ރައީސް މުއިއްޒުގެ ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލްވެ ފައިސާ ޗާޕުކުރަނީ

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު: މި ސަރުކާރުގައި ފިނޭންސް މިނިސްޓަރެއްގެ އެޑްވައިޒަރުކަން ވެސް ކުރެއްވި މުނައްވަރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި --- އާޓްވޯކް: އަދަދު ފައިލް

ރައީސް މުއިއްޒުގެ ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލްވެފައިވާ ކަމަށް އިގުތިސާދީ މާހިރުން ފާހަގަކުރައްވައިފިއެވެ. މީގެ ސަބަބުން ސަރުކާރުން ލިބެން ނެތް ފައިސާ އިންޖެކްޓުކުރުމަށް މަރުކަޒީ ބޭންކު މެދުވެރިކޮށް ބިމެއް ގަތުމުގެ މުއާމަލާތަކަށް ދާކަން ފާހަގަކުރެވެއެވެ.

އެމްއެމްއޭގެ ބޯޑުން ހުޅުމާލެއިން ބިމެއް ގަތުމަށް 11 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ފާސްކޮށްފައެވެ. މިއީ ފައިސާ ޗާޕުކުރުމުގެ އަނެއް ގޮތެއް ކަމަށް އިގުތިސާދީ ތަޖުރިބާކާރުން ދެކިވަޑައިގަންނަވައެވެ.

އިގުތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، ދިހައެއް، ބާރަ ބިލިއަން ހޯދޭނެ ކެޕޭސިޓީއެއް އެމްއެމްއޭގައި ނުހުންނާނެއެވެ. އެ ވަރުގެ އަދަދަކުން ބިމެއް ގަންނަން ޖެހޭނީ ފައިސާ އިންޖެކްޓުކޮށްގެންނެވެ.

މިފަދަ ބޮޑު އަދަދެއް އިގުތިސާދަށް ވެއްދުމުން އެކްސްޗޭންޖް ރޭޓަށް ބޮޑު ޕްރެޝަރެއް އަންނާނެކަމަށާއި، މިހާރު ވެސް 18-19 ރުފިޔާގައި ހުރި ޑޮލަރުގެ އަގު 20-25 ރުފިޔާއަށް އުފުލި، އިންފްލޭޝަން އިތުރުވެ، ޚާއްޞަކޮށް ކާބޯތަކެތީގެ އަގުތައް އުފުލިގެންދާނެކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ސަރުކާރުން މިއަހަރު 18.9 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދުމަށް ރޭވި ނަމަވެސް، މިހާރު އެ ޕްލޭން ފެއިލްވެފައިވާކަމަށް އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. "ސެންޓްރަލް ބޭންކުން ފައިސާ ބޮރޯކުރަން ޖެހުން އެއީ ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލް ވުމުން އަންނަ ހާލަތެއް."

މާހިރުންގެ ލަފާގައި، ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅުކުރުމަށް ހަރަދުތައް ކުޑަކުރުމާއި، "ހޯމް ގްރޯން ރިފޯމު އެޖެންޑާ" އަށް އަމަލުކުރުން ފިޔަވައި އެހެން ހައްލެއް ނެތްކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމަށް ބަޖެޓުގައި މުހިންމު ފިޔަވަޅުތަކެއް އަޅަން ރާވާފައިވީނަމަވެސް، "ހޯމް ގްރޯން ރިފޯމު އެޖެންޑާ" ގެ ތެރެއިން ގިނަ ކަންތައްތައް އަދިވެސް ތަންފީޒުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

ހަރަދު ކުޑަނުކޮށް، ސަބްސިޑީތައް ޓާގެޓް ނުކޮށް، އަދި ނެތް ފައިސާ ޗާޕުކުރަމުންދާނަމަ، ރާއްޖޭގެ އިގުތިސާދު އިތުރަށް ހީނަރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެއެވެ.