ރައީސް މުއިއްޒުގެ ސިންގަޕޫރު ދަތުރު ހަރަދު ހަމަޖައްސަން ޓީމޫ އާއީ ޝީއިން ފަދަ ސައިޓުތަކުން ކުރާ ވިޔަފާރިން 30 ޕަސެންޓުގެ ފީއެއް ނަގަނީ

ރައީސް މުއިއްޒާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ބައެއް މީހުން ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލްއިން ނިންމައިފި އެވެ.

ބީއެމްއެލްއިން މި ބަދަލު ގެނައި އެ ބޭންކުގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރު މުއާމަލާތްތަކުގައި ބޭނުންކުރެވޭ އަދަދު 500 ޑޮލަރަށް ބޮޑުކުރަން ނިންމުމާ އެކީގަ އެވެ.

އެ ގޮތުން މި ފީ ނަގަން ނިންމާފައިވާ ސައިޓުތަކުގެ ލިސްޓުގައި މި ވަގުތަށް ހިމެނެނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ހުރިހާ ސައިޓުތަކަކީ، ވަކިން ހާއްސަކޮށް ޝީއިން އާއި ޓީމޫއަކީ، ގިނަ ދިވެހިން މިހާރު ވިޔަފާރިކުރާ ސައިޓުތަކެކެވެ.

މި ސައިޓުތަކުން ފީއެއް ނަގަން ނިންމި ނަމަވެސް އެ ލިސްޓުގައި ނުހިމެނޭ އެއްވެސް ސައިޓަކުން ފީއެއް ނުނަގާނެ އެވެ. އަދި އެ ލިސްޓޫގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން މި ބަދަލުތައް ގެނައިއިރު، ބޭންކަށް ލިބޭ ގިނަ އަދަދެއްގެ ޑޮލަރުތަކެއް މިހެން ހުންނަ ބޭރުގެ މަދު ސައިޓުތަކަކަށް ދައްކަން ޖެހުމަކީ ޑޮލަރު ތާށިކަމަށް ބާރުދޭ ކަމެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ފީ ނަގަން ނިންމާފައިވާ ލިސްޓުގައި ހިމެނޭ ސައިޓުތަކަށް ބޭންކުން މަހެއްގެ މައްޗަށް 20 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މި އަދަދުން ހިސާބުކުރާއިރު، މި ސައިޓުތަކަށް އެކަނި އަހަރެއްގެ މައްޗަށް 240 މިލިއަން ހަރަދު ވާނެ އެވެ.