މަސް ކިލޯއެއްގެ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ދަށްކުރަނީ

ސަބްސިޑީދީގެން މަސްކިލޯއެއް 25 ރުފިޔާއަށް ނުގަނެވޭނެކަމަށާއި މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފަހައްޓާނެކަމަށް ޑރ. މުއިއްޒު ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ކުރީގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން މަސް ކިލޯއެއް ގަތުމަށް ނިންމާފައިވަނީ ކިލޯއެއް 20 ރުފިޔާއަށް ވުރެ ދަށްނުވާ ގޮތަށްކަމަށެވެ. އަދި މިގޮތަށް ނިންމަން ޖެހެނީ މަސް ގަތުމަށް ދައުލަތުން ބޮޑު ސަބްސިޑީއެއް ދޭން ޖެހޭތީކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑު ކުރުމާއި ގުޅިގެން އަމިއްލަ ވިޔަފާރިތަކުން ވަނީ މަސްވެރިން އަތުން މަސް ގަތުން ހުއްޓާލާފައެވެ.

ޝިޔާމް ވިދާޅުވީ މަހުގެ އަގަށް ބަދަލު ގެނައުމުން އެކަމުގެ އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެނީ މަސް ގަންނަ ޕްރައިވެޓް ކުންފުނިތައް ކަަމަށެވެ. އެ އަގުގަ މަސް ގަނެގެން ނުހިންގޭނެތީ ބައެއް ކުންފުނިތައް މިހާރުވެސް ހުރީ ހުއްޓިފައި ކަމަށާއި އޭގެ ސަބަބުން މަސް ކިރަން ހުރި ފެސިލިޓީތައް މަދުވެ އެތައް ބައެއްގެ ވަޒީފާ ގެއްލޭ ކަމަށް ވިދާޅުވި އެވެ. 

"ޕްރައިވެޓް ކުންފުނިތައް މީގަ ވަރަށް ބޮޑަށް ސްޓްރަގަލް އެބަ ކުރޭ. ދައުލަތުގެ ޒިންމާތަކެއް އެބަ ހުރޭ. އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓިގެންދާއިރު ހައްލުތަކެއް ހޯދައިދޭން ޖެހޭ. ދައުލަތުގެ ސްޓްރެންގްތެއް ނެތް ވަރަކަށް ނުވާނެ ދޯ ހަމަޖައްސާކަށް. އޭރަށް ހަލާކުވާނީ މުޅި ސިނާއަތް،" ޝިޔާމް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވުމަށްފަހުއެވެ. އެގޮތުން ބޮޑު ކަންނެލި ކިލޯއެއް 85 ރުފިޔާއަށް މަތި ކުރުމަށްވަނީ ވައުދުވެފައެވެ. މުއިއްޒު ވައުދުވީ މަސް ކިލޯއެއް 20 ރުފިޔާއަށް ބޮޑު ކުރުމަށެވެ. ނަމަވެސް ރައީސް ސޯލިހު މަސް ކިލޯއެއް މަތި ކުރީ 25 ރުފިޔާއަށެވެ. 

ޝިޔާމްގެ ވާހަކަތަކުން ފާހަގަވީ މަސްކިލޯއެއްގެ އަގު ދަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ.