ފުށިދިއްގަރު ހޯދަން ބަދަލުގައި 293 މިލިއަން ރުފިޔާ, ބިން ހިއްކަން 400 މިލިއަން!

މުޅިން އާ ޝަހަރެއްގެ ގޮތުގައި ހަދަން ޑރ. މުއިއްޒު ނިންމާފައިވާ ފުށިދިއްގަރުގެ ބަދަލުގެ ގޮތުގައި 293 މިލިއަން ރުފިޔާ ޕްރައިމް ކެޕިޓަލް މޯލްޑިވްސްއަށް ދިނުމަށް ފަހު އެތަނުގެ ބިން ހިއްކަން 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފިއެވެ.

ފުށިދިއްގަރު މައްސަލާގައި ދައުލަތުން ޕްރައިމް ކެޕިޓަލް މޯލްޑިވްސް އަށް ބަދަލުގެ ގޮތުގައި 277 މިލިއަން ރުފިޔާ ދޭން ޖެހުނީ ޑރ. މުއިއްޒުގެ ބަންޑާރަ ނައިބް އަހުމަދު އުޝާމް ކުރިން އޭޖީ އޮފީހުގައި ހުރެ އޭނާ އެ މައްސަލާގައި ދައުވާ ކުރުން ލަސްކުރުމާއި ގުޅިގެންނެވެ. އެ މައްްސަލަ އާއި ގުޅިގެން އުޝާމްގެ މައްސަލަ ބެލުމަށް 2020 ވަނަ އަހަރު އޭސީސީއިން ވެސް ވަނީ ނިންމާފައެވެ.

ފުށިދިއްގަރު ފަޅު ޕްރައިމް ކެޕިޓަލް މޯލްޑިވްސް އަށް ތަރައްޤީ ކުރުމަށް ދީފައިވަނީ ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި 2013 ވަނަ އަހަރުއެވެ. އޭރު އެފަޅުން ދައުލަތަށް ލިބުނީ އެންމެ 9 މިލިއަން ޑޮލަރެވެ. ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި އެޑީލް ނިންމީ އޭރުގެ ފިނޭންސް މިނިސްޓަރ ޖިހާދު އާއި ޓޫރިޒަމް މިނިސްޓަރ އަދީބުއެވެ.

މާލެ އަތޮޅު ގުޅީގެ އުތުރުން އޮންނަ ފުށިދިއްގަރު ފަަޅަކީ 1،475 ހެކްޓަރުގެ ބިޔަ ފަޅެކެވެ. މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މި ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އެކަމަށްޓަކައި 400 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

މި މަޝްރޫއު އިއުލާންކުރި ހިސާބުން މި ފަޅުގެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާތީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވިދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފެއްދި އެވެ.

ކުރީގެ ހަބަރުތަކުން އެނގޭ ގޮތުގައި މި ފަޅު ކުއްޔަށް ދިނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ކިޔާ ކުންފުންޏަކަށެވެ. ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުންޏަކީ ޔޫކްރެއިންގެ ބަޔަކާ ގުޅުން އޮންނަ ކުންފުންޏެކެވެ.

މި ފަޅުގެ މައްސަލަ އެންމެ ފުރަތަމަ ހިލުވާލީ 2013ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އެ ފަހަރު ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވި އުމަރު ނަސީރެވެ.

އުމަރު އޭރު ތުހުމަތުކުރެއްވި ގޮތުގައި، އޭނާއާ ވާދަކުރައްވާ ޕީޕީއެމްގެ ޓިކެޓު ކާމިޔާބުކުރެއްވި އަބްދުﷲ ޔާމީންގެ މޭސްތިރިކަމުގެ ދަށުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފިނޭންސް މިނިސްޓަރު ޖިހާދު ވަނީ އެ ފަޅު 50 އަހަރަށް ވިއްކާލައިފަ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އުސޫލުން ބޭރުން ފަޅު ވިއްކާލީ ޔާމީންގެ ކެމްޕެއިނަށް ފައިސާ ހޯދާށެވެ.

އުމަރުގެ މި ތުހުމަތުތައް، އެ މުއާމަލާތާ ގުޅޭ ލިޔެކިޔުންތަކާ އެކީ، އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހެޅި އެވެ. ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި ވަނިކޮށް ޕްރައިމް ކެޕިޓަލުން ދިވެހި ސަރުކާރުން އެއްބަސްވުމަށް އަމަލުނުކުރާ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕްރައިމް ކެޕިޓަލުން އެދުނީ ސަރުކާރާ އެކީ އެއްބަސްވެފައިވާ ގޮތަށް ދައުލަތުގެ 25 ޕަސެންޓު ހިއްސާ އަދި ބާކީ އެ ކުންފުނިން ހިއްސާވާ ގޮތަށް އުފައްދާ ޖޮއިންޓް ވެންޗާ ކުންފުނި އުފައްދަން ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ސިވިލް ކޯޓުން މައްސަލަ ނިންމީ އެ ކުންފުނިން އެދުނު ގޮތަށެވެ.