މުއިއްޒުގެ ދެކަބަލުންގެ މުނިފޫހިފިލުވުމަށް އާރަށަށް ކުރާ ހަރަދު 300 މިލިއަނަށްވުރެ މަތި!

ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަކޮށްފައިވާ ކ. އާރަށަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަންނަވާ އަދަދާއި އެ ރަށަށް ކުރެވޭ ޚަރަދުތަކުގެ މައުލޫމާތު ހޯދަން ހުށަހެޅުމުން، އެކަން މައްސަލައަކަށް ހަދައި ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ކުރީގެ ރައީސުން މި ރަށް ބޭނުންކުރައްވާފައިވަނީ ވަރަށް މަދުން ކަމަށްވާއިރު، މިހާރުގެ ރައީސް މުއިއްޒުގެ ދެކަނބަލުން އާރަށަށް ގިނަ އަދަދަކަށް ދަތުރުކުރައްވާ ކަމަށާއި އެ ރަށަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރާ ކަމަށް ދަނީ އަޑުފެތުރެމުންނެވެ.

ލިބިފައިވާ މައުލޫމާތުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ސިފައިންގެ ޚަރަދުތަކަށް 1.7 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، 2025 ވަނަ އަހަރުގެ ބަޖެޓުގައި މި އަދަދު 2.1 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައިވެއެވެ. މިއީ 506 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޤައުމީ ސަލާމަތުގެ ނަމުގައި ރައީސް މުއިއްޒުގެ އާއިލާގެ މުނިފޫހިފިލުވުމުގެ ކަންކަމަށް އާރަށަށް 310 މިލިޔަން ރުފިޔާ ޚަރަދުކުރާ ކަމަށް ބުނެވެއެވެ.

ނަމަވެސް، މި ޚަރަދުތަކުގެ މައުލޫމާތު ހޯދަން އެދުމުން ޑިފެންސުން ބުނަނީ މިއީ ޤައުމީ ސަލާމަތުގެ މައްސަލައެއް ކަމަށް ނިންމައި، މި މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ.

"މި މައުލޫމާތަކީ ރައީސް އަދި އެމަނިކުފާނުގެ އާއިލާގެ ސަލާމަތަށް ނުރައްކާވެދާނެ ގޮތަކަށް ބޭނުންކުރެވޭނެ މައުލޫމާތެއް ކަމަށް ބެލެވޭތީ، އެ މައުލޫމާތު ހޯދަން އެދޭ ފަރާތްތަކުގެ މަޤުޞަދު ދެނެގަތުމަށް ކުރަންޖެހޭ ކަންކަން ދިފާއީ ބާރުން ކުރާނެ" ކަމަށް ސިފައިންގެއިން ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންނާއެކު އޮކްޓޯބަރު 30، 2024ގައި ބޭއްވި ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ސީދާ ޖަވާބެއް ނުދެއްވާ، އާރަށަށް ވަޑައިގަތުމަކީ ރައީސުންނަށާއި ރައީސުންގެ އަނބިކަނބަލުންނަށް ލިބިދޭ އިޚްތިޔާރެއް ކަމަށާއި، އަދި އެ ރަށުގައި ވަޒީރުންނާ އެކު ބައްދަލުވުންތައް ބޭއްވުމަކީ ވެސް ލިބިފައި އޮތް އިޚްތިޔާރެއް ކަމުގައި ވިދާޅުވިއެވެ.

އާރަށުގެ މަރާމާތާއި ރިކަރެންޓަށް ދާ ޚަރަދު ކުރަނީ ސިފައިންގޭގެ ބަޖެޓުންނެވެ. މި ތަފުސީލުތަކާއި ރައީސްއާއެކު އާރަށަށް ދާ ސަރުކާރުގެ ވެރިންގެ ތަފުސީލު ވެސް ޑިފެންސުން ވަނީ ސިއްރުކޮށްފައެވެ.