ޔާމީންގެ ސިޔާސީ ކެރިއާ ނިމުނީ: އަދުރޭ

ޕީޕީއެމްއިން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވާ ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސިޔާސީ ކެރިއާ ނިމުނީ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒާރ ފޮނަދޫ އަދުރޭ ބުނެފިއެވެ.

އަދުރޭ މިފަދައިން ބުނެފައިވަނީ ޕީއެންސީގެ އިސްވެރިން ތިއްބަވާ ގްރޫޕެއްގައެވެ. ރައީސް ޔާމީން ރޭ ވަނީ ޕީޕީއެމްއިން ވަކިވެ އާ ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދުރޭ ބުނީ ރައީސް ޔާމީންގެ އަމިއްލަ އެދުން މާބޮޑުވީ ކަމަށާއި އެމަނިކުފާންގެ ސިޔާސީ ކެރިއާ އެއްކޮށް ސިއްކަ ޖެހުނީ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ރޭ ޗެނަލް 13 ގައި ވިދާޅުވީ މިއީ ޔާމީނަށް ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ.

"އެކަމަކު އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވޭ ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ޑރ. [މުހަންމަދު] މުއިއްޒު ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ. އަދި ލީޑާޝިޕުން ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،" ޖަމީލް ވިދާޅުވި އެވެ.

"ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ."

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭ ގެންދަވަނީ ޔާމީނަށް ވަރަށް ހުތުރުކޮށް މުހާތަބު ކުރަމުންނެވެ. އެގޮތުން މިހާރު އަދުރޭ ރައީސް ޔާމީނަށް މުއާތަބު ކުރަނީ "އޅ" ކަމަށެވެ.