ފައްޔާޒް އާއި މަންދީގެ އިތުރުން އެމްޑީޕީ ގޮވައިގެން ރާނީ ސާޖިދާ ޝާހީ ކޯޓަށް

ރަސްގެފާނު މުހައްމަދު މުއިއްޒު އާއި ރާނީ ސާޖިދާ މުހައްމަދު

ރަސްގެފާނު ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒުއަކީ ދުންފަތު އިސްތިއުމާލް ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ޝާހީ ކޯޓަން ދާން ރަސްގެފާނުގެ އަނބިކަނބަލުން، ރާނީ ސާޖިދާ މުހައްމަދު ނިންމަވައިފި އެވެ.

ރަސްގެފާނުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ޝާހީ އާއިލާގެ ފަރާތުން މިއަދު ދިމްޔާތު ގަނޑުވަރު ގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ދިމްޔާތު ގަނޑުވަރު ގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރު ވިދާޅުވީ ރަސްގެފާނުގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ ޖިނާއީ ދައުވާ އުފުލޭ ވަރުގެ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެ ވާހަކަތަކާ ގުޅިގެން އެއްވެސް މީހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލަން ރަސްގެފާނު ނިންމާފައި ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ޝާހީ މަންމަގެ ހައިސިއްޔަތުން ރާނީ ސާޖިދާ މުހައްމަދު ނިންމަވާފައި އޮތް ނިންމެވުމަކީ ޖިނާއީ މައްސަލަތަކެއްގެ ދައުވާ ކުރިއަށް ގެންދަވާކަށް ނޫން. އެ ކަންތައްތައް އެއީ ރަސްކަމުގެ ކަމާބެހޭ މުއައްސަސާތަކުން ކުރިއަށް ގެންދަވައިފި ކަމަށް ވަންޏާ އެ ބޭފުޅުންގެ މަސައްކަތަކަށް ހަވާލު ކުރައްވާފައި މަދަނީ މައްސަލަތަކުގެ މަދަނީ ބައިތައް ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި އޮންނާނީ އަދި މިހައި ހިސާބަށް މަދަނީ ގޮތުން އަޅާނެ ބައެއް ފިޔަވަޅުތައް ވެސް ނިންމާފައި ހުންނާނެ ވާހަކަ ދަންނަވަން،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ރަސްގެފާނުގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ދައުވާ އުފުލަން ނިންމާފައި ވަނީ އެމްޑީޕީގެ މުޒާހަރާގައި ރަސްގެފާނުގެ ދަރިކަލުންނާ ގުޅޭ ގޮތުން ވާހަކަ ދެއްކި، މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީއާ ދެކޮޅަށް ކަމަށެވެ. އެ ދައުވާތައް އުފުލަން ނިންމާފައި ވަނީ ރަސްގެފާނުގެ 18 އަހަރު ނުފުރޭ ބޭފުޅުންގެ ހައްގުތައް ގެއްލި އެ ބޭފުޅުން ނުރައްކަލަށް ހުށަހެޅިގެން ދިޔައީމާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ނަމަވެސް ދައުވާ ބައްޓަން ކުރައްވާނެ ގޮތެއް، ނުވަތަ ދައުވާ ކުރަނީ ސީދާ ކޮން ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިގެން ކަމެއް  ދިމްޔާތު ގަނޑުވަރު ގެ ވަކީލާ އާޒިމާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ މި މައްސަލަ އަދިވެސް ދިރާސާ ކުރަމުން ދާތީ އެކަމާ ބެހޭ އިތުރު މައުލޫމާތު މިވަގުތު ހާމަ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.