
ގައުމުގެ ދަރަނި 119 ބިލިއަން ރުފިޔާގައި ހުރިކަމަށް ބުނެ ހުވާ ކުރެއްވި ޑރ. މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 22 މިލިއަން ރުފިޔާ ތަޅާލުމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.
ޖުމްހުރީ މައިދާނުގައި ހުރި ބޮޑު ދިދައަށް މުހާތަބު ކުރައްވައި, ގައުމިއްޔަތު މިނިސްޓަރު ދެއްވި ހިތާބު އިއްވި އިރު ފެނުނީ ކުޑަ ވަގުތުކޮޅަކަށް މުއިއްޒު އިސްރާފުކޮށްލި 22 މިލިއަން ރުފިޔާއެވެ.
ހަރަދުކުޑަކޮށް ސަރުކާރު ހިންގަވާނެކަމަށް ވިދާޅުވެ ދިވެހި ރައްޔިތުން އޮޅުވާލައި ވޯޓު ހޯއްދަވައި ރައީސް އޮފީހަށް ވަޒީރުންގެ ގޮތުގައި 9 މިނިސްޓަރަކު ވަނީ އައްޔަން ކުރައްވާފައެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ރައީސް އޮފީހުގައި ތިއްބެވި މިނިސްޓަރުންނަށްވުރެ 3 ގުނައަށް ރައީސް އޮފީހަށް ވަނީ ވަޒީރުން އައްޔަންކޮށްފައެވެ.
މީގެ އިތުރުން މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާ އިރު ކުރީގެ ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނިފައިވަނީ 18 ވަޒީރުންނެވެ.
ދައުލަތުގެ ހަރަދު ކުޑަކުރައްވާނެކަމަށް ވިދާޅުވި މުއިއްޒުގެ ފަރާތުން އަދި ފެންނަނީ މުޅިންވެސް ހަރަދު ބޮޑުވަމުންދާ މަންޒަރެވެ. ހަމައެކަނި ކެބިނެޓާއި ރައީސް އޮފީހުގެ ވަޒީރުންނަށް ކުރާ ހަރަދުވެސް ކުރީ ސަރުކާރަށްވުރެ ބޮޑުވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒުގެ ސަރުކާރުގެ ސިޔާސީ ވަޒީފާ 700 އަށް ވުރެ އިތުރު ނުކުރާނެކަމަށް ވިދާޅުވި ނަމަވެސް މުއިއްޒު މާލެ ސިޓީ މޭޔަރު ކަމަށް ވަޑައިގެން 314 ވަޒީފާ އުފައްދެވިއެވެ. އެއީ ޕީޕީއެމް/ ޕީއެންސީގެ ސެނެޓު މެމްބަރުން ގަތުމަށް އެމީހުންނަށް ވަޒީފާ ދިނުމަށެވެ. މުއިއްޒު ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވީ މާލެ ސިޓީ ކައުންސިލުން އުފެއްދި ވަޒީފާގައި ތިބި ޕީއެންސީ ސެނެޓަރުންގެ ވޯޓުންނެވެ.
މިހާރުވެސް މުއިއްޒުއަށް ވެރިކަން ހޯދައިދިނުމަށް އެންމެ އިސްކޮށް މަސައްކަތް ކުރި މުއިއްޒުގެ އެޑްވައިޒަރު އަބްދުއް ރަހީމްގެ ވަޒީފާ ލިސްޓުގައި 500 އަށް ވުރެ ގިނަ މީހުން އެބަތިއްބެވިއެވެ.
އޭގެ ތެރެއިން ބައެއް ސިޔާސީ ވަޒީފާ މިހާރު އަބްދުއް ރަހީމް ގެންދަވަނީ ވިއްކަމުންނެވެ.