ޖަނާބު ތިއަރީގައި ބާލިއުވުމުން ބޮޑު މީހަކަށް ބަލަން ޖެހޭ އިރު ދައްތަ ޝާހީ ސާޖިދާގެ ކުދިންނަކީ ބާލިއުވިޔަސް ކުޑަކުދިން!

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު)

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު) ކުޑަކުދިންކަމަށް ބާލިއު ވުމުން ބަލަން ނުޖެހޭ ކަމަށް ދެއްކިވާހަކަ ތައް އުނބަށް ޖަހައިފިއެވެ.

 ރ. މީދޫގައި 14 އަހަރުގެ ކުޑަކުއްޖަކާއި ފުލުހަކާ ދެމެދު ހިނގި ކުރިމަތިލުމަކާ ގުޅިގެން ޖަނާބު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ "ކުޑަކުއްޖެއް؟ ބާލިޣުވެފައި ތިބެނީ ބޮޑެތި މީހުން ކަމަށް ދެކިގެން ނޫނީ މިފަދަ ޖަރީމާ ނުހުއްޓުވޭނެ" ކަމަށެވެ. އޭނާގެ މި ބަސްމަގުން ދޭހަވަނީ 14 އަހަރުގެ ކުއްޖާ ބާލިޣުވެފައިވާތީ ބޮޑު މީހެއްގެ ގޮތުގައި ބެލުން އެދިވަޑައިގަންނަވާ ކަމަށެވެ.

އެހެންނަމަވެސް، އަނެއްކޮޅުން ޖަނާބުގެ ދައްތަ ސާޖިދާގެ 16 އަހަރުގެ ދަރިފުޅު ވޭޕްކުރުމާ ގުޅިގެން އުފެދުނު މައްސަލައިގައި، ގިނަ ފަރާތްތަކުން ފާޑުކިޔާފައިވާ ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް މި މައްސަލައިގައި ޖަނާބުގެ ތިއަރީ ތަފާތު ވެއްޖެއެވެ. 

ޖަނާބުގެ ތިއަރީގައި، މީދޫގެ މައްސަލައިގައި 14 އަހަރުގެ ކުއްޖާ "ބާލިޣުވެފައިވާތީ  ބޮޑެތި މީހުން" ކަމަށް ދެކެވަޑައިގެންނެވިއަސް، އޭނާގެ ދައްތަގެ 16 އަހަރުގެ ދަރިފުޅާ ބެހޭގޮތުން ދެކޭ ގޮތް ބަދަލުވެއްޖެއެވެ. ޖަނާބުގެ ނަޒަރުގައި ސާޖިދާގެ ކުދިން ވަނީ ބާލިއު ވިޔަސް ކުޑަކުދިންނަށެވެ. 

ޖަނާބުއަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ޅިޔަނުކަން ވެސް ފާހަގަކޮށްލެވެއެވެ.

މި މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް ބަޔާނެއް ނެރެފައެއް ނުވެއެވެ. ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި އެކުދިންނާމެދު ގެންގުޅޭ ނަޒަރިއްޔާތު އެއްގޮތަކަށް ބެހެއްޓުމުގެ މުހިންމުކަން މިފަދަ ހާލަތްތަކުން ފާހަގަކުރެވެއެވެ.

މީދޫގައި ހިނގި ހާދިސާއާ ގުޅޭގޮތުން ފުލުހުން މީޑިއާއަށް ދީފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، މަގުމަތީ އަޑުގަދަކުރަން އުޅުނު ކުޑަކުދިންތަކެއްގެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހަކު އަމުރުކޮށްފައިވާ ކަމަށެވެ. ޒާތީ މައުލޫމާތު ދޭން ދެކޮޅު ހެދުމުން ދެން އެ ފުލުސް މީހާ އަމުރު ކުރީ ކުޑަކުދިންތައް ފުލުސް އޮފީހަށް ގެންދިޔުމަށެވެ.

ފުލުސް އޮފީހަށް ދާން އެންގުމުން އެތަނުން ކުޑަކުއްޖަކު ފުލުސް މީހާއަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެ ކުއްޖާގެ އާއިލާއިން ބުނަނީ ފުލުސް މީހާ ކުޑަކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.