ރަސްގެފާނު މުޢިއްޒު ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ނޫސްވެރިޔާ ފިޔާޒް އަށް ފޯނުން ގުޅުއްވައި ބިރު ދައްކަވައިފި

ރަސްގެފާނު މުހައްމަދު މުއިއްޒު

ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި އަދަދު ނޫހުގެ ޗީފް އެޑިޓަރ ހުސެއިން ފިޔާޒް މޫސާ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޒާރު ދެއްވައިފި އެވެ.

ފިޔާޒުއަށް ރަސްގެފާނު މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ ރޭ އިރާކޮޅު 7:04 ގަ އެވެ. ފިޔާޒުއަށް ގުޅުއްވައި ރަސްގެފާނު އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރަސްގެފާނުގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.

މިނެޓެއްގައި އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރަސްގެފާނު އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އެވެ.

އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރަސްގެފާނު ތަކުރާރުކޮށް ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި އެވެ. "ތިންވަނަ ފަހަރަށް މި ބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ފޯނު ބޭއްވެވުމުގެ ކުރިން ރަސްގެފާނު ވިދާޅުވި އެވެ.

ރަސްގެފާނުގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދަދު ނޫހަށް ފިޔަވަޅު އަޅުއްވާނެ ކަަމަށް ވިދާޅުވެ ރައީސް އިންޒާރު ދެއްވިއިރު، ރަސްގެފާނުގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަ މި ނޫހުގައި ރިޕޯޓު ވެސް ކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް މި ނޫހުގައި ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ރަސްކަމުގެ އިސް ބޭފުޅުން ދެއްކެވި ވާހަކައިންނެވެ.