ރައީސް ޔާމީން މުއިއްޒަށް ކުރެއްވި ތާއީދު ގެންދެވި މައްސަލާގައި ޑރ ޖަމީލަށް އަދުރޭ ކުރުދޮށިން ދީފި

ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ކުރެއްވި ތާއީދު ރައީސް ޔާމީން އަނބުރާ ގެންދެވިކަމަށް ވިދާޅުވެ މެޑަމް ފާތުން ޕީޕީއެމް ޕީއެންސީ ސެނެޓްގެ ވަޓްސްއަޕް ގުރޫޕަށް މިއަދު ފޮނުވި މެސެޖާއި ގުޅިގެން ހިނގި ޒުވާބުގެ ޗެޓް ލޮގްތައް ލީކުވި މައްސަލާގައި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ރުޅިގަދަވެ ރައީސް ޔާމީންގެ އިސް ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދަށް މިރޭ ކުރުދޮށިން ދީފިއެވެ.

އަދުރޭ މިރޭ އެ ގްރޫޕަށް ފޮނުވި މެސެޖްތަކުގައި ވިދާޅުވެފައިވަނީ ޗެޓް ލޮގް ލީކްކޮށްލާފައިވަނީ ޖަމީލުކަމާއި ޖަމީލު އެކަން ކޮށްފައިވަނީ އިދިކޮޅު ރިޔާސީ ޓިކެޓް ނުލިބުމުން އެކަމާ ރުޅިއަސްގެން ފިތުނަ އުފެއްދުމަށް ކަމަށެވެ. އަދި ރިޔާސީ ޓިކެޓް މުއިއްޒަށް ލިބުނު ހިސާބުން ޖަމީލު ހުންނަވަނީ ޒާތީގޮތުން މުއިއްޒުއާއި ޖެހިފައިކަމަށާއި ހުރިހާ ނުބައެއް ހަދަނީ ޖަމީލު ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ނަމަވެސް ޖަމީލުވަނީ އަދުރޭގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ތާއީދު މުއިއްޒަށް މިހާރު ނެތްކަމަށް ވިދާޅުވީ މެޑަމް ފާތުންކަމަށާއި އެކަމުގައި ޖަމީލަށް ކުރެވޭނެކަމެއް ނެތްކަމަށެވެ. އަދި ދެން އެ ގްރޫޕްގައި ވާހަކަވެސް ނުދައްކަވާނެކަމަށް ޖަމީލު ވިދާޅުވިއެވެ.

ދެ ބޭފުޅުންގެ ޒުވާބު ފިނިކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަސައްކަތް ކުރެއްވުމުންވެސް އަދުރޭވަނީ ހުރުހުން ފާޅުކުރައްވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ ގްރޫޕްގައި އެބޭފުޅުން ޒުވާބުކޮށް ޗެޓް ލޮގްތައް ލީކްވުމުން ގެއްލުންވަނީ ޑރ މުއިއްޒުއަށްކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޕީޕީއެމް ޕީއެންސީ ސެނެޓްގެ ވަޓްސްއެޕް ގްރޫޕް މިއަދު ހޫނުވީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މުއިއްޒު ސިހުރު ހެއްދެވިކަމަށް ވިދާޅުވެ މެޑަމް ފާތުން ކުރެއްވި މެސެޖަކާއި ގުޅިގެންނެވެ.

މައްސަލަ ފެށުނީ ރިޔާސީ ޓިކެޓް ހޯދުމަށް މުއިއްޒު ސިހުރު ހެދިކަމަށް މެޑަމް ފާތުން ވިދާޅުވެ ކުއްލިއަކަށް މުއިއްޒުއަށް ތާއީދު ނުކުރެއްވުމަށް ރައީސް ޔާމީން ނިންމެވިކަމަށް ގުރޫޕްގައި މެޑަމް ފާތުން ވިދާޅުވުމުންނެވެ.

"މިއީ ވަރަށް ދެރަކަމެއް. ޕީޕީއެމް ޓިކެޓް ހޯދުމަށް ސިހުރިހެދިކަމަށް ގަބޫލުކުރެވޭ. މިހާ ވަގުތު ކުޑަތަންވެފަ ވަނިކޮށް މުއިއްޒަށް ތާއީދު ނުކުރަން ރައީސް ޔާމީން ދެންމެ ނިންމަވައިފި" މެޑަމް ފާތުން ވިދާޅުވިއެވެ.

މެޑަމް ފާތުންގެ މެސެޖާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ނިންމުން ރަނގަޅު ނޫންކަމަށާއި ޔޯލަ ވާހަކައަކަށް ބިނާކޮށް މިވަރުގެ ނިންމުމެއް ނިންމުން ރަނގަޅު ނޫންކަމަށެވެ. އަދި ޓިކެޓް ހޯދުމަށް މުއިއްޒު ސިހުރު ހެދިކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމަށް ރައްދުދެއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އެވެ. ތޯރިގް ވިދާޅުވީ ޔޯލަ ވާހަކައަކަށް ރައީސް ޔާމީން އެފަދަ ނިންމެވުމެއް ނުނިންމަވާނެކަމަށެވެ. އަދި ހުންނެވީ ރައީސް ޔާމީންގެ ނިންމެވުމާ އެއްގޮތަށް ކަމަށް ޓޮމް ވިދާޅުވިއެވެ.

ރައްދުގައި މެޑަމް ފާތުންވެސް ވިދާޅުވީ އެއީ ޔޯލަ ވާހަކައެއް ނޫންކަމައި މާލޭގައި އިންދި ކަދުރު ރުއްތަކާއި ގުޅިގެން ހިނގި ކަންކަމަށް ބަލާއިރު ސިހުރު ހެދިކަމުގެ ހެކި އެބަހުރިކަމަށެވެ.

ރައްދުގައި މެޑަމް ފާތުންވެސް ވިދާޅުވީ އެއީ ޔޯލަ ވާހަކައެއް ނޫންކަމައި މާލޭގައި އިންދި ކަދުރު ރުއްތަކާއި ގުޅިގެން ހިނގި ކަންކަމަށް ބަލާއިރު ސިހުރު ހެދިކަމުގެ ހެކި އެބަހުރިކަމަށެވެ. "ރައީސް ޔާމީންގެ ވަކީލުން މެދުވެރިކޮށް އެކަން ހާމަކުރައްވާނެކަމަށް" ވެސް މެޑަމް ފާތުން ވިދާޅުވިއެވެ.

މެޑަމް ފާތުންގެ މެސެޖަށްފަހު ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި އިސްކޮށް ހުންނެވި ޑރ ޖަމީލް ވިދާޅުވީ ވަރަށް އަވަހަށް މީޓިންއެއް ބާއްވައިދިނުމަށް ރައީސް ޔާމީންގެ ފަރާތުން ދާދި ދެންމެ ނޯޓެއް ލިބުނުކަމަށާއި ނަމަވެސް ކަރެކްޝަނުން ގަޑި އެއް ދީފައިވަނީ މާދަމާގެ މެމްދުރުފަހަށް ކަމަށެވެ. އަދި އެ މީޓިންއަށް ފަހު ކަންކަން ސާފުވާނެކަމަށް ޖަމީލް ވިދާޅުވިއެވެ.

މައްސަލަ މިހިސާބަށް ދިއުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ މިއީ މިވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތު ނޫންކަމަށް ވިދާޅުވެ ގުރޫޕުން ބައެއް ބޭފުޅުން ނެރެލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރޫޕުން ބޭރުކުރި ބޭފުޅުންގެ ތެރޭގައި މެޑަމް ފާތުންވެސް ހިމެނެއެވެ.

މި ހަބަރާއި ގުޅޭގޮތުން މި ނޫހުން ސުވާލު ކުރުމުން އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އުފެދިގެން އުޅެނީ މިސްއަންޑަސްޓޭންޑިންއެއް ކަމަށާއި މެޑަމް ފާތުންގެ ވާހަކަތަކަކީ ބަޔަކު އަޑީގައި ތިބެގެން މެޑަމް ފާތުންގެ ބޮލަށް ވަދެގެން ފަތުރާ ދޮގު ވަހަކަތަކެއް ކަމަށެވެ. މެޑަމް ފާތުން ގުރޫޕުން ނެރެލި ސަބަބާއިމެދު ސުވާލު ކުރުމުން ހީނާ ވިދާޅުވީ އެކަން ސާފުކުރުމަށް އަބްދުއްރަހީމަށް ގުޅުމަށް އެދޭކަމަށެވެ. ނަމަވެސް އަބްދުއްރަހީމް ފޯނު ނުނަންގަވަތީ އަބްދުއްރަހީމްގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.