
ދިޔަރެސް ނޫސް ހިންގާ ޓީމް ސަރުކާރުން ލާރި ނެގިކަމުގެ ތުހުމަތުކޮށް ޕީޕީއެމް ޕީއެންސީ ސެނެޓްގެ ވަޓްސްއަޕް ގުރޫޕު ހޫނު ވެއްޖެއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ރައީސް ޔާމީން ކުރެއްވި ތާއީދު ގެންދެވި ހަބަރު ދިޔަރެސްގައި މިރޭ ރިޕޯޓްކުރުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަމުގެ އަޑީގައި ހުންނެވީވެސް ޑރ ޖަމީލުކަމަށް ވިދާޅުވެ ގުރޫޕްގައި ޖަމީލަށް ބަވާލާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ޖަމީލް އަކީ ހަޔާތްކުޑަ މީހެއްކަމަށާއި އެކަން އޮގޮތަށް ކުރުމުން ޖަމީލަށްވެސް މޮޅުތަކެއް ނުވާނެ ކަމަށެވެ.
އަބްދުއްރަހީމްގެ މެސެޖަށް ޖަވާބުދިން އެހެން ސެނެޓަރަކު ވިދާޅުވީ ދިޔަރެސް ޓީމު ސަރުކާރުން ލާރިނެގިކަމުގެ ތުހުމަތު ކުރާކަމަށެވެ. އަދި މޫކައި ސްވިޓަށް ދިޔަރެސްގެ ޓީމްގޮސް ލާރި ނަގާތަން ފެނުނު މީހުން އޭނާ ގާތު އެވާހަކަ ބުނިކަމަށްވެސް ސެނެޓަރު ބުނެފައި ވެއެވެ. ސެނެޓަރު ވަނީ ދިޔަރެސްގެ ބައެއް މީހުން މޫކައި ސުވިޓުން ނިކުންނަ ފޮޓޮއެއްވެސް ގުރޫޕަށް ފޮނުވާފައެވެ.
އެ މެސެޖާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޕާޓީގެ ބޮޑެތި މީހުން ގްރޫޕްގައި މިގޮތަށް ޒުވާބުކުރަން ފެށުމުން ދިޔަރެސްގެ ކުދިންވެސް އެކުދިންގެ ސަލާމަތް ހޯދާނެކަމަށެވެ. އަދި ޕާޓީގެ ބޮޑުންނަކީ އެވަރު ނުވިސްނޭ ކުޑަކުދިން ނޫންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.