ސިފައިންނާއި ފުލުހުންގެ މުސާރަ ރައީސް މުއިއްޒު ވައުދުވިޔަސް ބޮޑު ނުކުރެވޭނެ: ފިނޭންސް މިނިސްޓަރ

ރިޔާސީ ވައުދެއްގެ ގޮތުގައި ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރައްވަން ވައުދުވި ނަމަވެސް މުސާރަ ބޮޑުކޮށްދެވެން ނެތަކްމަށް އާ މާލީ ވަޒީރު ފޭކު ޕީއެޗްޑީ ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ރައްޔިޔުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުالله ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަފީގު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަ ކުރެވެން ނެތް ކަމަށެވެ. އަދި އެކަން ކުރެވޭނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން ޝަފީގު އެވާހަކައަށް ސީދާ ޖަވާބެއް ނުދެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މުއިއްޒު ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

"ފުލުހުންނާއި ސިފައިންގެ މުސާރާ މިހާރު ހުރި މުސާރައަށްވުރެ ދެ ގުނަ ބޮޑުކޮށް ދޭނަން." މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ ސަރުކާރުއެއްގައި އެންމެ އިސްކަމެއްދޭނީ ގައުމީ ފަހުރު ކަމަށްވާ ސިފައިންނާއި ފުލުހުންނަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ކުޅޭ ކުޅޭ ބޯޅައެއްހެން ޖަހަން ގެންގުޅޭ ތަނަކަށް އެ ދެ ތަން ހެދިޔަ ނުދޭނަން" މުއިއްޒު ވިދާޅުވިއެވެ.