
"އިންޑިއާ އައުޓް" ތެގް ޖަހައިގެން ރާއްޖޭގެ ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުން އަންނަ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓު އިން 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދީފިއެވެ.
އެނގިފައިވާ ގޮތުގައި އެމްއެމް އެކްސްޕޯޓުން މުއިއްޒުގެ ކެމްޕެއިންނަށް 77 މިލިއަން ރުފިޔާ ހަމަޖެއްސީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒު އެންމެ ގިނަ ވޯޓު ހޯއްދެވުމާއި ގުޅިގެން އިންތިހާބު ދެވަނަ ބުރުގައި ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވުމާއި ގުޅިގެންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޑރ. މުއިއްޒު އާއި ގާތްގުޅުމެއް ބާއްވާ އެމްއެމް އެކްސްޕޯޓަކީ މިވަގުތު ރާއްޖެއަށް ހިލަ, ހިލަވެލި އަދި ސިމެންތި އިންޑިއާއިން އެންމެ ގިނައިން އެތެރެ ކުރާ ކުންފުނިއެވެ. މި ކުންފުންޏަކީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޕީޕީއެމްއަށް އެކިގޮތްގޮތުން ފައިސާ ހަރަދު ކުރި ކުންފުންޏެކެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިންނަށް އެމްއެމް އެކްސްޕޯޓުން ގިނަ އަދަދަކަށް ފައިސާ އެޅި އިރު, ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރާ ކެމްޕެއިނަކީ "އިންޑިއާ އައުޓް" ކެމްޕެއިން ކުރަމުން އަންނަ ބައެކެވެ.