މުއިއްޒުގެ ވެރިކަމުގެ 3 ވަނަ ދުވަސް: ޓްރާންސްޕޯޓު މިނިސްޓަރ އަމީނަށް ބަދަލުގެ ގޮތުގައި 2 މިލިއަން ރުފިޔާ

މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، އައިލެންޑް އޭވިޝަން ސާވިސްގައި ކުރިން އަދާކުރަމުން ދިޔަ ވަޒީފާއިން ވަކި ކުރި މައްސަލާގައި އޭނާއަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދެވޭ ގޮތަށް އެއްބަސްވެ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފި އެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލު ކޮށްފައިވަނީ، މިނިސްޓަރުކަމަށް ވަަޑައިގެންނެވިތާ 3 ވަނަ އަށް ވީދުވަހުއެވެ. މައްސަލައަކަށް ވެފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރ ކަމަށް ވަޑައިގެން އަމިއްލަ މަސްލަހަތު އޮތް މައްސަލައެއް އަވަސް އަރުވާލައިގެން ކޯޓުން ބޭރުން ނިންމައި އެ ފައިސާ ހޯދުމެވެ.

މުއިއްޒުގެ ސަރުކާރުން މިކަމާއި ގުޅިގެން އިތުރު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި މިކަން ހިންގާފައިވަނީ މުއިއްޒާއި މަޝްވަރާ ކުރެވިގެން ކަމުގައި މައުލޫމާތު ލިބެއެވެ.

ކޯޓަށް ބާރު ފޯރުވުން ނިމުނީކަމަށް، ހުވާކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަ ފުޅުގައި، މުއިއްޒު ވިދާޅުވުމަށް ފަހު، ރައީސް ނަޝީދުގެ ކޮއްކޯފުޅުގެ އެއްޖިންސުން ގުޅުންހިންގި މައްސަލައިގެ ޝަރީއަތް ޕީޖީ މެދުވެރިކޮށް ބާތިލް ކޮށްދެއްވީ މުއިއްޒާއި، ނަޝީދާއި ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ތެރެއިންކަން ވަނީ ހާމަ ވެފައވެެ.

އަމީން ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަ ފްލައިޓް އޮޕަރޭޝަންގެ މަގާމުގަ އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ޖޫން 2019، ގަ އެވެ. އެ މައްސަލަ އަމީން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ހުކުމް ކުރީ އަމީނާ އެއްކޮޅަށެވެ.

ސިވިލް އޭވިއޭޝަންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އިސްތިއުނާފުގެ މައްސަލަ ނިންމައި ހައި ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްފައިވާތީ މައްސަލަ ނިމިފައިވާ ކަމަށެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން، އެއްބަސްވެފައިވަނީ އަމީނަށް 2،202،580.02 ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެއްބަސްވުމާ ހަމައަށް ވާސިލްވި ދުވަހަށް އޭނާއަށް ދޭން ޖެހޭ މުސާރައާއި އިނާޔަތެވެ.

ސިވިލް ކޯޓުން ވެސް ހުކުމް ކުރީ އަމީން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް އޭނާއަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ އަދަދު ދިނުމަށެވެ. އަދި އޭނާގެ ވަޒީފާ އިޔާދަކުރުމަށް ނުވަތަ އެ ފެންވަރުގެ މަގާމެއްގެ އެހެން ވަޒީފާއެއް އެ ތަނުން ދިނުމަށެވެ