
ރިޔާސީ އިންތިހާބު ކާމިޔާބުވީ ފަހުން ރައީސް އަބްދުالله ޔާމީން ތަކުރާރުކޮށް ޑރ. މުއިއްޒު އާއި ނައިބް ރައިސް ސެމްބެ އަށް ގުޅުމުންވެސް ފޯނު ނުނަންގަވާކަމަށް ޕީޕީއެމް ސެނެޓު މެމްބަރަކު ބުނެފިއެވެ.
ކުރުސީއަށް މައުލޫމާތިު ދެމުން ސެނެޓަރު ބުނީ ރައިސް ޔާމީން ޖަލުން ގޭބަންދަށް ވަޑައިގެން ޑރ. މުއިއްޒުއަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވި ކަމަށެވެ. އަދި ފަހުން ނައިބް ރައީސް ސެމްބެއަށްވެސް ރައީސް ޔާމީން ގުޅުއްވި ކަމަށެވެ. ނަމަވެސް ސެމްބެވެސް ފޯނަށް ޖަވާބެއް ނުދެއްވިކަމަށެވެ.
"ޔާމީންގެ ފޯނަށް މުއިއްޒު ޖަވާބު ނުދެއްވާތީ މިހާރު އެ ރުޅިގަދަވެގެން އެ އުޅެނީ. މިއީ ޔާމީން ފާޅުގައި މުއިއްޒާ ދެކޮޅަށް ނުކުތުން،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި އެ ސެނެޓަރު ވިދާޅުވި އެވެ.
ޔާމީން އާއި ރައީސް މުއިއްޒުއާ ދެމެދު ގުޅުން ކެނޑުނީ، މާފުށީ ޖަލުން ޔާމީން ގެއަށް ބަދަލުކުރި ފަހުން ސޯޝަލް ސެންޓަރުގައި ބޭއްވި ސަޕޯޓަރުންގެ އެއްވުމަކާ އެކު އެވެ. ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީގެ އަގުވަޒަންކޮށް، ސަޕޯޓަރުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން އިންތިޒާމްކުރި އެއް ބައްދަލުވުމުގެ ވާހަކަ، ޔަމީން ގެއަށް ބަދަލުކުރި ދުވަހު، މަގުމަތީގައި ހުންނަވައި، ރައީސް މުއިއްޒު ދެންނެވި ކަމަށްވެ އެވެ. ނަމަވެސް ޔާމީން ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވި ކަމަށް ވަނީ 'ފުރަތަމަ އުޅެންވީ އަޅުގަނޑު މިނިވަންކުރުމުގެ ކަންކަމުގައި ނޫންތޯ' އެވެ.
ނަމަވެސް ކުރިން ހަމަޖައްސާފައި އޮތް ކަމަކަށް ވާތީ، އެ ބޮޑު އެއްވުން ސޯޝަލް ސެންޓަރުގައި ބޭއްވި އެވެ. އެރޭ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަން އުޅުއްވަނިކޮށް ޔާމީން ދެތިން ފަހަރަކު ފޯނުން ގުޅުއްވި ކަމަށްވެ އެވެ. ނަމަވެސް އެކަހަލަ ބޮޑު ބައްދަލުވުމެއްގައި އެވަގުތު ފޯނަށް ޖަވާބު ނުދެއްވޭނެތީ ރައީސް މުއިއްޒު އެ ފޯނެއް ނުނަންގަވަ އެވެ. އޭގެ ފަހުން ޔާމީން ދެން ގުޅުއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަށެވެ. ނަމަވެސް އެމަނިކުފާނު ވެސް އެ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ދެން އެތަނުގައި ހުންނެވި ޕީޕީއެމްގެ އިސް އެހެން ބޭފުޅަކަށް ގުޅުއްވި އެވެ. އެ ބޭފުޅާ ފޯނު ނެންގެވުމުން ވަރަށް ކޯފާ އިސްކުރައްވާ ޔާމީން ވާހަކަފުޅު ދެއްކެވި ކަމަށްވެ އެވެ. އަދި މައާފަށް އެދި މުއިއްޒުގެ ފަރާތުން ބަޔާނެއް ނެރެން ޖެހޭނެ ކަމަށް ވެސް، ޔާމީން ވިދާޅުވި ކަމަށް، އެ މައުލޫމާތު އެނގި ހުރި އެހެން ބޭފުޅަކު ކިޔައިދެއްވި އެވެ.
ޔާމީން ވަނީ ޕީޕީއެމް ހިންގަން ވަކި ޓީމެއް ނަގާފައެވެ. އަދި ޕީޕީއެމް އޮފީހަށް ޕީއެންސީ އާއި މުއިއްޒުގެ ސަޕޯޓަރުންނަށް ނުވަދެވޭ ގޮތް ހަދާފައެވެ..