ބަހުލޫލުގެ އަންހެނުން ސާޖިދާ ގެ އޯޑަރަށް މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހައިފި

މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް އާދިއްތަ ދުވަހުގެރޭ ކަޅު ތެޔޮ ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގައެވެ. މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވަނީ ހެލްމެޓް އަޅައިގެން މާސްކް އަޅައިގެން ސައިކަލުގައި އައި ބައެއް ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަންޒަރު ދުށް ފަރާތަކުން ބުނި ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ އާ ހިސާބުން ކަޅު ތެޔޮ ޖެހި މީހުން އައީ މަންދި ފޮލޯ ކުރަމުން ކަމުގައެވެ.

އެމްޑީޕީ އިން އާދިއްތަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމަށް ފަހު މަންދީ ގެޔަށް ދިޔައީ އެކަނި ސައިކަލުގައެވެ.

"ސައިކަލުގައި އައިސް މަންދި އިން ފަޅިން ކުރިއަށް އަރާ މަންދި ލޮލަށް [ކަޅު ތެޔޮ] ޖަހާފައި، ފުޅި އެއްލާލާފައި ނައްޓާލީ؛" ކަމަށް މަންދި އާ އެކީ ވަކި ސައިކަލެއްގައި ދުއްވާފައި ދިޔަ ފަރާތުން މިކަން ހިނގި ގޮތް ކިޔައިދެމުން ބުނެފައިވެއެވެ.

ޙާދިސާ ހިނގި ސަރަހައްދުގައި ހުރެ މީޑިއާ އާ ވާހަކަ ދައްކަމުން މަންދި ބުނެފައިވަނީ، މިކަން ކުރީ ވަކި ބަޔެއްގެ ނުފޫޒުން ވަކި ބަޔަކު ފޮނުވައިގެން ކުރި ކަމެއް ކަމުގައެވެ.

"އަޅުގަނޑަށް މިވާހަކަ ބުނަން މަޖުބޫރު ވަނީ އަޅުގަނޑާ ހަމަ ޒާތީވެފައިވާތީ،" މކަމަށް މަންދި ބުންޏެވެ.

މަންދި ބުނި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާގެ އަތެއް މިކަމުގައި ނުވާނެ ކަމަށް ނުދަންނާވާނެ ކަމަށެވެ.

މަންދިގެ މޫނަށާއި ގަޔަށް އަދި ސައިކަލަށް ކަޅުތެޔޮ ޖަހާފައިވާއިރު، އެ ސަރަހައްދަކީ ގިނަ އަދަދަކަށް މަގުމަތީގެ ކެމެރާ ހުރި ސަރަހައްދެއްކަން މަންދީ ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން އައިސް ހަރަކާތްތެރިވި މަންޒަރު ނޫސްވެރިންނަށް ފެނިފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީއިން ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން ފުލުހަށް ހާޒިރުވުމަށް މަންދީއަށް ތިންވަނަ ޗިޓެއް ފޮނުވާފައިވަނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަންދީ ހާޒިރުކުރަނީ ޗިލްޑްރަންސް އޮމްބޮޑްސްޕަރސަންގެ އޮފީހުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މަންދީ ހިމެނޭގޮތަށް ބައެއް ފަރާތްތަކުގެ މައްޗަށް މަދަނީ ދަޢުވާކުރަން ނިންމެވި ދަނޑިވަޅެއްގައެވެ. ސާޖިދާގެ ފަރާތުން މަދަނީ ދަޢުވާތައް ކުރަނީ މަންދީ ރައީސް މުއިއްޒުގެ ދަރިކަލުންގެ "ކަރާމާތައް" އަރައިގަނެފައިވާ ކަމަށް ބުނެއެވެ.

މި މައްސަލަ ފެންމަތި ކުރި ހިސާބުން މަންދީ އަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހުއްޓުމެއް ނެތި އެކި ގޮތްގޮތުން ގެންދަނީ ފުރައްސާރަ ކޮށް ބިރު ދައްކާ އިންޒާރު ދެމުންނެވެ.