މުއިއްޒުގެ ފިނޭންސް މިނިސްޓަރ އަކަށް މަރުމޯލެއް

ރައީސް ޑޮކްޓަރ މުއިއްޒުގެ ފިނޭންސް މިނިސްޓަރ އަކީ ބޮޑު މަރުމޯލެއް ކަމަށާއި, އޭނާ އާއި އެކު ސަރުކާރު ނުހިންގޭނެކަމަށް ބުނެ ފިނޭންސް ބައެއް މުވައްޒަފުން ވާހަކަ ދައްކަން ފަށައިފިއެވެ.

ކުރުސީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރި މުހައްމަދު ޝަފީގަކީ މުއިއްޒުގެ އެޑްވައިޒަރ އަބްދުއް ރަހީމް އާއި ތިމާގެ މީހެކެވެ. ޝަފީގުގެ ޕީއެޗްޑީ އަކީ ކެމްބޯޑިއާގެ ފޭކް ޔުނިވާސިޓީއަކުން އޮންލައިންކޮށް ނަގާފައިވާ ޕީއެޗްޑީއެއް ކަމަށްވެސް އޭނާ ދަންނަ މީހުން ވަނީ ކުރުސީއަށް މައުލޫމާތުދީފައެވެ.

ޝަފީގަކީ ފިނޭންސް މިނިސްޓަރ ކަމަށް ކުފޫ ހަމަވާ ފަދަ ތައުލީމާއި ތަޖްރިބާ ލިބިފައިވާ ފަރާތެއް ނޫންކަމަށް މައުލޫމާތު ލިބުނަސް އޭނާ މަގާމުގައި ބަހައްޓަން ޖެހެއެވެ. އެއީ އަބްދުއް ރަހީމް އަށް ފޮނަދޫ ދާއިރާގެ މަޖްލިސް ގޮޑި ނެގުމަށާއި, އޭނާގެ ނުފޫޒު ފިނޭންސްގައި ބޭއްވުމަށެވެ.

މުއިއްޒުގެ ސަރުކާރަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ބަޖެޓް ސަޕޯޓަށް ބޭނުންވާ ފައިސާ ޑިސެމްބަރ މަސް ނިމުމުގެ ކުރިން ހޯދުން ކަމަށްވިޔަސް އެފަދަ ފައިސާއެއް ހޯދައި ދައުލަތުގެ ބަޖެޓް ތަރުތީބު ކުރެވޭނެ ގާބިލްކަމެއް ޝަފީގުގެ ކިބައިގައި ނެތެވެ.