ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭކަށް ނެތް: ފިނޭންސް މިނިސްޓަރ

ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތައް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ފޭކް ޕީއެޗްޑީ ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީ ބައްދަލުވުމުގައި ޝަފީގު ވިދާޅުވީ ސަރުކާރުން ރަށް ރަށުގައި ކުރިއަށް ގެންދާ 1720 މަޝްރޫއު މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ހިންގަން ބަޖެޓު ކުރި 300 މަޝްރޫއުވެސް މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ޝަފީގު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ ބަޖެޓު ސްޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު އަންނަ މަހު ކުރީކޮޅު ނުލިބިއްޖެނަމަ ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ވިސްނާފައިވަނީ ރަށްރަށުގަިއ ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓާލައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ބަޖެޓު ކުރެވިފައިވާ ކަންކަމަކީ ރައްޔިތުންނަށް ބޭނުންވާ މުހިއްމުކަންކަން އެކަމަކު ބަޖެޓަށް ބޭނުންވާ ފައިސާ ނުލިބިއްޖެނަމަ ހަރަދު ކުޑަކުރުމަށް ކުރެވޭނެ ކަމަކީ މަޝްރޫއުތައް ހުއްޓާލުން" ޝަފީގު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ ސަރުކާރުގެ އަމާޒު ހުރީ މެދު އިރުމަތިން ބަޖެޓު ސަޕޯޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށެވެ. ނަމަވެސް ސީދާ ފައިސާ ހަމަޖެހޭނެކަމަށް ބުނަން ނޭގޭކަމަށެވެ.

ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގުއަކީ ކެމްބޯޑިއާގެ ޔުނިވާސިޓީ އަކުން ފޭކް ޕީއެޗްޑީއެއް ހާސިލްކޮށްފައިވާ މީހެކެވެ. ފިނޭންސް މިނިސްޓަރގެ މަގާމަށް ޝަފީގު އައްޔަންކޮށްފައިވަނީ ފޮނަދޫ އަބްދުއް ރަހީމްގެ ބާރުގައެވެ. ޝަފީގަކީ ލ. ފޮނަދޫއަށް ނިސްބަތްވާ މީހެކެވެ.