ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުން އަންނަ އިރު ޕީޕީއެމް މެމްބަރުން ހޭބޯނާރާ މަސައްކަތް ކުރައްވަނީ ޑރ. މުއިއްޒު ވެރިކަމަށް ގެނެސް ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލަ އަދި ނުނިމެއެވެ. ދަށު ކޯޓުން އިއްވި ހުކުމަށް ހައި ކޯޓުން ވަނީ ތާއިދުކޮށްފައެވެ. އަދި އެ ހުކުމް ސްޕްރީމް ކޯޓަށް ހުށަހަޅައި އެކަމަށް ގޮތެއް ނިންމަން ޖެހެއެވެ.
މި ހާލަތުގައި ރައީސް ޔާމީން ހުންނަވަނިކޮށް ޕީޕީއެމް މެމްބަރުން ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބު ކުރިއަސް ރައީސް ޔާމީނަކަށް އޮތް ފައިދާއެެއް ނެތެވެ. ކެމްޕެއިން ޖަލްސާއެއްގައި ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް މިނިވަން ކުރައްވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވިއަސް ގާނޫނީ ގޮތުން ޑރ. މުއިއްޒަކަށް އެބާރެއް ނުލިބެއެވެ.
ރައީސް ޔާމީންގެ ފޮޓޯ މެދުގައި ޖައްސަވައިގެން ޕީޕީއެމްގެ އާއްމު މެމްބަރުންގެ މަސައްކަތުން މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ އިރު ރައީސް ޔާމީންގެ ޖަލު ހުުކުމާއި ދެކޮޅަށް އާއްމު މެމްބަރުން މަގުތަކަށް ނިކުމެ އިހްތިޖާޖުކޮށް ޖަލަށް ގޮސް ހެދި އިރު ޑރ. މުއިއްޒު ހުންނެވީ ކޮންތާކުތޯއެވެ. އެކަން ރައީސް ޔާމީންގެ އެއްވެސް ސަޕޯޓަރަކު ބެލިން ހެއްޔެވެ.
ޕީޕީއެމް މެމްބަރުންގެ މުއިއްޒު ރައީސު ކަމަށް އިންތިހާބު ކުރަން ކިތަންމެ ބުރަ މަސައްކަތެއް ކުރިއަސް މުއިއްޒު ރައީސް ޔާމީނަކަށް ވަފާތެރި ނުވާނެެއެވެ. މިއީ ހަގީގަތެވެ. ޕީޕީއެމް މެމްބަރުންގެ ބުރަ މަސައްކަތުން މާލެ ސިޓީގެ މޭޔަރ ކަމަށް ޑރ. މުއިއްޒު އިންތިހާބު ކުރުމުން ވީ ކިހިނެއް ހެއްޔެވެ?
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމް އިއްވުމާއި އެކު ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެއްޓެވިއެވެ. ޕީޕީއެމްގެ ސެނެޓްގެ މެޖޯރިޓީ މެމްބަރުންނަށް މާލެ ސިޓީ ކައުންސިލުން ބޮޑެތި މަގާމުތައްދީ ބޮޑެތި އަދަދުން މުސާރަދޭން ފެށިއެވެ. އަދި މަޑު މަޑުން ފައިސާ އެއްކޮށް ކެމްޕެއިން ސިއްރިޔާތުގައި ފެށިއެވެ.
ރައީސް ޔާމީންގެ ޖަލު ހުކުމުން ދަމަހައްޓައި އެމަނިކުފާން ޖަލުގައި ބޭއްވޭތޯ މި ސަރުކާރާއި އެކުވެސް ޑީލް ހެއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިއްލާން ކުރުމާއި އެކު ދެން ބެއްލެވީ ޕީޕީއެމްގެ ޓިކެޓު ހޯއްދެވުމަށެވެ. ނަމަވެސް ޕާޓީގެ ސެނެޓުން ރައީސް ޔާމީނަށް ޓިކެޓު އެރުވުމުން އަނެއްކާވެސް މިސްރާބު ޖެހީ ޔާމީންގެ އަތުން ޓިކެޓު ލިބޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ. ރައީސް ޔާމީންގެ ރިޔާސީ ޓިކެޓާއި ގުޅޭގޮތުން ސްޕްރީމު ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތްތައް ޑރ. މުއިއްޒު ގެންދެވީ ހީލަތްތެރިކަމާއި އެކު ބައްލަވަމުންނެވެ. އަދި ޕީޕީއެމް ސެނެޓުގައި މަސައްކަތް ކުރެއްވީ އެ ޓިކެޓު އަނބުރާ ހޯއްދެވުމަށެވެ.
ރައީސް ޔާމީންއަށް މި އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމަނިކުފާނަށް ގަބޫލުވި ހިސާބުން ޕީޕީއެމް ޑރ. މުއިއްޒުއަށް ޓިކެޓު ނުދެއްވައި ކޯލިޝަނުގައި ހިމެނޭ ޕީއެންސީއަށް އެންގީ އިންތިހާބުގައި ވާދަ ކުރުމަށް ތައްޔާރުވުމަށެވެ. އެއީ ޕީއެންސީގައި ތިއްބެ މުހައްމަދު ސައީދު އާއި އާދަމް ޝަރީފު ފަދަ ފަރާތްތަކަށް އިތުބާރު އޮތީމައެެވެ.
ރައީސް ޔާމީން އެގޮތަށް އެންގުމާއި އެކު ޑރ. މުއިއްޒު ޕީޕީއެމް ވަކިވެ ޕީއެންސީއަށް ސޮއި ކުރިއެވެ. އޭރު ގާތްގަޑަކަށް ރައީސް ޔާމީނަށް ވަނީ ގޮތް ހުސްވެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހުރިހާ ދޮރެއްވަނީ ބަންދުވެފައެވެ.
ސްޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ހުކުމް ކުރިއިރި މުއިއްޒު ވަނީ ޕީއެންސީގެ ސެނެޓްގެ މެޖޯރިޓީވެސް ގަނެފައެވެ. އާދަމް ޝަރީފާއި ވާދަކޮށް މުއިއްޒު ޕީއެންސީގެ ޓިކެޓު ހޯއްދަވައި ރައީސް ޔާމީން "ސައިޒު"ކޮށް, ގަން ޕޮއިންޓަށް ގެނެސްފައެވެ.
މިއަދު ޕީޕީއެމް މެމްބަރުންނަށް ރައީސް ޔާމީންގެ ފޮޓޯ ދައްކަވައި އެފޮޓޯގެ ނިވަލުގައި ހީލަތްތެރިކަމާއި އެކު މުއިއްޒު މަސައްކަތް ކުރައްވަމުން އަންނަ އިރު މިހާރުވެސް ޕްލޭންގައި އޮތީ ޔާމީން ޖަލުގައި ބާއްވައިގެން ކެބިނެޓު ނަގައި, ހުވާ ކުރުމަށެވެ.
ކިބުރުވެެރި ބޮޑާކަމެއް ލިބިފައިވާ މުއިއްޒު މިހާރުވެސް ރައީސް ޔާމީންގެ ވަފާތެރިން ގެންދަވަނީ ކެމްޕެއިންގެ ތެރެއިން އެއްފަރާތް ކުރައްވަމުންނެވެ. ކެބިނެޓަށް ގެންނަން ނިންމާފައިވަނީ ރައީސް ޔާމީނާއި ގުޅުން ނެތް މީހުންނެވެ. މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ ވަކި މީހަކު ބުނާ ބަޔަކު ކެބިނެޓަށް ނުލާނެ ކަމަށެވެ.
ޑރ. މުއިއްޒު އެ ވިދާޅުވާ "ވަކި މީހަކީ" ކާކު ހެއްޔެވެ. ޕީޕީއެމް މެމްބަރުންނަށް އެއްވެސް އެއްޗެއް ފަހުން އެބަވޭ ހެއްޔެވެ. ރައީސް ޔާމީން މިނިވަން ކުރުމުގެ ނިޔަތުގައި ޑރ. މުއިއްޒު ރައީސް ކަމަށް ގެނެސްފިނަމަ އެއީ ޕީޕީއެމް މެމްބަރުން ކުރާނެ އެންމެ މޮޔަކަމެވެ. އިސާހިކަތު މެމްބަރުންނަށް އެކަން ވިސްނޭއިރު މުއިއްޒު ހުންނާނީ ރިޔާސީ ޓިކެޓު ޖަހައިގަތް ގޮތަށް ތިޔަ ޕީޕީއެމް ޖަހައިގަނެ ޕާޓީއަށް އަތްގަދަކޮށްފައެވެ. ރައީސް ޔާމީން އޮންނަވަން ޖެހޭނީ ޖަލުގައެވެ. ތިޔަ މެމްބަރުން ތިއްބަވަން ޖެހޭނީ އެމަނިކުފާނާއި އެކު ހުރަގޭގައެވެ.