
ޑރ. މުއިއްޒު އާއި ސަރުކާރު ޕްރޮމޯޓު ކުރުމަށް 150 މިލިއަން ރުފިޔާގެ ބަޖެޓެއް ރައީސް އޮފީހުން ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިން އެކުލަވާލި ބަޖެޓު ހަދާފައިވަނީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލުގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ސަރުކާރާއި ގުޅޭ ހަބަރާއި, ފޮޓޯ އަދި ވީޑިއޯ ހަދައި ސޯޝަލް މީޑިއާގައި ހިންގުން ހިމެނެއެވެ.
އެގިފައިވާ ގޮތުން މި ބަޖެޓުން 50 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވަނީ ދިޔަރެސް ނޫހަށެވެ. ދިޔަރެސް އިން މިހާރުވެސް ވަނީ ޑރ. މުއިއްޒު ޕްރޮމޮޓުކޮށް ލިޔަން ފަށާފައެވެ.
މީގެ އިތުރުންވެސް ސަރުކާރުން ބޭނުންވާ އެެހެން މީޑިއާތައް މެދުވެރިކޮށް ސަރުކާރު ޕްރޮމޯޓު ކުރުމަށް ވަނީ ހިމަނާފައެވެ. އެއީ އޮންލައިން ނޫސް ތަކާއި ޓީވީ ސްޓޭޝަން މެދުވެރިކޮށެވެ.
ރައީސް އޮފީހުން ކުއްލި ގޮތަކަށް ރައީސް ޑރ. މުއިއްޒު ޕްރޮމޯޓު ކުރަން ނިންމީ ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން ސަރުކާރާއި ދެކޮޅުވުމާއި ގުޅިގެން ސަރުކާރު ޕްރެޝަރަށް ވެއްޓުމުންނެވެ.
ޔާމީން މުއިއްޒު އާއި ދެކޮޅުވިކަން ރަސްމީކޮށް އިއްލާން ކުރުމާއި އެކު މި ސަރުކާރުގެ ވަޒީރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ޑރ. މުއިއްޒު އަށް ތާއިދު ކުރާކަން ސޯޝަލް މީޑިއާގައި ދަނީ ހާމަކުރަމުންނެވެ. އަދި ބައެއް ޕީޕީއެމްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންވެސް އަންނަނީ މުއިއްޒު އަށް ތާއިދު ކުރާކަން ހާމަ ކުރަމުންނެވެ.