މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަސް: 92 މީހަކު ވަޒީފާއިން ވަކިކޮށްފި

ރައީސް ޑޮކްޓަރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކަނިވެސް 92 މީހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ރައީސުލް ޖުމްހުރިއްޔާއަށް ލިބިގެންވާ ބާރުގެ ތެރެއިން ގިނައިން ވަކިކޮށްފައިވަނީ ރައީސް އޮފީހުގެ އެކި މަގާމުތަކުގައި ތިބި ދާއިމީ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ރައީސް އޮފީހު ލީގަލް ޑިޕާޓްމަންޓާއި, އެކި އެކި ޑިޕާޓްމަންޓު ތަކުގައި ތިބި މުވައްޒަފުން ހިމެނެއެވެ. ވަޒީފާއިން ކުއްލި ގޮތަކަށް ވަކިކުރި މުވައްޒަފުންގެ ތެރޭގައި 2015 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ހިމެނެއެވެ.

މުއިއްޒު މަގާމާއި ހަވާލުވި ދުވަހުގެ ރޭ 06 މުވައްޒަފަކު ވަޒީފާއިން ވަކިކުރި އިރު ބާކީ ތިބި މުވައްޒަފުން ވަކިކޮށްފައިވަނީ ނޮވެމްބަރ 19 ވަނަ ދުވަހުއެވެ. ވަކި ކުރި ގިނަ މުވައްޒަފުންނަކީ ކިޔަވައިގެން ތިބި ފަންނީ ދާއިރާގެ ތަޖްރިބާ ހޯއްދަވާފައިވާ ވަކި ސިޔާސީ ފިކުރަކަށް ތާއިދު ނުކުރާ މުވައްޒަފުންނެވެ.

ރައީސްކަމަށް ކެމްޕެއިން ކުރެއްވި އިރު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ސިޔާސީ ވަޒީފާގައި ތިބި މީހުން ފިޔަވައި ބާކީ މީހުންގެ ވަޒީފާ ނުގެއްލޭނެކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ ވަޒީފާ ގެއްލުނީ ރައީސް އޮފީހުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ.

ރައީސް އޮފީހުން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި އިރު މިހާތަނަށް ރައީސް އޮފީހަށް ވަނީ 11 މިނިސްޓަރަކު އައްޔަންކޮށްފައެވެ. އަދި ގިނަ ސިޔާސީ މަގާމަށް މީހުން ވައްދާފައިވާ އިރު އެމީހުންގެ މައުލޫމާތެއް ރައީސް އޮފީހުން ހާމަ ނުކުރެއެވެ.