ކޯސްޓް ކިރުގެ 1.8 ކިލޯގެ ދަޅެއްގެ އަގު 400 ރުފިޔާއަށް މައްޗަށް، ރައްޔިތުންގެ ޖީބު ހުސްކޮށްލަނީ

ކޯސްޓް ކިރުގެ 1.8 ކިލޯގެ ދަޅު

ކޯސްޓް ކިރުގެ 1.8 ކިލޯގެ ދަޅެއްގެ އަގު 400 ރުފިޔާއަށް މައްޗަށް ޖެހުމާއެކު، ގިނަ އާއިލާތަކަށް ކިރު ގަތުމަކީ ދަތިކަމަކަށް ވެއްޖެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ކޯސްޓް ކިރުގެ އަގު މިހާ މައްޗަށް ޖެހުނު ފުރަތަމަ ފަހަރެވެ.

މި ބަދަލާއެކު، އާންމު އާމްދަނީ ލިބޭ ގިނަ ފަރާތްތަކަށް ކިރު ގަތުމަކީ ނުކުޅެދޭނެ ކަމަކަށް ވެފައިވާއިރު، މިއީ ސިއްހީ ގޮތުން ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަބަބަކީ ކެލްސިއަމްގެ މުހިންމު މަސްދަރެއްގެ ގޮތުގައި ކިރު ބޭނުންކުރެވޭތީއެވެ.

"ކުރިން ދެދަޅު ކިރު ގަނެވޭ އަގުގައި މިހާރު އެންމެ ދަޅެއް ވެސް ނުގަނެވޭ. ދަރިންނަށް ކިރު ބޯން ދިނުމަކީ މިހާރު ވަރަށް ބޮޑު ޚަރަދެއް،" މާލޭގެ ރައްޔިތެއް ކަމަށްވާ އާމިނަތު ރަޝީދާ ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ކިރުގެ އަގު ދަށަށް ދާއިރު، ރާއްޖޭގައި އަގު މައްޗަށް ދިއުމުގެ ސަބަބުތަކުގެ ތެރޭގައި އިމްޕޯޓް ޓެކްސް، ރުފިޔާގެ އަގު ދަށްވުން އަދި ރައްކާކޮށް ބެހެއްޓުމުގެ ޚަރަދު ހިމެނެއެވެ. އިޤްތިޞާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސް، މުޅި ބާޒާރުގައި މުދަލުގެ އަގުތައް މައްޗަށް ދިއުމަކީ މިކަމަށް އިތުރު ބާރެއް ލިބިދޭ ކަމެކެވެ.

އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާއިރު، ތަކެތީގެ އަގު ދަށްކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ސުވާލުކުރުމަށް ގޮވާލާފައިވީ ނަމަވެސް، އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިފައެއް ނުވެއެވެ.