
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ފެށި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލޭ ބުރިޖުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ތަކުން، އެ ބްރިޖްގެ ކޮލިޓީއާމެދު ކަންބޮޑުވާފަދަ ކަމެއް ފާހަގަވެފައިނުވާ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރަމުންދަނީ އިންޑިޔާގެ އެފްކޮންސް އާއި ހަވާލު ކޮށްގެންނެވެ. ރައީސް ޞާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢު ތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުންތައް އަމާޒުވީ އެފްކޮންސް އިން އެމަސައްކަތް ކުރަމުންދާ ގޮތާއިމެދުއެވެ. އެގޮތުން، ބްރިޖުގެ މަސައްކަތައް ގެނައި ޕްލެޓްފޯމް ފަރަށް އެރި މައްސަލައާއި، ޓެސްޓް ޕައިލް ހުރި ގޮތުން، ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ސަރުކާރަށް އަމާޒުވެގެންދިޔައެވެ. އަދި އެއާއެކު ބްރިޖުގެ ކޮލިޓީއާމެދު މެދުވެސް ގިނަ ބައެއް ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެ ސަރުކާރު ބަދަލުވެ، އައު ސަރުކާރުގެ ދައުރު މިހާރު ފެށިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި، މިނިސްޓަރ މުއްޠަލިބުގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކުން އިއްޔެ ވަނީ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
އެގޮތުން، ސަރުކާރަށް ފާހަގަވި ކަންކަމާއި ގުޅޭގޮތުން، މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، ބްރިޖުގެ މަސައްކަތާއި ގުޅިގެން ފާޑުކީ ފަރާތްތަކުން، ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތަށް ފާޑުކިޔާފައިވާ ކަމަށެވެ. އަދި އެފްކޮންސް އިން އެ މަސައްކަތް ކޮށްފައިވަނީ "އެންމެ ބެސްޓް ޕްރެކްޓިސް" ނުވަތަ އެކަން ކުރަންވީ އެންމެ ރަނގަޅަށް ނޫން ކަމަށްވިޔަސް، މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ހަވާލުކުރެވިފައިވާ ކޮންސަލްޓަންޓުން، އެ މަސައްކަތް ކުރާ ހުރިހާ ވަގުތެއްގައި އެތަނުގައި ތިބޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކަމުން ބްރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވަންޖެހޭ ކަމެއް މިހާތަނަށް ފާހަގަވެފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.