ދިވެހިރާއްޖެއިން ބަންގްލަދޭޝްއިން ހޯދަން އެދުނު 200 މިލިއަން ޑޮލަރުގެ ލޯނު ނުދިން

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު

ދިވެހި ސަރުކާރުން ބަންގްލަދޭޝް އާއި ސްރީލަންކާއިން މާލީ އެހީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް ކާމިޔާބުވެފައި ނުވާކަން އެނގިއްޖެއެވެ. މި ދެ ޤައުމުންވެސް ދިވެހިރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންކާރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ޝާރިޖާ އިސްލާމިކް ބޭންކުން 200 މިލިއަން ޑޮލަރުގެ ޞުކޫކް ބޮންޑް ދޫކުރުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާކަން އެނގިފައިވެއެވެ. މިކަމުގެ ސަބަބުން 2026 ވަނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރުގެ ޞުކޫކް ދަރަނި އަނބުރާ ދެއްކުމަށް ދިވެހިރާއްޖެއަށް އިތުރު ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މިހާރު ދިވެހި ސަރުކާރުން އެހެން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު މަޝްވަރާކުރަމުންދާކަމަށް ބެލެވެއެވެ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް މިކަން އަސަރުކުރާނެ މިންވަރާމެދު ކަންބޮޑުވުން އުފެދިފައިވެއެވެ.

ރާއްޖެއިން މި އަހަރު 600 މިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހެ އެވެ. އަދި އަންނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހެ އެވެ. ޖުމްލަ ބޭރުގެ ދަރަނި ތިން ބިލިއަން ޑޮލަރަށް އަރަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ކެމްޕެއިނަކަށްފަހެވެ. ވެރިކަމަށް ވަޑައިގެން ގުޅުން ބަދަހި ކުރަން މަސައްކަތް ކުރީ ޗައިނާއާއެކު އެވެ. އެއާއެކު ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.

ނަމަވެސް މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރާއްޖެއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމެންޓުތައް ސަރުކާރުން ލަފާ ކުރި ގޮތަށް ނުވަނުމުން އިންޑިއާއާއެކު އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. އިންޑިއާއިން މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވީ ބަދަލުގައި ބައެއް ކަންކަން ކޮށްދޭން ސަރުކާރުން އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރަށް އެއްބާރުލުން ދިނުން ހިމެނެ އެވެ.