހާ ރައްޔިތުންގެ ބޮލުގައި ދަރަނި އެޅޭގޮތަށް އެޗްޑީސީއިން ލޯނު ނަގައި ހަދާފައިވާ ހިޔާ ފްލެޓުތަކަށް ގަސްތުގައި ކުލި ނުދައްކައި ތިބި މީހުންގެ ކުލި އާއި ޖުރިމަނާ ރައީސް މުއިއްޒު މައާފުކޮށްދެއްވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެމުން ދަނިކޮށް މުއިއްޒު ހުރި ގޮތަކަށް އޭރު ބެހި ހިޔާ ފްލެޓުގެ ކުލި ނުދެއްކުމަށް އެންމެ ގަދައައަށް ވަކާލާތު ކުރި އެކަކީ މިއަދުގެ ރައީސް ޑރ. މުއިއްޒުއެވެ. މީގެ އިތުރުން މި ސަރުކާރު ގެނައުމަށް އެންމެ ގަދައައަށް ދޮގު ފެތުރި ދަ ކޮމަނާސްގެ ފައުންޑަރ މިދުއަމް ސައީދު އައީ ހިޔާ ކުލި ނުދެއްކުމަށް އެތަނުގެ މީހުންނަށް ހިތްވަރު ދެމުންނެވެ.

މިދުއަމް އަދި ޕީޕީއެމް އިސް ވެރިން ދިން ހިތްވަރަށް އެތަނުގެ ކުއްޔަށް ދައްކަން ޖެހޭ ލައްކައިން ރުފިޔާ ނުދައްކައި އެތައް ބަޔަކު އެބަތިއްބެވެ. ކުލި ނުދައްކައި ތިބި ގިނަ މީހުން އެފްލެޓުތައް ވަނީ ބޮޑު ކުއްޔަށް އެހެން ފަރާތްތަކަށް ދޫކޮށްފައެވެ.

މުއިއްޒު ރިޔާސީ ކެމްޕެއިންގައި ހިޔާ ފްލެޓުގެ މީހުންނަށްވީ ވައުދަކީ އެތަނުގެ ކުއްޔަށް އަރާފައިވާ ޖުރިމަނާ އާއި އެމުއްދަތުގެ ކުލި މައާފު ކުރައްވާނެކަމަށެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން އެއްބަޔަކަށް ދައުލަތުން މިފަދަ ބޮޑު އެހީތެރިކަމެއް ދިން އިރު އެތައް ހާލުގައި އެތައް ބަޔަކު އެބަ ތިއްބެވެ. އެމިހުންނަށް އެއްވެސް އެހީއެއް ނުވެ ހިޔާ ފްލެޓުގެ ވެރިންނަށް މިފަދައިން ފައިސާ ދިނުމަކީ ކޮން އިންސާފެއް ހެއްޔެވެ.

މުއިއްޒުގެ ވައުދުގެ ތެރެއިން ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރުމުން ދައުލަތުން 1.4 ބިލިއަން ރުފިޔާ ފްލެޓުގެ ހައްގުވެރިންނަށްޓަކައި ދިވެހި އެހެން ހުރިހާ ރައްޔިތުންގެ ފައިސާއިން ބަހާލެވޭނެތޯ އާއްމުން އަންނަނީ ސުވާލު ކުރަމުންނެވެ.

އިންސާފާއި ހަމަހަމަ ވެރިކަމެއް ކުރައްވާނެކަމަށް ވައުދުވީ މުއިއްޒު އަންނަނީ ބޭއިންސާފު ގައުމުގައި އާއްމު ކުރަމުންނެވެ.