ޑިފެންސް މިނިސްޓަރ ގައްސާނު އާއްމު ކުރައްވަން ޖެހޭ އެއްބަސްވުންތައް:

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިއްޖެކަމަށް ބުނެ ދިވެހި ރައްޔިތުންނަށް ބޮޑެތި ދޮގު ހަދައި ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ގައްސާނު މައުމޫނު ދިވެހި ރައްޔިތުންނަށް އާއްމު ކުރައްވަން ޖެހޭ އެއްބަސްވުންތަކާއި ލިޔެ ކިއުންތައް:

1-    މޮރިޝަސް ސަރުކާރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ

2-    އުތުރު ތިލަފަޅު އެއްބަސްވުން

3-    ހެލިކެޕްޓަރ އެއްބަސްވުންތައް

4-    ހައިޑްރޯގްރަފީ އެއްބަސްވުން

5-    އިންޑިއާގެ މިލިޓަރީ އެއްބަސްވުން

6-    ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު, 2019,2020,2021,2022, އަދި 2023 ނޮވެމްބަރަ 17 އާއި ހަމައަށް ތިބި ސިފައިން އަހަރުތައް ވަކިން.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިފައިވާ ކަމަށް ބުނެ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް މަގުތަކަށް ނިކުމެ އެންމެ ހަރުއަޑުން ވާހަކަ ދެއްކެވި އެއްބޭފުޅަކީ މިހާރުގެ ޑިފެންސް މިނިސްޓަރ ގައްސާނު މައުމޫންއެވެ. ގައްސާނު ވަނީ ސީދާ "އިންޑިއާ އައުޓު" ހަރަކާތުގައި ބައިވެރިވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި, އެމީހުން އުޅެމުންދާ ތަންތަނާއި އެމީހުންގެ މަސައްކަތް ކުރަމުން އައި ގޮތް ޑިފެންސް މިނިސްޓަރ މިއަދު ހަވީރު އޮފީސް ނިންމައި ގެއަށް ވަޑައިގަތުމުގެ ކުރިން ދިވެހި ރައްޔިތުންނަށް ހާމަކުރައްވަން ޖެހޭނެއެވެ. މިއީ ދިވެހިން ނުހަނު ކަންބޮޑުވާ ހައްސާސީ މައްސަލައެކެވެ. ތިޔަ ވަޒީރަކީ އެކަން ދިވެހިންނަށް ހާމަކޮށްދެއްވާނެ ކަމަށް ހަރު އަޑުން އަޑު އުފުލި މީހެކެވެ. ލިޔެކިއުންތަކާއި އެއްބަސްވުންތައް އަދި އެ މީހުންގެ ހަގީގަތް ނުހޯދައި ޑިފެންސް މިނިސްޓަރ ކަމުގައި ގައްސާނު ކުރައްވަން ޖެހޭ އިތުރު އެހެން މަސައްކަތެއް ނެތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރ ގައްސާނު ދިވެހި ރައްޔިތުންނަށްވީ އެންމެ ބޮޑު ވައުދަކީ އެއީއެވެ. އެއީ ފުރަތަމަ ދުވަހު އާއްމު ކުރައްވާނެ ކަމަށް ވިދާޅުވެ ވީ ވައުދެވެ.