
ރައީސް ޔާމީނަކީ ކިބުރުވެރި ބޮޑާ ބޭފުޅެއް ކަމަށް ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ މުސްތަށާރު އަބްދުއް ރަހީމް އަބްދުالله ( އަދުރޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫހަށް އަދުރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި ކަމުދާ ބޭފުޅެއް ނޫންކަމަށެވެ.
އަދި ޔާމީނާއި ފުރަތަމަ ބައްދަލު ކުރީ ކުރީގެ މެމްބަރު ޖަނގިޔާ ނާޒިމް ބުނެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ ޔާމީނާއި ގުޅޭގޮތުން އަޑު އިވެނީ ވަރަށް ކިބުރުވެރި ބޮޑާ މީހެއް ކަމަށެވެ. އަދި ފެންވަރަނީވެސް މިނަރަލް ވޯޓާއިން ކަމަށެވެ. އެހެންވެ ޔާމީނަކީ އޭރު އެއްގޮތަކަށްވެސް ކަމުދާ މީހެއް ނޫންކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޑރ. މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ނިކުމެއްޖިއްޔާ އޭގެ ގެއްލުން ލިބޭނީ ޔާމީނަށް ކަމަށް ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަކީ ރާއްޖޭގައި މިވަގުތު ހުންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ބޭފުޅާ ކަމަށާއި ލިބިވަޑައިގަނެފައި ހުރި ތަޖުރިބާގެ އަލީގައި އަމިއްލަ ޕާޓީގެ ކޯލިޝަނަށް ގެއްލުމެއް ލިބޭނެ ފަދަ ކަމެއް ޔާމީން ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ޔާމީން، ރައީސް ޔާމީން ނިސްބަތްވެލައްވާ ކޯލިޝަންގެ ވެރިކަމަށް ގެއްލުމެއް ވާނެފަދަ ކަމެއް ކުރައްވާނެ ކަމަކަށް، ކުރައްވައިފިއްޔާ އޭގެ މާނައަކީ ރައީސް ޔާމީނު ވެސް އަމިއްލަ އެދުމޭ އިސްކުރީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ތެރޭގައި ޖެހުނު މައްސަލަތަކުގައި ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފާ ބޭބޭފުޅު، މައުމޫން އަބްދުލްގައްޔޫމް އާއި ޔާމީންއާ ދޭތެރޭގައި ކަންތައްތައް ހިނގައިދިޔަ ގޮތާއި ރައީސް ނަޝީދުއާއި އިބްރާހިމް މުހައްމަދު ސޯލިހުއާ ދެބޭފުޅުންގެ ދޭތެރޭގައި ކަންތައް ހިނގައިދިޔަ ގޮތް ވެސް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ އިތުރުން، ޔާމީންއަކީ މައުމޫންގެ ސަރުކާރުގައި ވެސް 15 ވަރަކަށް އަހަރު މިނިސްޓަރު ކަން ކުރެއްވި ބޭފުޅެއްކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.
"މިވަރުގެ ތަޖުރިބާތަކެއް ހުރީމާ ރައީސް ޔާމީން އެވަރުގެ ގޯހެއް ހައްދަވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ރައީސް ޔާމީން އަޅުގަނޑަށް ފެންނަނީ މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ސަރުކާރަށް ޔާމީންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވިއްކެވީ ވެސް ޔާމީންގެ ފޮޓޯފުޅެވެ. ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ވެސްމެ އެވެ.