
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތް އެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަގާމު ދިފާއުކޮށްދީ ޤާނޫނާއި ޤަވައިދު އޮޅާލައި މުޅި ދައުލަތް ހިންގުން ހުއްޓުވުމުގެ މުގުލުގައި މިހާރު ހުންނެވީ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއެވެ.
އަމިއްލައަށް މަންޑޭލާ ހެދިގެން މަޖިލިސް ހިސޯރުކޮށްގެން އިންނެވި ކެނެރީގޭ ޑިކްޓޭޓަރު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 49 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ވެއްދުމުންވެސް ނަޝީދު ބޭނުންވަނީ މުޅި ދައުލަތް ހުއްޓުވައިގެން ނަމަވެސް މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި ބަގުޑި ބައްދައިގެން އިންވެވުމެވެ. އެކަމަށް ނަޝީދަށް އެންމެ ވާގިވެރިވަނީ މަޖިލީހުގެ މިހާރުގެ އަމީންއާއްމު ނިއުޝާއެވެ. އެގޮތުން ނަޝީދުގެ ގޮނޑި ދިފާއުކޮށްދިނުމަށް ގޮނޑިކޮއްކޮ ނިއުޝާ މިހާރުވަނީ މަޖިލިސް މުޅިން ހުއްޓުމަކަށް ގެނުވާފައެވެ.
ނަމަވެސް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކަމަށް ތަނެއް ނުދެއެވެ. އަދި އެ ޤާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުވެސް އެކަމަށް ކުޑަ މިންވަރަކަށްވެސް ތަނެއް ނުދެއެވެ.
ނިއުޝާ އަމިއްލަކޮށްގެން އުޅޭ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލައި ޤާނުއަސާސީގެ ބާރު ލިބިފައިވާ ޤަވައިދެކެވެ. އެހެންކަމުން ނަޝީދާއި ނިއުޝާ ބޭނުންވާހާގޮތަކަށް މަޖިލީހުގެ ކަންކަމެއް ނުކުރެވޭނެއެވެ.
ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސްއެވެ. މަޖިލީހުގެ ރައީސް ޖަލްސާއަށް ހާޒިރުވެ ވަޑައި ނުގަންނަވާނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބުރައީސްކަމަށް އަދި ރައީސާ ނާއިބު ރައީސްވެސް ޖަލްސާއަށް ހާޒިރުވެ ވަޑައި ނުގަންނަވާނަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެގޮށް ފެންނާން އެބައޮތެވެ. މިހާތަނަށް މަޖިލީހުގައި އަމަލު ކުރަމުން ގެންދިޔައީވެސް އެގޮތަށެވެ.
އެގޮތުން މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ފަސް މެންބަރުން ކަނޑައަޅާ އެގޮތަށް މިހާނަށް އަމަލު ކުރަމުން ދަނިކޮށް، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލިސް ހުއްޓުވައި މުޅި ދައުލަށް ހުއްޓުމަކަށް ގެނައުމަށް ނިއުޝާ މަސައްކަތް ކުރަނީ ގާނޫނީ އެއްވެސް ބުރަދަނެއްގެ މައްޗަކަށް ނޫނެވެ. އަދި ނިއުޝާ ނިންމެވި ނިންމެވުމުގެ އެއްވެސް އޮއްޓަރެއްވެސް ނެތެވެ.
އެކަން އެނގެނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރެވި މިދިޔަ އާދީއްތަ ދުވަހުގެ ޖަލްސާގައި ނިއުޝާ ދެއްކެވި ވާހަކާގައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމުމަށް ފަހުގައި ކަމަށް ވިދާޅުވެ ހޯމަ ދުވަހަށްވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމެވެ. ނަމަވެސް އޭގެ ފަހުން އެމައްސަލަ ނުހިމަނާ މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށް ނިއުޝާ ކުރިއަށް ގެންދަން އުޅެނީ ކެނެރީގެ އާއިލީތަނަކަށް މަޖިލިސް ހަދައިގެން މަކުނު ސައްކެޔޮގަހަށް އަރާއިންނަހެން ރިޔާސަތުގައި އިންނަވާ ނަޝީދާއި ކޮއްކޮ ހުތް އީވާގެ އެންގުމަށް ކަމަށް ބުރަވެއެވެ.
ދަންނާށެވެ. ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައިމަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ބަހުސް ކުރިއަށްދާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސްއަށް ނީންދެވޭނެކަމަށް އޮންނައިރު މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސްއަށް ނީންދެވޭނެކަމަށް ބަޔާކޮށްފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ނެތްނަމަ" ރިޔާސަތު ބަލަހައްޓާނެ މެންބަރުން"ގެ ނަމުގައި މަޖިލީހުގެ ޤަވައިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ފަސް މެމްބަރުން ތިއްބެވީ ކަނޑައަޅާފައެވެ. މިހާތަނަށް ޖެހެންދެން އެ މާއްދާއަށް ގެންދިޔައީ އަމަލުވެސް ކުރަމުންނެވެ.
ނަމަވެސް އެ މާއްދާއަށް އަމަލުނުކޮށް ނަޝީދާއި އީވާގެ ބަހަށް ނިއުޝާ މިވަނީ މަޖިލިސް ޕެރެލައިޒްކޮށްލާ މުޅި ދައުލަތް ހުއްޓުމަކަށް ގެނުވާފައެވެ.
މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނޭ ގޮތަކަށް މަޖިލިސް ޤަވާއިދު އަމީންއާންމު މާނަކޮށް ކަނޑައެޅުމަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ ހައްގެއް ވަލުދޮރާށިން ވަދެ ނިގުޅައިގަތުމެވެ،
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ހާއްސަ ގުޅުމެއް އޮތް އެހެންމީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެއެވެ. ނަމަވެސް ނަޝީދު ވަކިކުރަން ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ ނަޝީދާއި އާދަޔާހިލާފު ހާއްސަ ގުޅުމެއްއޮތް ފަރާތެއްކަށް ނިއުޝާއަށް ނޭންގުމަކީ ނިއުޝާ މަޖިލީހުގެ އަމީންއާއްމުގެ މަގާމަށް ކުފޫ ހަމަނުވާކަމުގެ އަލިގަދަ ހެތްކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް އެކަން ނުކޮށް ދެން މަޖިލީހުގައި އެއްވެސް ކަމެއް ނުކުރެވޭނެކަމަށް 205 ވަނަ މާއްދާގެ (ނ) ބުނާއިރު ޤަވައިދުގައި ނެތްކަމެއް މެދުވެރިވެއްޖެ ނަމަ ދެން އަމަލުކުރަންވީ ގޮތް މަޖިލިސް ޤަވައިދުގެ 250 ވަނަ މާއްދާއިން ސާފުކޮށް ދެއެވެ.
މަޖިލީހުގައި ވަކި މައްސަލައެއް ކުރިއަށް ގެންދެވޭނީ ވަކި ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެންކަމަށް ނިއުޝާއަށް ފެންނަމަނަ އަދި އެބޭފުޅަކު ވަޑައި ނުގެންފިނަމަ ދެން ހަދާނެގޮތެއް މަޖިލިސް ޤަވައިދުގައި ނެތްނަމަ ނިއުޝާ ރުޖޫއަވާން ޖެހޭނީ މަޖިލިސް ޤަވައިދުގެ 250 ވަނަ މާއްދާއަށެވެ. އަމިއްލަ އަމިއްލައަށް ފެންނަހާ ގޮތަކަށް ކަންކުރުމުގެ އިހްތިޔާރެއް ނިއުޝާއަށްވިޔަސް ޤާނޫނު އަސާސީ އަދި މަޖިލިސް ޤަވައިދުވެސް ތަނެއް ނުދެއެވެ.
މަޖިލިސް ޤަވައިދުގެ 250 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަޖިލިސް ގަވައިދުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ ބަލަން ޖެހޭނީ މީގެކުރިން އެފަދަ މައްސަލަތަކުގައި ކަންކޮށްފައިވާގޮތަށް ކަމަށާއި އެވަރުންވެސް ފަރުވާއެއް ނުލިބިއްޖެނަމަ ރިޔާސީ ރިޒާމު ހިންގާ ތަންނާންގައި އެހާލަތުގައި ކަންކުރާގޮތަށް ބަލަންޖެހޭ ކަމަށެވެ. އެހެން ކަމުން އީވާ ނެތި ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިއުޝާ ގަބޫލުކުރާނަމަ އަދި އީވާ މަޖިލީހަށް ފިއްލަވައިގެން ބެންކޮކްގައި ހުންވި ނަމަވެސް މަޖިލިސް ގޭގައި ވަށައި ޗޭނު ޖަހައިގެން ބަންދުކޮށްދެން ގެންގުޅުމުގެ ކުޑަވެސް އިހްތިޔާރެއް ނިއުޝާއަކަށް ނެތެވެ.
ނަޝީދުގެ ބަހަށް ޤާނޫނެއް ގަވާއިދެއް ނުބަލާ ނިއުޝާ އަމަލުކުރަމުން ގެންދާގޮތުން އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރުމުގެ ޖަލްސާ ކުރިއަށް ނުގެންދެވި އަދި އަންނަ އަހަރަށް ބޭނުންވާ ދައުލަތުގެ ބަޖެޓާއި މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ނުނިމި މުޅި ދައުލަތް ހުއްޓުމަކަށް އަތުވެއްޖެނަމަ އެކަމުގެ ޒިންމާ ސީދާ ނަންގަވަން ޖެހޭނީ ނިއުޝާއެވެ. އެހެންކަމުން ގޮނޑިކޮއްކޮ ހެދިގެން ތިހެން އިންނެވުމުގެ ބަދަލުގައި އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާށެވެ.