
ރާއްޖޭގެ ރައީސް މުޙައްމަދު މުއިއްޒު ޓަރކީން ކުރު ރާސްތާ ސާފަސް-ޓު-އެއަރ މިސައިލްތަކެއް ގަތުމަށް ނިންމަވާފައިވާ ކަމަށްވާ މައުލޫމާތު ލިބިއްޖެ އެވެ. މި މުޢާމަލާތަށް 2025 ވަނަ އަހަރުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައި ވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ރައީސް މުއިއްޒު ފަހަކަށްއައިސް އާރަށުގައި ޓަރކީގެ ފަރާތަކާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި ޓަރކީގެ ފަރާތުން އިންސްޓޯލްމަންޓް އުސޫލުން އުޅަނދެއް ވިއްކުމަށް ހުށަހަޅާފައިވާ ކަމަށާއި، މިސައިލްތަކެއް ގަތުމަށް ރާއްޖެއިން އެއްބަސްވެއްޖެނަމަ، އުޅަނދަށް ފައިސާ ދެއްކުމުގެ މުއްދަތު އެއް އަހަރުން ދެ އަހަރަށް އިތުރުކޮށްދޭނެކަމަށް ބުނެފައިވާކަމަށް ވެއެވެ. އުޅަނދުގެ އަގާއި ސްޕެސިފިކޭޝަންތައް އަދި ހާމަވެފައިނުވިޔަސް، އެއީ ޓަރކީގެ ކުރީގެ އަސްކަރީ އުޅަނދުތަކުގެ ތެރެއިން އެއްޗެއްކަން ބެލެވެއެވެ.
މި މުޢާމަލާތު ފާސްކުރެވޭނީ ކުރީގައި ފާސްކުރެވިފައިވާ "ސިންގަލް ސޯސް މެތަޑް" ގެ ދަށުން ކެބިނެޓުންކަމަށް ބެލެވެއެވެ. 241 ކޮމިޓީން މިފަދަ ޕްލޭނެއް ވޭތޯ ސުވާލުކޮށްފިނަމަ، މިހާރު އެ މައުލޫމާތު ހާމަކުރަންޖެހޭނެކަމަށް ބެލެވުނު ނަމަވެސް، ކޮމިޓީއަށް މިކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ބުނެވެއެވެ.
މިސައިލްއެއްގެ މާކެޓް އަގު ގާތްގަނޑަކަށް 600,000 އެމެރިކާ ޑޮލަރު ކަމަށާއި، ފުރަތަމަ ބުރުގައި 35 މިސައިލް ގަތުމަށް ރައީސް މުއިއްޒު ނިންމަވާފައިވާކަމަށާއި، މިއީ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާއާ އެއްވަރުގެ ޚަރަދެއްކަމަށް ބެލެވެއެވެ. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރަށް މިކަމުގެ މައުލޫމާތު ދެވިފައިވާކަމަށާއި، މިނިސްޓްރީން މިކަމަށް ބަޖެޓް ކަނޑައަޅާފައިވާކަމަށް ވެސް ބުނެވެއެވެ.
މި މުޢާމަލާތުގެ ބޭނުމަކީ އަގު އިންފްލޭޓްކޮށް، 2028 ވަނަ އަހަރުގެ އިންތިޚާބަށް ފައިސާ ހޯދުންކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމައްފަހު އެތައް މިލިއަން ރުފިޔާ ހަރަދު ކޮށްގެން ތުރުކީން އަސްކަރީ ޑްރޯން ތަކެއް ގަނެފައި ވެއެވެ. މި މުއާމަލާތުން ވެސް އެތައް މިލިއަން ރުފިޔާ ވަގަށް ނަގާފައި ވާކަމަށް އެތައްބަޔަކު ތުހުމަތު ކުރެއެވެ.
ޓަރކީން ކުރު ރާސްތާ ސާފަސް-ޓު-އެއަރ މިސައިލްތަކެއް ގަތުމަށް ނިންމަވާފައިވާ ނިންމުމާއި ގުޅިގެން ސަރުކާރުގެ ފަރާތުން އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.