މާލެ ސަރައްހަދުން ދޫކުރި ގޯތިތައް ފުށިދިއްގަރު ފަޅަށް ބަދަލު ކުރަނީ

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ފުށިދިއްގަރު ފަޅަށް ބަދަލު ކުރުމުގެ މަސައްކަތް އިންތިހާބީ ރައިސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މާލެ ރައްޔިތުންނަށް 18000 އަށް ވުރެ ގިނަ ގޯތި ހުޅުމާލެ, ގުޅީފަޅު އަދި ގިރާވަރަުފަޅުގެ އިތުރުން އުތުރުތިލަފަޅުން ދިނުމަށް ނިންމާފައެވެ. އެގޮތުން ގޯތި ދޫކުރުމަށް ގިރާވަރުފަޅާ, ހުޅުމާލެ ފޭސް 3 އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ބިންވެރިޔާ ސްކީމުގެ ގޯތިތަކުގެ ތެރެއިން ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖައްސާލަން ޑރ. މުއިއްޒު ވަނީ އެ މަސައްކަތް ކުރާ ލަންކާގެ ކުންފުންޏަސް އަންގާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ވިދާޅުވަމުން ގެންދެވީ މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް އަތުނުލައްވާނެކަމަށެވެ. އަދި އެއާއެކު މުއިއްޒު ވިދާޅުވަމުން ގެންދެވީ މާލެ ސަރައްހަދުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު އެމަނިކުފާން ރައީސް ކަމަށް ވަޑައިގެން ފުށިދިއްގަރު ފަޅު ހިއްކައި ކުރިއަށް ގެންދަވާނެކަމަށެވެ.

އެނގިފައިވާ ގޮތުގައި ކުރިން ހައުސިން މިނިސްޓަރ ކަން ކުރެއްވި މުއިއްޒުގެ ހާއްސަ ޓީމަކުން މިހާރު ދަނީ ފުށިދިއްގަރު ފަޅު ޑިޒައިންކޮށް ހިއްކުމަށް ތައްޔާރުވަމުންނެވެ. އަދި ހުވާކުރުމަށްފަހު އެންމެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރުއު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްލޭނަކީ މިހާރު ރައީސް ސޯލިހުގެ ސަރުކާރުން ދޫކުރި ބިންތައް ފުށިދިއްގަރު ފަޅަށް ބަދަލު ކުރުމަށެވެ.  ކެމްޕެއިން ތެރޭގައިވެސް މި ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާނެކަމަށް ޑރ. މުއިއްޒު ވިދާޅުވާ އޯޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

ފުށިދިއްގަރު ފަޅަކީ ކ. ގުޅީ ކައިރީގައި އޮންނަ ފަޅެކެވެ. އެތަނަށް މާލެއިން ދެވޭނީ 45 މިނިޓުގެ ދަތުރަކަށްފަހުއެވެ. އަދި މާލެ އާއި ފުށިދިއްގަރު ފަޅު ބްރިޖަކުން ގުޅާލުމަކީ ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއުއެކެވެ.

ރައީސް ސޯލިހުގެ ބިންވެރިޔާ ސްކީމުގެ ބިންތައް ދޫކޮށްފައިވަނީ މިހާރު ކުރިއަށްދާ މާލެ, ވިލިމާލެ, ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ކުރިއަށްދާ ބްރިޖް މަޝްރޫއު އާއި ގުޅިގެންދާ ގޮތަށެވެ.