ހެދި ދޮގު ފަޅާއަރައިފި, ރާއްޖޭގައި ތިބީ ޔާމީނާއި ވަހީދު ސަރުކާރުން ގެނައި ސިފައިން

ރާއްޖޭގެ އެކި ރަށްތަކުގައި އެތައް ސަތޭކަ އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ވޯޓު ހޯދައިގެން ވެރިކަމަށް އައި ޑޮކްޓަރ މުއިއްޒު ހެއްދެވި ދޮގުތައް ސަރުކާރުގެ ތަރުޖަމާނު ފަޅާ އަރުވާލައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ މިހާތަނަށް ސަރުކާރުން ހޯދި ހޯދުމުން ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބިކަން ހާމަވެފައިވާ ކަމަށެވެ.

ފިރުޒުލް މިގޮތަށް ވިދާޅުވިއިރު އިންޑިއާގެ 75 ސިޕައިން ޑޯނިޔާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް 2021 ވަނަ އަހަރު ނޮވެމްބަރ 13 ވަނަ ދުވަހު ދިވެހި އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ދިވެހި އަސްކަރިއްޔާއިން ބުނީ ރާއްޖޭގައި އޮޕަރޭޓް ކުރާ ހެލިކެޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓު އޮޕަރޭޓު ކުރަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަމަށެވެ.

ޑރ. މުއިއްޒު އާއި ޕީޕީއެމްއިން ތަކުރާރުކޮށް ދިވެހި ރައްޔިތުންނަށް ބުނެ ދެމުން ދިޔައީ ހަތިޔާރާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ތިބި ކަމަށެވެ. އެގޮތުން ހަނިމާދޫ އާއި އައްޑޫ އަދި ލ އަތޮޅުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބި ކަަމަށް ދިޔައީ ބުނަމުންނެވެ.

އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ތިބި ކަމަށް ފިރުޒުލް ވިދާޅުވިއިރު ރައިސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް އިންޑިއާގެ 44 ސިފައިން ގެނައެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 22 ސިފައިން ރާއްޖެ ގެނައި ކަމަށް އެމްއެންޑީއެފްއިން މީގެ ކުރިން ވަނީ ބުނެފައވެ.

މިދިޔަ ސަރުކާރުގައި އިންޑިއާގެ ހެލިކެޕްޓަރގެ އޮޕަރޭޝަނަށް އައިސްފައިވަނީ އެންމެ 11 މީހުން ކަމަށްވެސް ކުރިން ދިވެހި އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ހެލިކެޕްޓަރ ފުރަތަމަ ރާއްޖެ ގެނައީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. އިންޑިއާ ސިފައިންނާއި ހެލިކެޕްޓަރ ގެނައި ރަސްމިއްޔާތުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހުންނެވިއެވެ.