
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ތާއީދު ނުކުރައްވާކަން ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި އިސްކޮށް ހުންނަވާ ޑރ މުހައްމަދު ޖަމީލް އަހުމަދު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މާފުށީ ޖަލުގައި މިއަދު ރައީސް ޔާމީނާއި ބައްދަލު ކުރެއްވިކަމަށާއި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އިއްޔެ ހާމަކުރެއްވި ފަދައިން ޑރ މުއިއްޒަށް މިހާރު ތާއީދު ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
ޑރ މުއިއްޒަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޑރ މުއިއްޒު ސިހުރު ހަދާފައިވާކަން ސާބިތު ކުރެވޭ ހެކި ލިބުމާއި އިންތިހާބު ބޮއިކަޓް ކުރުމަށް ރައީސް ޔާމީން އެންގެވި އެންގެވުން މުއިއްޒުގެ ނުފޫޒުން އަދި ޕީއެންސީގެ އިސްވެރިންގެ ތާއީދާއެކު ބޮލާލައި ޖެހުމުންކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރޭ ނޫސް ބަޔާންތަކުގައި ޕީއެންސީގެ ލޯގޯ މީގެފަހުން ބޭނުން ނުކުރުމަށާއި މުއިއްޒުއަށް ބައިއަތު ހިފާފައިވާ ލޯޔަރު އާދަމް ޝަމީން ވަކީލުންގެ ނަމުގައި، ލެޓަހެޑެއް އަދި ސިއްކައެއް ނެތި ރޭ ނެރުނު ބަޔާން ބަލައި ނުގަތުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށާއި ރައީސް ޔާމީންގެ މި ނިންމެވުމުގެ ސަބަބުން މެޑަމް ފާތުންއާއި ރައީސް ޔާމީންގެ އާއިލާއާއި ވަފާތެރިންނަށް މުއިއްޒުގެ ސަޕޯޓަރުންނާއި މުއިއްޒުއަށް ވިކިފައިވާ ވަކި ބަޔަކު ކުރަމުންދާ ފުރައްސާރަ ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިކަމަށް ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ޑރ މުއިއްޒުއަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ނަމަވެސް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަށް ރައީސް ޔާމީން ނުނިންމަވާކަމަށާއި ރައީސް ޔާމީނަށް ވަފާތެރި ސަޕޯޓަރުންވެސް އެގޮތުގައި ދެމިތިބުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް ޑރ ޖަމީލް ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.