ކޮންގްރެސް ޕާޓީގެ މާހެފުމުގައި އަބްދުއްރަހީމް ބައިވެރިވާތީ ރައީސް މުއިއްޒު އެ ހަރަކާތުން ދުރަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ކޮންގްރެސް ޕާޓީގެ މާހެފުމުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމެވި ސަބަބަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

އަބްދުއްރަހީމްއާ ގާތް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، ދެ ބޭފުޅުންގެ ގުޅުން ރެނދުލާން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ނެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރައީސް މުއިއްޒު އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ އަމާޒުތައް މަތިވެރިވުމުންނެވެ. މިކަން ހާމަވަނީ ޕީއެންސީގެ ލީޑަޝިޕް އަދި ކެމްޕޭން ހަރަކާތްތަކުން އަބްދުއްރަހީމް އެކަހެރިވެވަޑައިގެންފައިވުމުންނެވެ. ޚާއްސަކޮށް މިމަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގެ ކެމްޕޭނުގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަތުމުން މިކަން އިތުރަށް ފާހަގަކުރެވިފައިވެއެވެ.

މި ދެ ބޭފުޅުންގެ ގުޅުމަށް އައިސްފައިވާ ހީނަރުކަން މިއަދު އިތުރަށް ހާމަވެގެން ދިޔައީ ބުރާސްފަތި ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމަށް ފަހުގައެވެ. ކުރިން ރޭވިފައިވާ ގޮތާ ޚިލާފަށް ރައީސްގެ ޝެޑިއުލް ބަދަލުކުރެއްވީ މި ސަބަބަށްޓަކައި ކަމަށް ގާތުން މައުލޫމާތު ލިބޭ ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން ރައީސް އޮފީހުގައި ބޭއްވުނު ބައްދަލު ވުމުގައި ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އައީ، ސުޕުރީމް ކޯޓުގެ ބެންޗް ބަދަލު ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައި އެވެ. ނަމަވެސް މިކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް ގެ ތާއީދު ލިބޭ ގޮތެއް އަދި ނުވެއެވެ. ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިންމާ ގޮތަކުން އަބްދުއްރަހީމް މުއިއްޒުއާ ދެކޮޅަށް މަސައްކަތް ކޮށްފާނެކަމުގެ ބިރު އެބަ އޮތެވެ.

މިކަން މިހެން ދިމާވެފައިވަނީ ޖެނުއަރީ 28 ގައި އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހިމް ފައިސަލް، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވުމަށްފަހު ދެ ބޭފުޅުންގެ ގުޅުމަށް އައި ބަދަލާ ގުޅިގެންނެވެ. އަދި މިހާރު ސުޕްރީމް ކޯޓުގައި އޮތް ގާނޫނުއަސާސީގެ އިސްލާހުގެ މައްސަލައާ ގުޅިގެންވެސް ދެ ބޭފުޅުންގެ ގުޅުމަށް އިތުރު އަސަރުތަކެއް ކޮށްފައިވާ ކަމަށް ބެލެވެއެވެ.

ނަމަވެސް މިރޭގެ މާހެފުމުގައި ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގެ އިތުރުން، ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕާޓީން އިއުލާންކޮށްފައިވެއެވެ. އަދި ރައްޔިތުންނަށް ސަރުކާރާއި ޕާޓީގެ ވެރިންނާ ބައްދަލުކުރުމުގެ ފުރުސަތު މި މާހެފުމުގައި އޮތް ކަމަށް ޕާޓީން ބުނެފައިވެއެވެ.