މުއިއްޒު އާއި ދެކޮޅަށް ޔާމީންގެ ސަޕޯޓަރުން މަގު މައްޗަށް!

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް ސަޕޯޓަރުން އިންތިހާބީ ރައީސް ޑރ. މުއިއްޒު އާއި ދޮޅަށް މުޒާހަރާއަށް މަގުމައްޗަށް ނިކުމެއްޖެއެވެ.

ރައީސް ޔާމީންގެ ސޕޯޓަރުން މުއިއްޒު އާއި ދެކޮޅަށް އަޑު އުފުލަމުން މަގު މައްޗަށް ނިކުތީ ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެއްވުމުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ 11 އަހަރުގެ ޖަލު ހުކުމުގައި ހުންނެވި ޕީޕީއެމްގެ ރައީސް މިނިވަން ކުރެއްވުން ކަމަށެވެ. ރިޔާސީ އިންތިހާބު 54 ޕަސެންޓު ވޯޓު ހޯއްދަވައިގެން މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު ވަނީ ޔާމީން ގޭބަންދަށް ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ސަރުކާރުން މިހާރު ރައީސް ޔާމީން ވަނީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ. 

ރޭގެ ޖަލްސާގައި އެ މުއިއްޒު ވިދާޅުވީ ވައުދު ވެވަޑައިގެންފައިވާ ގޮތަށް އެންމެ ލަސްވެގެން ހުވާކުރައްވާ ދުވަހު ޔާމީން މިނިވަންކުރާނެ ކަމަށެވެ. ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ. އެ މަނިކުފާނު ވެރިކަމަށް އިންތިހާބުކޮށްފައި އެ ވަނީ ޑިމޮކްރެޓިކް އުސޫލުން ކަމަށާއި އެހެންވެ، ހަމަޖެހޭ އުސޫލުން ކަންކަން ކުރިޔަށް ގެންދަން ފުރުސަތު ލިބެން ޖެހޭނެކަން ފާހަގަ ކުރެއްވި އެވެ. އެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ރައްޔިތުންނަށްވީ ކޮންމެ ވައުދެއް އެގޮތުގައި ފުރިހަމަ ކަމާއެކީ ނިންމައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"އޭގެން އެއްކަންތަކަކީ އަޅުގަނޑުމެން ރައީސް ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަ،" އެ މަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑު މި ދަންނަވަނީ 17 ވަނަ ދުވަހަށް (ނޮވެމްބަރު 17) ދާއިރުގައި މިހާރު އޮތް ޕްރޮސެސްއިން އެ މަނިކުފާނު މިނިވަން ނުވާ ކަމަށް ވަންޏާ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަކަ ށޭ. އެ ހިސާބުން އެމަނިކުފާނު މިނިވަންވާނެ."

އެހެންވެ އެކަންކަން އެގޮތަށް ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް މުއިއްޒު ގޮވާލެއްވި އެވެ. އޭގެ ބޭރުން މަގު މައްޗަށް ނުކުމެ އެކި ކަހަލަ ޖަލްސާތައް ބާއްވައި އަޑުގަދަކޮށް، ހިނގާލުން ބާއްވައި ނުހެދުމަށް ގޮވާލެއްވި އެވެ. 

"އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން،" މުއިއްޒު އިލްތިމާސް ކުރެއްވި އެވެ. 

"އަޅުގަނޑަށް މި މަސައްކަތް ކުރަން ތިބޭފުޅުން ހަވާލުކުރައްވާފައި ތިބޭފުޅުން ވަކި މަގަކުން ވަޑައިގަންވައިފިއްޔާ ގައުމުގެ ހަމަޖެހުމެއް އަޅުގަނޑު މި ދަންނަވާ ގޮތަކަށް ނުލިބޭނެ." 

ނަމަވެސް، ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު ޔާމީންގެ ސަޕޯޓަރުން އެ މަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހި ކައިރިޔަށް އެއްވެ އެ މަަނިކުފާނު މިނިވަންކުރުމަށާއި އިސްތިއުނާފުގެ މައްސަލަ އަވަސް ކުރުމަށް އަދި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލި އެވެ. 

އެ ވަގުތު އެ މަނިކުފާނު ގޭގެ ކުޑަދޮރުން އެ މަންޒަރު ބައްލަވަމުންނެވެ. 

ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް އެއްގަލަކަށް އަރައިގެން އެކުގައި މަސައްކަތް ކުރުމަށް މުއިއްޒު ރޭ ގޮވާލެއްވި އެވެ. އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.