
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހަންމާ) ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 5.2 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މުހަންމާ ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާއާއި އަރަމުންދާ ޖޫރިމަނާގެ ފައިސާ، ކޮންމެ މަހަކު މަދުވެގެން 83,000 ރުފިޔާގެ ރޭޓުން 2036 ވަނަ އަހަރުގެ މެއި 31 ގެ ކުރިން ދައްކާ ހަލާސްކުރުމަށެވެ.
މި ލޯނަކީ މުހަންމާ ހ. ފުރާތު ރަހުނުކޮށްގެން ނަގާފައިވާ ލޯނެކެވެ. ލޯނަށް ގަވާއިދުން ފައިސާ ނުދައްކާތީ، އެ ގެ ވިއްކާލުމުގެ ހުއްދައަށް ބީއެމްއެލްއިން ކޯޓުގައި އެދުނު ނަމަވެސް، ލޯނަށް ފައިސާ ދެއްކުމަށް މުހަންމާ އެއްބަސްވެފައިވާތީ، ގެ ވިއްކާލުމަށް ކޯޓުގެ ހުކުމުގައި ހުއްދަ ދީފައެއް ނުވެއެވެ.
ސިވިލް ކޯޓުން މި މައްސަލަ ނިންމާފައި ވަނީ ދެފަރާތުގެ އެއްބަސްވުމާއެކު، ދެފަރާތުގެ ޣައިރު ހާޒިރުގައެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ މުހަންމާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެވިފައި ވަނީ މިދިޔަ މަހުއެވެ.