
ރާއްޖޭގެ ސިއްޙީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދަނިކޮށް، އާސަންދައިގެ ޚިދުމަތްތައް މަދުވެ، އަސާސީ ބޭސްތައް ނުލިބިގެން ރައްޔިތުން ދަތިހާލުގައި ޖެހިފައި ތިބިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަގުބޮޑު ތަކެތި ބޭނުންކުރައްވައިގެން އަރާމު ދިރިއުޅުމެއް އުޅުއްވާކަން ހާމަވެއްޖެއެވެ. ފަހުން ހާމަވި އިންވޮއިސްއަކުން ދައްކާގޮތުގައި ރައީސްގެ އާއިލާގެ ދުވާލަކަށް ފަރިއްކޮޅަށް އެކަނި 9,849 ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މަހުގެ ބާވަތްތައް ގަނެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސްޕާޓާ ބީފް ކިއުބްގެ 10 ޕެކެޓާއި، އޭ ގްރޭޑުގެ ގަނޑުކުރި ޝްރިމްޕްގެ 10 ޕެކެޓާއި، ކަންބަޅި މަހުގެ 15 ޕެކެޓެވެ.
މި ހާލަތުގައި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ޙާލަތު ދާދި ނިކަމެތިއެވެ. ދިވެހިން ބޭނުންކުރާ އާންމު ބޭސްތައް ފާމަސީތަކުން ލިބެން ނެތުމުގެ ޝަކުވާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެސްޓީއޯގެ ބޭސްފިހާރަތަކުން ވެސް ދޫކުރަންޖެހޭ ބޭސްތައް ނުލިބި ގިނަ ބަޔަކު ދަނީ އުނދަގޫ ހާލުގައި ޖެހެމުންނެވެ. ބޭހަށް ސަލާންޖެހެން ޖެހުނު ޒަމާން އަނބުރާ އައިސްފައިވާކަން ފާހަގަކުރެވެއެވެ. އާސަންދައިން ބޭސްފަރުވާ ހޯދަން ދަތިވެފައިވާ ވަގުތެއްގައި، ބޭސްފަރުވާއަށް ސަލާންޖެހެންޖެހޭ ޙާލަތަށް ދިވެހިރާއްޖެ ވެއްޓެމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވެސް ވަނީ ފާހަގަކުރައްވާފައެވެ. މި ކަންބޮޑުވުން ކުޑޫ ފާޅުކުރައްވާފައިވަނީ އާސަންދަ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުއްވި ސިޓީއެއްގައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަންބޮޑުވާ ކަމަށް ވިދާޅުވީ އާންމުކޮށް ބޭނުންކުރާ ބޭސްތައް އާސަންދައިން ލިބެން ނެތުމާއި، އެސްޓީއޯގެ ފާމަސީތަކުން ވެސް ނުލިބޭ ކަމަށެވެ.
އަމިއްލަ ބޮޑެތި ހޮސްޕިޓަލްތަކަށްވެސް އާސަންދައިން ލިބެންޖެހޭ ފައިސާ ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ކަމަށް އެތަންތަނުން ބުނެއެވެ. އޭޑީކޭގެ ޗެއާމަން އަޙްމަދު ނާޝިދު ވިދާޅުވެފައިވާ ގޮތުގައި އާސަންދައިން 250 މިލިއަން ރުފިޔާ އެ ހޮސްޕިޓަލަށް ދައްކަން ޖެހޭއިރު، ފައިސާ ނުލިބުމުގެ ސަބަބުން ހޮސްޕިޓަލް ހުއްޓާލަންޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. ހަމައެހެންމެ، ރާއްޖެއިން ބޭރުން ވެސް އާސަންދައިގެ ޙިދުމަތް ނުލިބޭ ޙާލަތްތައް އިތުރުވެފައިވެއެވެ. ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން ފައިސާ ނުދައްކާތީ އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް އާސަންދައިގެ އެމްޑީ އާމިނަތު ޒީނިޔާ ވިދާޅުވެފައިވެއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެފައިވަނީ ރާއްޖޭގައި ލިބޭ އާންމު ބޭސްތައް އުނދަގުލަކާ ނުލައި ލިބޭތޯ ކަށަވަރުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެހެންނަމަވެސް ޝަކުވާތައް ދަނީ އިތުރުވަމުންނެވެ. އާސަންދައިން ފައިސާ ލިބުން ލަސްވުމާއި ފަރުވާތައް ހަމަނުޖެހުމުގެ ސަބަބުން މިއަދު ރައްޔިތުން ދަނީ ބޭސްފަރުވާއަށް އަލުން ސަލާންޖަހަން މަޖުބޫރުވާ ހިސާބަށް ވެއްޓެމުންނެވެ. އެކަށީގެންވާ އަވަސް ޙައްލެއް ނައިސްފިނަމަ، ރާއްޖޭގެ ސިއްޙީ ނިޒާމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.
އެތައް ރައްޔިތުންނެއް ބޭސްފަރުވާއަށް މުޅިން މަގުމަތިވެފައި ތިއްބައި، ރައީސް މުއިއްޒުގެ އާއިލާ ހަފްތާ ބަންދު ހޭދަކުރައްވަނީ އާރަށުގައި އޮންނަ އަރާމު ތަނެއްގައި، އަގުބޮޑު މަހުގެ ބާވަތްތައް ފަރިއްކުޅުއްވުމުގައި ކަމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ރައްޔިތުންގެ ބޮލުން އިތުރު ޓެކްސް ނަގައިގެން މިފަދަ އަގުބޮޑު ދިރިއުޅުމެއް އުޅުއްވަނީ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
ސިއްޙީ ދާއިރާ ކުރިއަރުވާނެ ކަމަށާއި އާސަންދަ ފުޅާކުރާނެ ކަމުގެ ވަޢުދުތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އާސަންދަ ފުޅާކުރުމުގެ ބަދަލުގައި، މިހާރު ލިބެމުންދިޔަ ޚިދުމަތްތައް ވެސް ހަނިކުރަމުންދާ ކަމުގެ ޝަކުވާ އަޑުގަދަވަމުންދާއިރު، ރައީސް އަމިއްލަ ދިރިއުޅުމުގައި އަގުބޮޑު ތަކެތި ބޭނުންކުރުމުން އުފެދޭ ސުވާލުތައް އިތުރުވަމުންދެއެވެ. ރާއްޖޭގެ ވެލްފެއާ ނިޒާމުގައި ހުރި މައްސަލަތައް ދުވަހެއް ދުވަހަކަށް ގޯސްވެ، އަސާސީ ބޭސްފަރުވާ ލިބުން އުނދަގޫވެފައި ވަނިކޮށް ރައީސް އާއިލާގެ ދުވާލަކަށް ފަރިއްކޮޅަށް އެކަނި 10,000 ރުފިޔާ ހަރަދުކުރެވޭ ކަމީ ގިނަ ބަޔަކު ހައިރާންވެ ކަންބޮޑުވާ ކަމެކެވެ.
ރައީސްގެ އާއިލާ އަރާމު ދިރިއުޅުމެއް އުޅުއްވަމުންދާއިރު، ރާއްޖޭގެ އެތައް ރައްޔިތަކު ބޭސްފަރުވާ ހޯދުމަށްޓަކައި ސަލާންޖަހަން މަޖުބޫރުވެ، އަސާސީ ބޭސްތައް ނުލިބި، ދަތިހާލުގައި ޖެހިފައިވާކަން ފާހަގަކުރެވެއެވެ. ދިވެހިން އާންމުކޮށް ބޭނުންކުރާ ބޭސްތައް ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާއިރު، ކުޑަކުދިންނަށް ކޮންމެހެން ދޭންޖެހޭ ކެލްސިއަމް ބޭސް ފަދަ މުހިންމު ބޭސްތައް ނުލިބޭކަން ޑޮކްޓަރުން ފާހަގަކުރައްވައިފައިވެއެވެ. ބޭސް ނުލިބިގެން ކަންބޮޑުވާ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކުގެ ޝަކުވާތައް ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދެއެވެ.
އެތައް ފަހަރަކު ބޭސް ސިޓީއާއިގެން ފާމަސީތަކަށް ދިޔަނަމަވެސް ބޭސް ނުލިބިގެން އަނބުރާ ދާން ޖެހުމަކީ މިއަދު ދިވެހި ރައްޔިތުން ކުރިމަތިލަމުންދާ ހިތި ހަޤީޤަތެކެވެ. ހަމައެއާއެކު، ދާއިމީގޮތެއްގައި ބޭސްކާންޖެހޭ މީހުންގެ ތެރެއިން ހަކުރުބަލި، ކެންސަރ އަދި ލޭގެ ޕްރެޝަރ ފަދަ ބަލިތަކަށް ބޭނުންވާ ބޭސްތައް ނުލިބުމުގެ ކަންބޮޑުވުން އިތުރުވަމުންދާއިރު، ސަރުކާރުގެ އިސްވެރިންގެ އަރާމު ދިރިއުޅުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތައް ކުރަމުންދާކަމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.
ރައްޔިތުންގެ ފުރާނައާ ގުޅުންހުރި ބޭސްފަރުވާއަށް ފައިސާ ދައްކަން ދަތިވެފައިވާއިރު، ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ދުވާލަކަށް ލައްކައަކާ ގާތްކުރާ ހޭދައެއް ކުރަމުންދާކަމުގެ ތުހުމަތުތައް އުފެދެމުންދާކަން ފާހަގަކުރެވެއެވެ. މީގެ ކުރިންވެސް ރައީސް އާއިލާގެ ހަފްތާ ބަންދު ޗުއްޓީތައް ހޭދަކުރެއްވުމަށް އާރަށުގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަވައިގެން އަގުބޮޑެތި ކާނާ ބޭނުންކުރައްވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ސަރުކާރުން ކޮންޓްރޯލްކުރާ ބޭސްތަކުގެ އަގު ބޮޑުވެގެން އާންމުން ޝަކުވާކުރަމުންދާއިރު، ރައީސް އަދި ފުރަތަމަ ލޭޑީއަށް އަގުބޮޑު ކާބޯތަކެތި ގަންނަމުންދާކަމުގެ މައުލޫމާތު ހާމަވުމާއެކު، ސަރުކާރުގެ އިސްރާފުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އިތުރުވަމުންދެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް މިފަދަ ބޮޑެތި ހޭދަތައް ކުރަމުންދާއިރު، އާންމު ރައްޔިތުންނަށް އަސާސީ ބޭސްފަރުވާ ހަމަޖައްސާދިނުމަށް ސަރުކާރަށް ދަތިވަމުންދާކަމީ ހިތާމަހުރި ކަމެކެވެ.
ބޭސްފަރުވާއަށް ސަލާންޖެހެން ޖެހުނު ޒަމާން އަނބުރާ އައިސްފައިވާއިރު، ރައީސް މުއިއްޒު ވަނީ ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެހެންނަމަވެސް، ސިއްޙީ ނިޒާމު ދުވަހެއް ދުވަހަކަށް ދަށަށްދާއިރު، ރައީސްގެ އާއިލާއާއި ސަރުކާރުގެ އިސްވެރިން ފަޚުރުވެރި ދިރިއުޅުމެއް އުޅެމުންދާކަމުގެ ހެކިތައް ފެންމަތިވަމުންދާކަން ފާހަގަކުރެވެއެވެ.