
ރާއްޖޭގައި ކަރަޕްޝަނާއި މަނީލޯންޑަރިން އަކީ ކުށެއް ނޫންކަމަށާއި އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދަން ބޭނުން ނުވާކަމަށް ދިވެހި ރައްޔިތުން ނިންމުމާއި ގުޅިގެން އެމްއެމްޕީއާރުސީ ކަރަޕްޝަންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިނިވަންކޮށްފިއެވެ.
ރައީސް ސޯލިހު އަދީބު އާއި ޒިޔަތު މިނިވަން ކޮށްފައި ވަނީ އެމްއެޕިޢަރުސީއަށް ވަންނަން ޖެހޭ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ފޮޓޯ ޖަހައިގެން ނިކުމެ ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބުކޮށް ހުވާ ކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.,
އަދީބު އާއި ޒިޔަތު މިނިވަން ކުރުމާއި ގުޅިގެން ދިވެހިން މިހާރު އަންނަނީ ރައީސް ސޯލިހުއަށް ފާޑު ކިޔަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ އަދީބު އާއި ޒިޔަތު މިނިވަން ކުރުމަކީ ރައީސް ސޯލިހު ދިވެހި ރައްޔިތުންގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ 126842 ދިވެހި ރައްޔިތުން ވަނީ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް ކުށް ސާބިތުވެ ޖަލަށް ލާފައިވާ ޔާމީން މިނިވަން ކުރުމަށާއި އަދި ޔާމީނަށް ކުރަނީ ނުހައްގު ދައުވާއެއް ކަމަށް ބުނެ ރައީސް ސޯލިހުގެ ވެރިކަން ބަދަލުކޮށްފައެވެ.
ޔާމީންގެ ޝަރީއަތަކީ ނުހައްގު ޝަރީއަތެއް ކަމަށް ބުނެ އެތައް ބަޔަކު މަގުތަކަށް ނިކުމެ އިހްތިޖާޖު ކުރަމުން އަންނަ އިރު އެމްއެމްޕީއާރުސީގެ ފައިސާ ހިތުހުރި ގޮތަކަށް ބަހައި އަމިއްލަ އެކައުންޓަށް ޖަމާކުރުމަށް ޔާމީން އެންގެވިކަމަށް ކޯޓުގައި ޒިޔަތު ވަނީ ބުނެފައެވެ. އެވާހަކަތަކާއި ގުޅިގެން ޔާމީން ވިދާޅުވީ އޭނާ އެންގެވިއަސް އެކަން ޒިޔަތު ކުރަން ޖެހޭތޯއެވެ.
ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ގާނޫނީ މަގުން އަދީބާއި ޒިޔަތު މިނިވްނަ ކުރެއްވި އިރު ރައީސް ޔާމީންގެ ހައިކޯޓު އިސްތިއުނާފުގެ ހުކުމް ކުރުމުގެ ޝަރީއަތް ދާދި އަވަހަށް ބޭއްވޭނެއެވެ. ފަހަރުގައި އެ ދުވަހު ރައީސް ޔާމީންވެސް މިނިވަންވުން އެކަށީގެންވެއެވެ.
ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެެރިންގެ ހުކުމުގެ 4/1 ބައި ފުރިހަމަ ކުރުމުން ރައީސް އަށް މިނިވަން ކުރެވޭގޮތަށް ގާނޫނަށް ބަދަލު ގެނައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ.