
ރާނީ ސާޖިދާ އާއި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ މުދާ އަމިއްލަ ބޭނުންތަކަށާއި އެ ފަރާތްތަކުގެ ރައްޓެހިންގެ މަޖާއަށް ބޭނުންކުރާ ކަމުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މި މައްސަލައިގައި، ދައުލަތުގެ ވަޞީލަތްތައް ކަމުގައިވާ ސަރުކާރުގެ އުޅަނދުފަހަރާއި، ދައުލަތުގެ ޚަރަދުގައި ހިންގާ ޕްރައިވެޓް އައިލެންޑް އަދި ސަރުކާރީ ޚަރަދުގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އަމިއްލަ ފަރާތްތަކަށް ބޭނުންކުރުމުގެ ފުރުޞަތު ދީފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
މި ނޫހުން މަޢުލޫމާތު ހޯދިއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި މައްސަލައާ ގުޅޭގޮތުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، މައްސަލަ ހުށަހެޅިފައިވާކަން ކަށަވަރުކުރެވިފައިވެއެވެ.
މި މައްސަލަ ހުށަހެޅި ފަރާތުގެ ނަން ހާމަކޮށްފައިނުވިނަމަވެސް، އެއީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރެވޭގޮތާމެދު ކަންބޮޑުވުން ފާޅުކުރި އަމިއްލަ ރައްޔިތެއްކަމަށް ބެލެވެއެވެ. ރައީސް އޮފީހުންނާއި ރާނީ ސާޖިދާގެ އޮފީހުން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަ ތައް ފެންނާން އެބަހުއްޓެވެ. އަދި ސަރުކާރުގެ އިސް ފަރާތްތަކާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޢާންމުންގެ ފަރާތުން މިފަދަ މައްސަލަތައް ހުށަހެޅުމުގެ ކެރުންތެރިކަން އިތުރުވަމުންދާކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.