ކުރުސީ ކޮލަމް: ބަންގަލަދޭޝްގެ ޒުވާނުންގެ ހިތްވަރުން ދިވެހި ޒުވާނުން ހިތްވަރު ހޯދަން ޖެހޭ!

ޒުވާން އާބާދީ ބޮޑު ބަންގްލަދޭޝްގައި ކަރަޕްޝަނާއި ބޭއިންސާފު ދިޔައީ އިންތިހާއަށް ބޮޑުވަމުންނެވެ. ހާއްސަކޮށް ބޮޑުވަޒީރު ޝެއިހް ހަސީނާގެ އަވާމީ ޕާޓީގެ ކަރަޕްޝަނާއި އަނިޔާވެެރިކަން ދިޔައީ މުޅި ގައުމަށް ފެތުރެމުުންނެވެ. ގާނޫނުތަކަށް ބަދަލުގެނެސް އެގައުމުގެ ހުރިހާ މުބައްސަސާތަކެއް ދިޔައީ ހަސީނާގެ މުށުތެރެއަށް ލަމުންނެވެ. ވައްކަމާއި ފަސާދައިގެ ތެރެއިން އެގައުމުގައި އެންމެ ފަހުން ބޭއްވިގެން ދިޔަ އާއްމު އިންތިހާބު ޝެއިހް ހަސީނާ ކާމިޔާބު ކުރީ އިންތިހާބު އޮޅުވާލައިގެންނެވެ. އެތައް ބައެއްގެ އިންތިހާބީ ހައްގު ނިގުޅައިގަނެ، އެތައް ބަޔަކު އިންތިހާބު ބޮއިކޮޓް ކުރިއެެވެ. ބަންގްލަދޭޝް ސިފައިންނާއި އަސްކަރިއްޔާ ގައި އޮތީ އިންތިހާއަށް ކަރަޕްޝަނެވެ. ވަޒީފާ އާއި ވިޔަފާރިތައް ވެސް އޮތީ ޝެއިހް ހަސީނާއަށް ތާއިދު ކުރާ މީހުންނަށް އެކަނިއެވެ. ކުރުކޮށް ބުނާނަމަ އޭނާގެ ބޮޓުންނަށެވެ. ހަސީނާގެ ވެރިކަމާއި ދެކޮޅަށް ޒުވާނުން އެންމެ ފަހުން ކެތްނުކުރެވިގެން ތެދުވާން ޖެހުނީ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމު އެގައުމުގެ ސްޕްރީމް ކޯޓުން އުވާލުމާއި ގުޅިގެންނެވެ. މިއީ ހަސީނާގެ ބާރު ސްޕްރީމް ކޯޓަށް ފޯރުވައިގެން ނިންމި ނިންމުމެކެވެ.

ބަންގަލަދޭޝްގެ ސިޔާސީ މަސްރަހު ހުރި ގޮތުން ހަސީނާގެ އަނިޔާވެރިކަމާއި ދެކޮޅަށް ނިކުންނާކަށް އެއްވެސް މީހަކަށް ނުކެރެއެވެ. ކިރިޔާވެސް ސަރުކާރަށް ބަހެއް ބުނެލާ މީހަކު ހިފާ ހައްޔަރުކޮށް އަނިޔާކޮށް މަރާލައެވެ. ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގައެވެ.

ނަމަވެސް މިއަނިޔާވެރިކަމާއި ދެކޮޅަށް އެގައުމުގެ ޔުނިވަރސިޓީތަކުން ދަރިވަރުން ބިރުފަހަނަޅައި އެންމެ ފަހުން ނިކުތެވެ. އިންތިޚާބީ އިޞްލާޙުތަކަށް އެދި ފެށި މި ހަރަކާތް، ކުރު މުއްދަތެއްގެ ތެރޭގައި، ދަރިވަރުންނާއި، ޒުވާން ޕްރޮފެޝަނަލުންނާއި، އެކްޓިވިސްޓުންނާއި، އިދިކޮޅު ފަރާތްތަކުގެ ތާއީދާއި އެކު ބޮޑުވާން ފެށިއެވެ.

ޝެއިޚް ހަސީނާގެ ދިގު 15 އަހަރުގެ ވެރިކަމަށް ނިމުމެއް ގެނައުމަށް ގޮވާލައި ދަރިވަރުން ނިކުތީ "ޝޮނާރ ބަންގްލާ، ނޮޓް އަ ސައިލަންޓް ބަންގްލާ" ޝިއާރުގެ ދަށުންނެވެ.

ހަރަކާތުގެ ފެށުން

މި ހަރަކާތް ފެށުނީ 2024 ޖޫން މަހު ޑާކާގައި ސުލްޙަވެރި ކޮށް މުޒާހަރާކުރަމުންދިޔަ ދަރިވަރުންނާ މެދު ފުލުހުން އަނިޔާވެރިވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވުމާ ގުޅިގެންނެވެ. ފުރަތަމަ މުޒާހަރާތައް ފެށުނީ ތަޢުލީމީ މިނިވަންކަމާއި ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ކަމުގައިވިޔަސް، މުޒާހަރާ ތެރެއިން ޑިމޮކްރަސީއާއި ގަވަރނަންސްގައި ހާމަކަން ބޮޑުކުރުމަށް ގޮވާލާން ފެށިއެވެ.

ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ހުރި ޔުނިވަރސިޓީތައް މަޑުމަޑުން ބަދަލުވާން ފެށީ މި ހަރަކާތުގެ މަރުކަޒުތަކަށެވެ. ދަރިވަރުން ކިޔެވުންތައް ކުރުކޮށް ބައްދަލުވުންތައް ބާއްވައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިނގާލުންތައް ރާވަން ފެށިއެވެ. 

"ޖެނެރޭޝަން ދޭޝް" ނަމުން މި ހަރަކާތް މަޝްހޫރުވާން ފެށި އިރު ޒުވާނުންގެ ތެރޭގައި ތިބި އާޓިސްޓުންގެ ހުނަރުތަކުން މި ހަރަކާތުގައި އިތުުރު ޖޯޝު ޖެހެން ފެށިއެވެ. ތަފާތު ކުރެހުންތަކާއި ބެނާތައް ހިފައިގެން ޒުވާނުން މަގުތަކަށް ނިކުމެ މަގުތައް ފުރާލިއެވެ. 

ޒުވާނުން ސީދާ ހަރަކާތަށް

ޔުނިވާސިޓީ ތަކުގައި ތިބެ ދަރިވަރުން މި އެއްވުން އިންތިޒާމްކޮށް މަގުތަކަށް ނިކުތުމާއި އެކު ހަސީނާގެ އަނިޔާވެރި އަސްކަރިއްޔާ އޭނާގެ އަވާމީ ލީގު ޕާޓީގެ ހަރުކަށި އެކްޓިވިސްޓުން ޒުވާނުންނާއި ދެކޮޅަށް ނެރުނެވެ. މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅަންފެށިއެެވެ. ދައުލަތުގެ މީޑިއާ ބޭނުންކޮށް މި އެއްވުންތަކަށް މީހުން ނުދިއުމަށް ދިޔައީ އެކި ޕްރޮޕަގެންޑާ ފަތުރަމުންނެވެ.

ނަމަވެސް މުޒާހަރާތައް ޒުވާނުން އިންތިޒާމް ކުރަމުން ދިޔައީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ސަރުކާރަށް އޮބޯނޯވެގެން އެންމެ ފަހުން އިންޓަނެޓު ބްލޮކް ކޮށް މެސެޖް ނުފޯރާ ގޮތަށް ހަދަން ފެށިއެވެ. އަދި އިސް ސަފުގައި ތިބި ޒުވާނުން ހައްޔަރު ކުރަންފެށިއެވެ. މީގެ އިތުރުން އެއްވުމުގެ ތެރެއަށް ސިފައިން ބަޑި ޖަހައި 6 ކިޔަވާ ކުދިން މަރާލިއެވެ. އެއާއި އެކު މުޅި ބަންގްލަދޭޝް ކެކިއަރަން ފެށިއވެ.

ހަސީނާގެ އަނިޔާވެރިކަން އިތުރުވެ ހީކުރި ގޮތާއި ހިލާފަށް މުޒާހަރާތައް ބޮޑުވާން ފެށިއެވެ. މިލިއަނުން ގުނާލެވޭ އަދަދުން މީހުން ޑާކާ ޗިޓަގޯންގ، ސިލްހެޓް، އަދި ކުލްނާގެ މަގުތަކަށް ނިކުންނާން ފެށިއެވެ. އޭގެ ތެރޭގައި އާއްމު ރައްޔިތުންނާއި ތަޢުލީމީ ބޭފުޅުންނާއި، ކުރީގެ މިލިޓަރީ އޮފިސަރުން ނިކުމެ ޒުވާނުންނާއި ގުޅެން ފެށިއެވެ. އެއާއި އެކު މުޅި މުޒާހަރާއަށް އިތުރު ބާރުތަކެއް ލިބެން ފެށިއެވެ.

ޒުވާނުން އިސްވެ ފެށި މި ހަރަކާތް ބޮޑުވެ "ޑިމޮކްރެޓިކް ރެސްޓޮރޭޝަން ފްރަންޓް (ޑީ.އާރް.އެފް)" ގެ ނަމުގައި ބޮޑު އިއްތިހާދެއް އުފެދުނެވެ. އެއާއި އެކު މި އިއްތިހާދަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބާރު ދޭން ފެށިއެވެ. ޔޫއެން އާއި އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ޖަމްޢިއްޔާތަކުން ހަސީނާގެ ސަރުކާރަށް ޕްރެޝަރަ ކުރަން ފެށިއެވެ. ޒުވާނުންގެ މުޒާހަރާ ދުވަހުން ދުވަހަށް ބިޔަވެ ބޮޑުވެ އެންމެ ފަހުން ހަސީނާއަށް ގޮތްހުސްވާ ވަރުވިއެވެ.

ހަސީނާގެ ވެރިކަން ބަލިކަށިވެ ގޮތް ހުސްވުން 

ހަސީނާގެ ހަރުކަށި އަވާމީ ޕާޓީގެ އެކްޓިވިސްޓުންނާއި އަސްކަރިމްޔާ ނެރެ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑި ޖަހައި ކިޔަވާ ކުދިންތަކެއް މަރާލުމާއި އެކު މުޅި ބަންގްލަދޭޝް ކެކިއެރިއެވެ. އެއާއި އެކު ސަލާމަތީ ބާރުގެ ތެރޭގައިވެސް ބައި ބައިވުން އުފެދެން ފެށިއެވެ. 2024  މާޗު މަހު ސަލާމަތީ ބާރުތަކުން ގައުމީ ޕާލިމަންޓް ކައިރީގައި ބާއްވަމުންދިޔަ ބޮޑު އެއްވުން ރޫޅާލުމުގެ އަމުރާއި ސިފައިން ދެކޮޅު ހެދިއެވެ. އެހިސާބުން ވެރިކަން ކުރާ ޕާޓީއާއި ސިފައިންގެ ތެރޭގައި އުފެދި ހަސީނާގެ ބާރު ކެނޑެންފެށިއެވެ..

ހަސީނާގެ ސަރުކާރަށް އިތުރުވަމުންދިޔަ ޕްރެޝަރާއި ކުއްލި ޙާލަތު ޤާނޫނުތައް ތަޢާރަފް ކުރުން ނާކާމިޔާބުވެ އެންމެ ފަހުން ހަސީނާ އިސްތިއުފާ ދިނުމަށް ނިންމިއެވެ. ގޮތް ހުސްވެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް "ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި" ކަމަށް ބުނެ އެންމެ ފަހުން ޝެއިހް ހަސީނާ އިސްތިއުފާ އިއްލާން ކުރިއެެވެ.

ހަސީނާ އިސްތިޢުފާ ދެއްވައި ވަގުތުން ގައުމުން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތެވެ. އެއާއި އެކު ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި އުފާފާޅުކުރަން ރައްޔިތުން މަގުތަކަށް ނިކުތެވެ. ހަސީނާ ދިރިއުޅުއްވާ ގަނޑުވަރު ސަރަހައްދަށް އެތައް ބަޔަކު އެއްވެ އެގަނޑުވަރު ލޫޓުވާލި މަންޒަރު ފެނިގެން ދިޔައެވެ. އަނިޔާވެރި ހަސީނާ ކުޑަކަކޫ މައްޗަށް ތިރިކޮށްލީ ޔުނިވާސިޓީ ދަރިވަރުންގެ ހިތްވަރުންނެވެ. ޒުވާނުންގެ ތެރެއިން މިއެއްވުން އިންތިޒާމް ކުރި އުމުރުން 23 އަހަރުގެ ރަފީގުލް އިސްލާމް ބުނީ މިއީ ސިކުޑީގެ އިންގިލާބެއް ކަމަާއި ޒުވާނުން ނިކުމެ އެމީހުންގެ މުސްތަގްބަލް އަނބުރާ ހޯދައިފިކަމަށެވެ.

ހަސީނާގެ ވެރިކަން ނިމުމަކަށް ގެނެސް ޒުވާނުން ވަނީ އެގައުމުގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް މުހައްމަދު ޔޫނުސް ހަމަޖައްސާފައެވެ. މުހައްމަދު ޔޫނުސްއަކީ ބަންގްލަދޭޝްގެ ފަގީރު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޔޫނުސްއަކީ މީގެ ކުރިން، ހަސީނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެއް ވެސްމެއެވެ.