
މިހާރުވެސް މުއިއްޒުޓީވީގެ ނަމުގައި މުއިއްޒުގެ ހުރިހާ ދަތުރުތަކާއި ހަފްލާތައް ފޭސްބުކް މެދުވެރިކޮަށް އަންނަނީ ލައިވް ކުރަމުންނެވެ. މުއިއްޒު ޓީވީ އަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި ޗެނަލް 13ގެ ސަޕޯޓު ނުލިބިދާނެކަމަށް ބަލައި މުއިއްޒު ކުއްޔަށް ނަންގަވާފައިވާ ޗެނަލެއް މެދުވެރިކޮށް ކުރިއަށް ގެންދާ މަސައްކަތެކެވެ. އެ ޗެނެލް އާއި އެކު މުއިއްޒު ހަދާފައިވާ އެއްބަސްވުން މިމަހުގެ ނިޔަލަށް ހަމަވާނެކަމަށް މައުލޫމާތު ލިބެއެވެ.
މުއިއްޒުގެ އަމިއްލަގެ ދިމްޔާތުގައި މިހާރުވެސް ވަނީ ޓީވީ ސެޓަޕެއް ހަދާފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދެއްވި ގިނަ އިންޓަވިއު ތަކާއި އިންތިހާބަށް ފަހު މުއިއްޒު ދެއްވި ގިނަ އިންޓަވިއު ނަގާފައިވަނީ ދިމްޔާތުގައި މުއިއްޒު ހަދާފައިވާ ސެޓަޕްގައެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން ރައީސް ޔާމީން އާއި ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ހެދި ޗެނަލް 13ގެ ބެކިން ނުލިބިދާނެ ކަމަށް މުއިއްޒު ވަނީ ވިސްނާފައެވެ. އެހެންވެ ވަގުތުގެ ކުރީބައިގައި މުއިއްޒު ވަނީ އެކަމަށް ތައްޔާރުވެފައެވެ.
ޓީވީ ޗެނަލްގެ އިތުރުން މުއިއްޒުއަށް ތާއިދު ކުރާ އާ އިތުރު އޮންލައިން ނޫސްތަކެއް ހެދުމަށްވެސް މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކެމްޕެއިންގައި އެކުގައި މަސައްކަތް ކުރި ބައެއް ޒުވާން ނޫސްވެރިންތަކެއް މެދުވެރިކޮށް މުއިއްޒު އަންނަނީ އިތުރު އޮންލައިން ނޫސްތަކެއް ހަދަމުންނެވެ.