ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދަނީ

ގޭބަންދުގައި މި ވަގުތު ހުންނެވި ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދިއުމުގެ މަސައްކަތް ފަށާފައިމިވަނީ އެމަނިކުފާން ޕީޕީއެމްއިން ވަކިވެ ސީދާ ރައީސް ޑރ. މުއިއްޒު އާއި ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނިކޮށެވެ.

ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށް ފަހުން މާލެ ސަރަހައްދުގެ ބަންދަށް ދޫކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ނަމަވެސް ޑރ. މުއިއްޒު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ ކްރެޑިޓް ނަަގަން މަސައްކަތްކޮށްފައެވެ. އެކަމަކު ޑރ. މުއިއްޒު ބޭނުންފުޅުވީ އޭރުވެސް ރައީސް ޔާމީން ގޭބަންދަށް ބަދަލު ނުކުރުމަށެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ފޮޓޯ ޕީޕީއެމް ސަޕޯޓަރުންނަަށް ވިއްކަވައިގެންނެވެ. އަދި ވެރިކަމަށް ވަޑައިގެން ހުވާ ކުރައްވަން ވަޑައިގަންނަވާނީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ފަހު ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު ވިދާޅުވަނީ ރައީސް ޔާމީން ހުންނެވީ ޖަލު ހުކުމެއްގައި ކަމަށާއި, ކޯޓަށް އެމަނިކުފާން ނުފޫޒު ނުފޯރުވާނެކަމަށެވެ.

ކަރެކްޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ބަދަލު ކުރުމަށް ރައީސް އޮފީހުގެ ފަރާތުން މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފު ކަމަށެވެ. އަލީ އާރިފް އަކީ ރައީސް ޑރ. މުއިއްޒުގެ ދެބެއިންގެ ދެދަރި މީހެކެވެ.

ރައީސް ޔާމީން ރޭ ވަނީ ރަސްމީކޮށް ޕީޕީއެމްއިން ވަކިވެ ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.