
ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައި, ހިތުހުރި ގޮތަކަށް ބެއްސެވި ހިޔާ ފްލެޓު ލިސްޓު އާއްމު ނުކުރި ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވެފައިވާ ސިއްރު އެއްބަސްވުންތައް އާއްމު ކުރައްވާނެ ކަމަށް ވިދާޅުވުން ބޮޑު ޖޯކަކަށް ވެއްޖެއެވެ.
ޔާމީންގެ އަނބިކަބަލުން މެޑަމް ފާތުންގެ ލިސްޓަކަށް ހިޔާ ފްލެޓު ބެއްސެވި މައްސަލަ އާއި ގުޅިގެން މުއިއްޒު ހޫނު ފެނަށް ވެއްޓުމުން ވިދާޅުވީ ހިޔާ ފްލެޓު ލިސްޓު އާއްމު ނުކުރެވޭނެކަމަށެވެ. ބަހަނާއަކަށް ދެއްކީ ބައެއްގެ ޒާތީ މައުލޫމާތު އާއްމު ނުކުރެވޭނެކަމަށެވެ.
ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ރުންކުރު މުއިއްޒު ވިދާޅުވީ އެ މައުލޫމާތު އާއްމު ނުކުރާނެ ކަމަށާއި އާއްމު ކުރާނީ ލިސްޓު ނަންބަރު އެކަނި ކަމަށެވެ. ހިޔާ ފްލެޓު ބަހައި ނިމުނު އިރު އެތަން ލިބުނީ މެޑަމް ފާތުންގެ އޮފީހުގައި އަރިސްކޮށް އުޅުނު މީހުންނާއި އެމީހުންގެ ރައްޓެހިންނަށެވެ. ފްލެޓު ހައްގު މީހުންވީ ބާކީއެވެ.
މިހާރު "ދިވެހީންގެރާއްޖެ" ޓެގް ޖަހައިގެން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ޑރ.މުއިއްޒު ދިވެހިންގެ ބޮލަށް ޖަހަމުން އަންނަ ޗިޕަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި އެމީހުން ބޭރު ކުރެވޭނީ ތިމަންނައަށް ވެރިކަން ލިބިގެން ކަމަށް ބުނެ ޖަހާ ޗިޕެވެ.
އިންޑިއާގެ ހެލިކެޕްޓަރ ބޭރުކޮށް ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭރު ކުރާނެ ކަމަށެވެ. އެކަމަކު ހަގީގަތީ ކޮބައި ހެއްޔެވެ. މުއިއްޒު ބޭރު ކުރަން ބުނާ ހެލިކެޕްޓަރަކީ މުއިއްޒުވެސް އިސްވެ ހުރެ ރާއްޖެ ގެނައި ހެލި ކެޕްޓަރެކެވެ. ދެން ހުރީ މުއިއްޒުއަށް މިހާރު ތާއިދުކޮށްގެން ހުންނެވި ކާނަލް ނާޒިމް އެވެ. ރާއްޖެއަށް ފުރަތަމަ ހެލިކެޕްޓަރ ގެނައި ދުވަހގެ ރަސްމިއްޔާތު ދިވެހިން ބަލާލުމުން ޑރ. މުއިއްޒުގެ މުނާފިގުކަން ފެންނާނެއެވެ.
އެހިސާބުން އަދި ނިމުނީއެއް ނޫނެވެ. މުއިއްޒު އާއި އޭނާގެ ބަހައް ހެއްލިގެން މަަސައްކަތް ކުރާ ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވަމުން އަންނަ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ކުރެވިފައިވާ އެއްބަސްވުން ތަކަކީ މުއިއްޒު ހައުސިން މިނިސްޓަރ އަކަށް ހުންނެވި ޕީޕީއެމް ސަރުކާރުގައި ރައީސް ޔާމީންގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުން ތަކެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރާ މުއިއްޒުއަށް ސިޔާސީ ގޮތުން ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީވެސް އިންޑިއާއެވެ. ވެރިކަމަށް ވަޑައިގެން އެއްބަސްވުން އާއްމު ނުކޮށްފިނަމަ އަނެއްކާވެސް ދިވެހިން މަގުތަކަށް ނިކުންނާނީ "މުއިއްޒު ނޫން ގޮތެއް" ހޯދުމަށެވެ.
އަނެއްކޮޅުން އެއްބަސްވުން އާއްމުކޮށްފިނަ ބޭލޭނީ މުއިއްޒުގެ އަމިއްލަ ސޯޓެވެ. އަމިއްލަ ޕާޓީން ވެރިކަމުގައި އޮވެ އިންޑިއާ އާއި އެކު ހަދާފައިވާ އެއްބަސްވުންތަކެވެ.
ފްލެޓު ލިސްޓުން ވައްކަންކޮށް ސިއްރު ކުރި މީހަކު އިންޑިއާގެ އެެއްބަސްވުން ހަމަ ހަގީގަތުގައިވެސް އާއްމުކޮށްފާނެ ހެއްޔެވެ. މިއީ ދިވެހިން ވިސްނަން ޖެހޭ ކަމެކެވެ.