އިދިކޮޅު ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ޓިކެޓް ހޯދުމަށް ސިހުރު ހެދިކަމަށްބުނެ ކުރެވުނު ހޫނު ޒުވާބަކަށްފަހު، ޕީޕީއެމް ޕީއެންސީ ސެނެޓްގެ ވަޓްސްއަޕް ގުރޫޕުން ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ނެރެލައިފިއެވެ.
މައްސަލަ ފެށުނީ ރިޔާސީ ޓިކެޓް ހޯދުމަށް މުއިއްޒު ސިހުރު ހެދިކަމަށް މެޑަމް ފާތުން ވިދާޅުވެ ކުއްލިއަކަށް މުއިއްޒުއަށް ތާއީދު ނުކުރެއްވުމަށް ރައީސް ޔާމީން ނިންމެވިކަމަށް ގުރޫޕްގައި މެޑަމް ފާތުން ވިދާޅުވުމުންނެވެ.
"މިއީ ވަރަށް ދެރަކަމެއް. ޕީޕީއެމް ޓިކެޓް ހޯދުމަށް ސިހުރިހެދިކަމަށް ގަބޫލުކުރެވޭ. މިހާ ވަގުތު ކުޑަތަންވެފަ ވަނިކޮށް މުއިއްޒަށް ތާއީދު ނުކުރަން ރައީސް ޔާމީން ދެންމެ ނިންމަވައިފި" މެޑަމް ފާތުން ވިދާޅުވިއެވެ.
މެޑަމް ފާތުންގެ މެސެޖާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ނިންމުން ރަނގަޅު ނޫންކަމަށާއި ޔޯލަ ވާހަކައަކަށް ބިނާކޮށް މިވަރުގެ ނިންމުމެއް ނިންމުން ރަނގަޅު ނޫންކަމަށެވެ. އަދި ޓިކެޓް ހޯދުމަށް މުއިއްޒު ސިހުރު ހެދިކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމަށް ރައްދުދެއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އެވެ. ތޯރިގް ވިދާޅުވީ ޔޯލަ ވާހަކައަކަށް ރައީސް ޔާމީން އެފަދަ ނިންމެވުމެއް ނުނިންމަވާނެކަމަށެވެ. އަދި ހުންނެވީ ރައީސް ޔާމީންގެ ނިންމެވުމާ އެއްގޮތަށް ކަމަށް ޓޮމް ވިދާޅުވިއެވެ.
ރައްދުގައި މެޑަމް ފާތުންވެސް ވިދާޅުވީ އެއީ ޔޯލަ ވާހަކައެއް ނޫންކަމައި މާލޭގައި އިންދި ކަދުރު ރުއްތަކާއި ގުޅިގެން ހިނގި ކަންކަމަށް ބަލާއިރު ސިހުރު ހެދިކަމުގެ ހެކި އެބަހުރިކަމަށެވެ.
ރައްދުގައި މެޑަމް ފާތުންވެސް ވިދާޅުވީ އެއީ ޔޯލަ ވާހަކައެއް ނޫންކަމައި މާލޭގައި އިންދި ކަދުރު ރުއްތަކާއި ގުޅިގެން ހިނގި ކަންކަމަށް ބަލާއިރު ސިހުރު ހެދިކަމުގެ ހެކި އެބަހުރިކަމަށެވެ. "ރައީސް ޔާމީންގެ ވަކީލުން މެދުވެރިކޮށް އެކަން ހާމަކުރައްވާނެކަމަށް" ވެސް މެޑަމް ފާތުން ވިދާޅުވިއެވެ.
މެޑަމް ފާތުންގެ މެސެޖަށްފަހު ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި އިސްކޮށް ހުންނެވި ޑރ ޖަމީލް ވިދާޅުވީ ވަރަށް އަވަހަށް މީޓިންއެއް ބާއްވައިދިނުމަށް ރައީސް ޔާމީންގެ ފަރާތުން ދާދި ދެންމެ ނޯޓެއް ލިބުނުކަމަށާއި ނަމަވެސް ކަރެކްޝަނުން ގަޑި އެއް ދީފައިވަނީ މާދަމާގެ މެމްދުރުފަހަށް ކަމަށެވެ. އަދި އެ މީޓިންއަށް ފަހު ކަންކަން ސާފުވާނެކަމަށް ޖަމީލް ވިދާޅުވިއެވެ.
މައްސަލަ މިހިސާބަށް ދިއުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ މިއީ މިވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތު ނޫންކަމަށް ވިދާޅުވެ ގުރޫޕުން ބައެއް ބޭފުޅުން ނެރެލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރޫޕުން ބޭރުކުރި ބޭފުޅުންގެ ތެރޭގައި މެޑަމް ފާތުންވެސް ހިމެނެއެވެ.
މި ހަބަރާއި ގުޅޭގޮތުން މި ނޫހުން ސުވާލު ކުރުމުން އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އުފެދިގެން އުޅެނީ މިސްއަންޑަސްޓޭންޑިންއެއް ކަމަށާއި މެޑަމް ފާތުންގެ ވާހަކަތަކަކީ ބަޔަކު އަޑީގައި ތިބެގެން މެޑަމް ފާތުންގެ ބޮލަށް ވަދެގެން ފަތުރާ ދޮގު ވަހަކަތަކެއް ކަމަށެވެ. މެޑަމް ފާތުން ގުރޫޕުން ނެރެލި ސަބަބާއިމެދު ސުވާލު ކުރުމުން ހީނާ ވިދާޅުވީ އެކަން ސާފުކުރުމަށް އަބްދުއްރަހީމަށް ގުޅުމަށް އެދޭކަމަށެވެ.
ނަމަވެސް އަބްދުއްރަހީމް ފޯނު ނުނަންގަވަތީ އަބްދުއްރަހީމްގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.