
ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތައް މަޑުޖައްސާލި ނަމަވެސް ފުށިދިއްގަރުފަޅު ހިއްކުން ކުރިއަށްގެންދާނާނެކަމަށް ފިނޭންސް މިނިސްޓަރ ފޭކް ޕީއެޗްޑީ ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީ ބައްދަލުވުމުގައި ޝަފީގު ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ 400 މިލިއަން ރުފިޔާ އަކީ ފުށިދިއްގަރުފަޅު ހިއްކައި އެތަނުގައި ބޮޑު ސިޓީއެއް ހެދުމަށް ހިމަނާފައިވާ ފައިސާކަމަށެވެ. އަދި އެމަސައްކަތް ވަރަށް އަވަހަށް ފަށައިގަނެ އެމަންޒަރު ރައްޔިތުންނަށް އަންނަ 2024 ވަނަ އަހަރު ފެންނާނެކަމަށެވެ.
ދައުލަތުގެ ދަރަނި 119 ބިލިއަނަށް އަރާއިރު އަދި މި އަހަރު ނިމުމުގެ ކުރިން ބަޖެޓް ސަޕޯޓަށް 400 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ސަރުކާރުގެ ވިސްނުން ހުރީ ރަށްރަށުގައި ކުރިއަށްދާ ޕީއެސްއައިޕީ މަޝްރޫއުތައް މަޑުޖައްސާލުމަށްކަމަށް ޝަފީގު ވަނީ ވިދާޅުވެފައެވެ.
ޝަފީގު ތަކުރާރުކޮށް ވިދާޅުވީ ރަށްތަކުގައި ކުރިއަށްދާ މަސައްކަތް ރިވިއުކޮށް އޭގެތެރެއިން ބައެއް މަސައްކަތް މަޑު ޖައްސާލުން ނޫން ގޮތެއް ނޯންނާނެކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ބަޖެޓު ކުރެވިފައިވާ ކަންކަމަކީ ރައްޔިތުންނަށް ބޭނުންވާ މުހިއްމުކަންކަން އެކަމަކު ބަޖެޓަށް ބޭނުންވާ ފައިސާ ނުލިބިއްޖެނަމަ ހަރަދު ކުޑަކުރުމަށް ކުރެވޭނެ ކަމަކީ މަޝްރޫއުތައް ހުއްޓާލުން" ޝަފީގު ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވީ ސަރުކާރުގެ އަމާޒު ހުރީ މެދު އިރުމަތިން ބަޖެޓު ސަޕޯޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށެވެ. ނަމަވެސް ސީދާ ފައިސާ ހަމަޖެހޭނެކަމަށް ބުނަން ނޭގޭކަމަށެވެ.
ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގުއަކީ ކެމްބޯޑިއާގެ ޔުނިވާސިޓީ އަކުން ފޭކް ޕީއެޗްޑީއެއް ހާސިލްކޮށްފައިވާ މީހެކެވެ. ފިނޭންސް މިނިސްޓަރގެ މަގާމަށް ޝަފީގު އައްޔަންކޮށްފައިވަނީ ފޮނަދޫ އަބްދުއް ރަހީމްގެ ބާރުގައެވެ. ޝަފީގަކީ ލ. ފޮނަދޫއަށް ނިސްބަތްވާ މީހެކެވެ.