
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ނިންމައި ހިއްކަމުން އަންނަ ހުޅުމާލެ ފޭސް 3 ހިއްކާ ކުންފުންޏަށް މަސައްކަތް ހުއްޓާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުއިއްޒު ވަނީ ފޭސް 3 ހިއްކާ ކުންފުނީގެ ވެރިންނަށް މިވަގުތަށް ބިން ހިއްކުން މަޑުޖައްސާލަން އަންގާފައެވެ.
ހުޅުމާލެ ފޭސް 3 ހިއްކަން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އާބަންކޯ އިން ބުނީ ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ.
ޑރ. މުއިއްޒުގެ ފަރާތުން ހުޅުމާލެ ފޭސް 3 ހިއްކުން ހުއްޓާލުމަށް އެންގި އިރު ޕީޕީއެމް ސަރުކާރުން ވަނީ އެސަރަހައްދު ނުހިއްކަން އޭރު ނިންމާފައެވެ. ޕީޕީއެމް ސަރުކާރުން އެތަން ނިންމާފައިވަނީ މެރީނާއެެއް ތަރައްޤީ ކުރުމަށެވެ.
މި ސަރުކާރުން ފޭސް 3 ހިއްކަން ފެށުމުންވެސް ޑރ. މުއިއްޒު ވަނީ ފާޑު ކިޔާފައެވެ. ނަމަވެސް ބިން ހިއްކައި އެތަނުން ގޯތި ދޫކުރުމަށް ނިންމުމުން މުއިއްޒު ވިދާޅުވީ އެ ބިމުން ގޯތި ލިބޭ މީހުންގެ ގޯތި އަތު ނުލާނެކަމަށެވެ.
"ބިންވެރިޔާ" ގެ ދަށުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުވަރު ފަޅުން 5،432 ގޯތި ދޭން ވަނީ ނިންމައިފަ އެވެ.
ޑރ. މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދަކީ މާލެ އަތޮޅު ގުޅީ ކައިރީ އޮންނަ ފުށިދިއްގަރު ފަޅުން 1200 ހެކްޓަރު ބިން ހިއްކައި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމެވެ.
ފުށިދިއްގަރު ފަޅަކީ މާލެއިން ފުރައިގެން ލޯނުގައި 45 މިނިޓުން ދެވޭ ހިސާބުގައި އޮތް ތަނެކެވެ.