ފައިސާ ޗާފުކޮށް ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކުގެ ނަމުގައި 1.5 ބިލިއަން ރުފިޔާ ތުރުކީ ކުންފުންޏަކަށް ބޭރު ކުރަނީ

އެމްއެމްއޭ މެދުވެރިކޮށް ބިމެއް ގަތުމުގެ ނަމުގައި 14 ބިލިއަން ރުފިޔާ ޗާޕުކޮށް އޭގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ރާއްޖެއިން ބޭރުކުރުމުގެ ސިއްރު އޮޕަރޭޝަނެއް ރައީސް މުއިއްޒު ފައްޓަވައިފިއެވެ.

މުއިއްޒު ފައިސާ ބޭރު ކުރުމަށް ނިންމާފައިވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ކުރާ ހޭދަ ބޮޑު ކުރުމަށް ގަރާރެއް ފާސްކޮށްގެންނެވެ. މިގަރާރުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަ ނުކުރެއެވެ.

ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކެއް ހިންގަން ބޮޑު އިންވެސްޓްމަންޓެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފައި މިވަނީ ދިވެހި އަސްކަރިއްޔާއަށް މިސައިލްތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ފެތެރިފައިވަނިކޮށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނާ ގޮތުން ދިވެހި ސަރުކާރުން ސާފޭސް-ޓު-އެއާ މިސައިލްތަކަކާއި އެ ތަކެތި ހަރުކުރެވޭ ފެންވަރުގެ މަނަވަރެއް ގަންނަނީ ތުރުކީގެ އަސްކަރީ ކުންފުންޏެއް މެދުވެރިކޮށެވެ.

ގައުމީ ސަލާމަތީ ބާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ގައުމީ ސަލާމަތާއި ގުޅިގެން ކުރާ އިންވެސްޓުމަންޓު ބޮޑު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ނެތް ނުރައްކަލެއް މިހާރު ނެތް އިރު ދިވެހި ދައުލަތުން އެހާ ބޮޑު ހޭދައެއް އަޑި ނޭގޭ ގޮތަށް ދިވެހި ސިފައިންގެ ބޮލުގައި އަޅުވައިގެން ކުރެވިގެން ނުވާނެކަމަށެވެ.

" އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން ގަތް ޑްރޯން އަކުން ކުރެވޭ މާބޮޑު ކަމެެއް ނެތް، އެއީވެސް ފައިސާ ގަނޑެއް ބޭރުކޮށްލީ، ގެނެސްފައި ހުރީ މިލިޓަރީ ޑްރޯމްތަކެއް، ސަވައިލެންސްް އެއްޗެއް ނޫން، އަނެއް ކޮޅުން ދިވެހި ސިފައިންނަށް ބޭނުންވާ އެތައް ކަމެއް އެހެރީ ނުކުރެވި، ކުއްލިއަކަށް މި އިވުނީ ގައުމީ ސަލާމަތާއި ގުޅިގެން 100 މިލިއަން ޑޮލަރާއި ހަމައަށް އިންވެސްޓު ކުރެވޭ ގޮތަށް ހެދި އަޑު" އެމްއެންޑީއެފްގެ ޖެނެރަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިފައިންނަށް ބޭނުންވާ ސާމާން ހޯދުމުގެ ނަމުގައި ބޭރުގެ ބަޔަކަށް ފައިސާ ދިނުމަށް ފަހު އެމައުލޫމާތު ސިފައިންގެ ތެރެއިން ސިއްރު ކުރާނީ ގައުމީ ސަލާމަތާއި ގުޅުވައިގެން ކަމަށް ބުނެއެވެ. 

"އެއީ ސިއްރު މައުލޫމާތެއް ކަމަށް ބުނެ މައުލޫމާތު ނުދޭނެ، މީގެ އަޑީގައި އެބަތިބި ސިފައިންގެ ބައެއް އޮފިސަރުންނާއި ރިޓަޔާޑު ބައެއް އޮފިސަރުން މިއީ ބޮޑު ނެޓްވޯކެއް"

އިތުބާރު ހުރި އެހެން ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ ވެރިކަން ނިމެންވާ އިރަށް ރާއްޖެއިން ބޭރަށް ގެންދެވެން ހުރި ހުރިހާ ފައިސާއެއް ރާއްޖެއިން ބޭރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖެއިން އެންމެ ފަސޭހައިން ފައިސާ ބޭރު ކުރެވޭނެ އެއް މަގަކީ ސިފައިންގެއަށް ބޭނުންވާ ހަތިޔާރު ހޯދުމުގެ ނަމުގައި ބަޔަކަށް ފައިސާ ބޭރުކޮށްގެންނެވެ.

"މިހާރު މިގޮތަށް ވިސްނަވާ، މުއިއްޒުއަށް އެބަ އެނގޭ މިވެރިކަން ހިފަހައްޓާ ނުލެވޭނެކަން، އެހެންވެ މިހާރުވެސް ފެންނާނެ ކުންފުނިތަކަށްވެސް އެ އައްްޔަން ކުރަނީ ސިފައިންގެއިން ރިޓަޔާ ކޮށްފައި ތިބި އޮފިސަރުން، އަދި މިހާރު ކުރީގެ ޗީފް އޮފް ޑިފެންސްފޯސް އަބްދުއް ރަހީމް އެހުރީ ތުރުކީ ސަފީރަަކަށް ފޮނުވާފައި. އެއީ އެކޮޅުން ކުރަންޖެހޭ ކަންކަން ކުރުމަށް މިއީ ވަރަށް ބޮޑަށް ރޭވިގެން މަޑުމަޑުން ހިންގާ ކަމެއް"

އޭނާ ވިދާޅުވީ މުއިއްޒު ވަނީ މަޑު މަޑުން ހުރެ މަޖްލިސް މެމްބަރުންގެ އަތްފައި ބަދެ، އެންމެ ފަހުން މިނިވަން ކޮމިޝަން ތަކާއި ސްޕްރީމް ކޯޓުވެސް ކޮންޓްރޯލް ވެސް ނަގާފައެވެ. އެހެންވެ އޭނާ މިހާރު ހިންގަމުންދާ ކަންކަން ބެލޭނެ ހުރިހާ ނިޒާމެއް މި ވަނީ ރަސްކޮށް ބަންދުކޮށްފައެވެ.

"މިހާރު ވިސްނަވާ، މުއިއްޒު މިވަނީ އެތައް ދުވަހެއް ވަންދެން ހައުސިން މިނިސްޓަރކަން ކުރައްވާފައި، 7 އަހަރު ދުވަހަށް، ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެ ހިންގި މަޝްރޫއުތަކުން ފައިސާ ހޯދައި ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރިކަން އެންމެންނަށް އެނގޭ، ހުރިހާ މުވައްސަސާއަކަށް ވެސް އެނގޭ، އެކަމަކު އެއްވެސް ފިޔަވަޅެއް ނޭޅޭ، ނޫމަޑި މައްސަލަވެސް އެނިމިގެން ދިޔަ ގޮތް އެއޮތީ ފެންނަން، މުއިއްޒު މަޖްލިސްގެ ކޮމެޓީގައި ހެދި ދޮގު އެހެރީ ފެންނަން، އެ ހުރިހާ ދޮގަކާއި ގެންގޮސް އެހުރީ ވެރިކަމުގައި، މުއިއްޒު އާއި ގުޅޭ ހުރިހާ ލިޔެ ކިޔުމެއް ހުރީ ހައުސިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލްގައި، އެތަނުގައި ރޯކޮށް އެއޮތީ އަންދާލާފައި، ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސްއަށް އެނގޭނެ އެކަންވީގޮތް، އެކަމަކު އެއް ކަމެއްވެސް ނުކުރެވުނު، އެއީ ހުރިހާ މުވައްސަސާއެއް މުއީޒް  ވިސްނުންތެރިކަމާއި އެކު ކޮންޓްރޯލް ނަގާފައި އޮތީމަ" ސިފައިންގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުއިއްޒު ހިންގަން އުޅޭ ޖަރީމާއަށް ސިފައިންގެ ތެރެއިން ބަޔަކު ނިކުމެ ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ރައްޔިތުން ނިކުންނައިރު ރައްޔިތުންނާއި އެކު ތެދުވާނެ "ގައުމީ" ސިފައިން ތިބިކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ސަރުކާރުން ޑްރޯންތައް ގަތީ ވެސް ތުރުކީގެ ކުންފުންޏަކުންނެވެ. އެ ޑްރޯންތައް ގަންނަން 37 މިލިއަން ޑޮލަރު ހަރަދުކުރިކަން އެކި މަސްދަރުތަކުން ޔަގީންވެފައިވީ ނަމަވެސް ސަރުކާރުން ވަނީ ޑްރޯންތައް ގަންނަން ކުރި ހަރަދު ހާމަކުރަން ދެކޮޅުހަދާފަ އެވެ.