
މުއިއްޒު އަކީ ކިންގެއް ނޫނެވެ. މުއިއްޒަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ވެރިކަން ހިންގަން ހަވާލުކޮށްފައި ހުރި މީހެކެވެ. މުއިއްޒު ރައްޔިތުން ކައިރީ އަދޭސް ކޮށްގެން ހޯދި ވަޒީފާއަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަޒީފާ އެވެ. މުއިއްޒަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަޒީފާއަށް ކުރިމަތިލައިގެން ހުރި މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލަން ދެއްކި ދޮގު ވާހަކަތަކުގެ ތެރެއިން ވެރިކަމަށް އާދެވުނު މީހެކެވެ. މިހާރު ރައްޔިތުންނަށް އެ ދޮގުތައް ފާޅުވެ އެރުމުން ގިނަ ރައްޔިތުން ބޭނުންވަނީ ރައީސުލް ޖުމްހޫރިއްޔާގެ ވަޒީފާ ނިންމާލައި، ނާއިބު ރައީސް އާއި ރައީސުލް ޖުމްހޫރިއްޔާގެ މަޤާމު ހަވާލު ކުރުމަށެވެ. މިކަން ކުރުމަށް ހުރިހާ އެންމެންގެ އެއްބާރުލުން މުހިންމުވެ އެވެ.
ޕީޕީއެމް ޕީއެންސީ އަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ޕީޕީއެމް ޕީއެންސީގެ ކުރިމަގަށްޓަކާ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާފައި ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އާއި ވެރިކަން ހަވާލުކުރުމެވެ. ރައީސް ޙުސައިން މުޙައްމަދު ލަޠީފުގެ ނާއިބު ރައީސަކަށް ގައްސާން މައުމޫން ހަމަޖެއްސިދާނެ އެވެ. އަދި ޕީއެންސީގެ އަސްލު ލީޑަރ އަބްދުއްރަހީމް އަބްދުﷲ އާއި ޕާޓީ ހަވާލުކުރަން ވެއްޖެކަމަށް ވެސް ދެކެމެވެ.
އަހުރެން ދެކޭގޮތުގައި މުއިއްޒުއާއި އެކު 2028 ލިބުމަކީ ނާދިރު ކަމެކެވެ. މުއިއްޒު އާއި ހެދި އަހަރެމެންގެ ލެގެސީ ހަލާކު ވެއްޖެއެވެ. އަހަރުމެންގެ ޕޮލިސީ ބަދަލުކޮށް އިންޑިއާގެ އުނގަށް ޕީޕީއެމް ޕީއެންސީ ވައްޓާލައި، ޕީޕީއެމް ޕީއެންސީގެ އަބުރު ކަތިލައިފައި އެވެ. އަހަރުމެންގެ ލީޑަރ ޔާމީނާއި ދުޝްމަނުކުރުވައިފައެވެ. ރާއްޖޭގެ އެންމެ ނުރައްކާތެރި މީހާ ޖަންގިޔާ ނާޒިމަށް މުޅި މާލިއްޔާ ހަވާލު ކޮށްފިއެވެ.
ޕީޕީއެމް ޕީއެންސީގެ ފިކުރު ދެމެހެއްޓުމުގައި ޖާނާއި މާލުން ގުރުބާންވި އެތަކެއް ބަޔަކު މިހާރު ވަނީ މާޔޫސްވެފައެވެ. ރައީސް ޔާމީނަށް ހެއްދެވުނު ގޯހަކާއި ހެދި އަހަރުމެންނަށް މި ގޯސް ހެދުނީ ކަމަށް ގަބޫލުކުރަމެވެ. ރައީސް ޔާމީނަށް ހެއްދެވުނު ގޯހަކީ، ރައީސް ޔާމީންގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅީ ރަނގަޅަށް ކަމަށް ސުޕްރީމްކޯޓުން ނެރުނު ހުކުމާއެކު އިންތިޚާބު ބޮއިކޮޓް ކުރުމަށް އިލްތިމާސް ކުރުމެވެ. އަދި ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ދެއްކުމަށް އެދުމުން އެކަން ނުކުރައްވައި ފަސް ކުރެއްވުމެވެ.
މުއިއްޒު އަކީ އަހަރުމެންގެ ފިކުރުގެ ތެރެއިން ވާ މީހެއް ނޫނެވެ. އަދި ދޮގުވެރިކަމާ، މަކަރުވެރިކަން ހައްދު ފަހަނައަޅައި ދިއުމުން މުއިއްޒު ދައްކާ އެއްވެސް ވާހަކައެއް މި ކެބިނެޓްގެ ގިނަ މިނިސްޓަރުން ނާއި އެމްޕީން ނާއި ޕީޕީއެމް ޕީއެންސީގެ މެންބަރުންވެސް ގަބޫލެއް ނުކުރާކަން އަހަރެން ދެނެހުރީމެވެ. އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކުވެސް ގަބޫލެއް ނުކުރެއެވެ.
ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރެންޖެހޭއިރު ރައީސް ޔާމީނަކީ އޮޕްޝަނެއް ނޫންކަމަށް ފެނިއްޖެ ހިނދަކު އަހަރުމެންގެ ތެރޭގައި އެކަމަށް ގާބިލު ބޭފުޅުން އެބަތިއްބެވެ އެވެ. ވަޒީރު ގައްސާން މައުމޫނު، ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ވަޒީރު އާދަމް ޝަރީފް، ވަޒީރު އަހުމަދު ޝިޔާމް، ވަޒީރު މުހައްމަދު ސަޢީދު އެބަތިއްބެވެ އެވެ.
އަދި ވެރިކަމުގައި 5 އަހަރު ދުވަހުގެ މުއްދަތުގައި ވެރިކަމުގެ ފަރާތުން ނުރަނގަޅު އަމަލުތައް ފެނި ގައުމަށް ގެއްލުން ވާކަމުގައި ވަނީނަމަ އެ ވެރިއެއްގެ މައްޗަށް ފިޔަވަޅު އަޅައި ވެރިކަމުން ދުރުކުރުމަށް ޤާނޫނު އަސާސީ އިން ލާޒިމް ކުރެއެވެ. އަދި އެ ފުރުސަތު ޤާނޫނު އަސާސީން ލިބިދީފައި ވެއެވެ.
އެއްވެސް ކަހަލަ އިންސާނިއްޔަތު ވަންތަ ކަމެއް ނެތި މުއިއްޒު ވެފައިވަނީ މީހަކަށް އަދި ރަހުމާއި ކުލުނެއް ހަމްދަރުދީއެއްވެސް ނުހުންނަ ވަރަށް ނުރައްކާތެރި މީހަކަށް ކަމަށް އޭނާއާއި އެކު އުޅުނު އެންމެންވެސް ބުނެފައިވެއެވެ. ރައީސް ޔާމީނާއި މުއިއްޒުގެ ދޮންމަންމަ އާއި އަދި ގިނަ ރައްޔިތުން ޝައްކުގެ ނަޒަރަކުން ދެކޭ މެއިޑުގެ މައްސަލައަށް ނަޒަރު ހިންގާލުމުން މުއިއްޒުގެ އަސްލު ސިފަ ފެނިގެންދާނެއެވެ. މުއިއްޒުގެ ހުރިހާވެސް ކަމަކީ ހޯދުނު ގޮތަކަށް ލާރި ހޯދުމެވެ.
މިކަމުގެ އެއްހެއްކަކީ މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުރެ މާލޭގެ މަގުތަކުން ރައިޔަތުންގެ ޙައްޤުތަކަށް ނުބަލައި، ވެހިކަލް ޕާކިން ސްލޮޓު ވިއްކާ ވިއްކުމެވެ. މާލޭގެ މަގުތައް މަތިން ޕާކިން ސްލޮޓު ވިއްކުމުގެ ސަބަބުން އާއްމު ރައްޔިތުން ޕާކުކުރާނެ ތަނެއް ނެތިގެން ސްޓިކާ ޖަހާ ޒޯނުތަކުގައި ޕާކުކުރަންޖެހުނު ހިނދު އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި މާލޭގައި ދިރިއުޅޭ ރައްޔިތުން އާދޭސްކުރަމުން ދިޔައިރުވެސް އެކަމަށް ދީލާނުލައި ޕާކިން ސްލޮޓު ވިއްކައި އޭގެން ނާޖާއިޒު ގޮތުގައި އެތަކެއް މިލިއަން ރުފިޔާގެ މަންފާ މުއިއްޒު ހޯދި ކަން އެހެރީ ފެންނާށެވެ.
އަދި މާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުން ކޮރަޕްޝަންގެ ތެރެއިން ދިގު މުއްދަތަށް ބިން ކުއްޔަށް ދީގެން ލާރި ހޯދުމާއި، އަދި އެ ލާރިން ނާޖާއިޒު އެތަކެއް މަންފާތަކެއް ހޯދާފައިވާކަން މާލެ ސިޓީއަށް އާ މޭޔަރަކު އިންތިޚާބުވި ހިސާބުން ވަނީ ހޯދިފައެވެ.
މުއިއްޒުގެ މިނިސްޓަރުކަމުގައި ހޯދި ނާޖާއިޒު ފައިދާ އެހުރީ ފެންނާށެވެ.
މ. ދިމްޔާތަކީ 70 (ހަތްދިހަ) މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ އިމާރާތެއްކަމަށް މި ދާއިރާގެ މާހިރުން ބުނެފައިވެއެވެ. އަދި ހުޅުމާލެއިން މުއިއްޒު ގަނެފައިވާ ރޯހައުސްތަކަކީ 30 މިލިއަން ރުފިޔާގެ ރޯހައުސްތަކެކެވެ. އެއީ 20 މިލިއަން ރުފިޔާގެ އަގުހުރި 2 ރޯހައުސްއާއި، 10 މިލިއަން ރުފިޔާގެ އަގުހުރި ރޯހައުސެކެވެ.
މުއިއްޒުގެ މިނިސްޓަރުކަމުގެ މަޤާމުގެ މުސާރައަކީ -/65,000 ރުފިޔާ ކަމުގައި ބެލިނަމަވެސް އަހަރަކަށް ލިބޭނީ -/780,000 ރުފިޔާއެވެ. މުއިއްޒު 4 އަހަރުގެ މިނިސްޓަރުކަމުގައި ލިބޭނީ -/5,460,000 (ފަސް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ އެވެ. މުއިއްޒުގެ ބައްޕަ އައްޝައިޚު ހުސައިން އަބްދުއްރަހްމާން 20 ސެޕްޓެމްބަރު 2015 ގައި އަވަހާރަވުމާއި ހަމައަށް މުއިއްޒު އުޅެމުން ދިޔައީ ކުއްޔަށް ހިފައިގެން ގެދޮރުގައެވެ. އަދި މި ލާރިން އަނބި ދަރިންނަށް ޚަރަދު ކޮށްފައި އޭނާގެ އަތުގައި ހުންނާނެ ލާރީގެ އަދަދު ތިބޭފުޅުން ވަޒަންކޮށްލައްވާށެވެ.
މުއިއްޒުގެ ބައްޕަ ނިޔާވީ އެސްބީއައިގެ އެކައުންޓްގައި ހުރީ -/1,530,000 (އެއް މިލިއަން ފަސްލައްކަ ތިރީސް ހާސް) ރުފިޔާ ކަމަށް މުއިއްޒުގެ ދޮންމަންމަ ހުށަހެޅި ހިސާބުތަކުން އެނގެން އޮވެއެވެ. މިނޫން އިތުރު ފައިސާއެއް ބައްޕަގެ ފަރާތުގައި ނެތްކަމަށް މުއިއްޒުގެ ދޮންމަންމަ ހުށަހެޅި ދަމަފިރިންގެ ހިސާބުތަކުން ފެންނަން އޮވެއެވެ. އަދި މި ލާރިން ދޮން މަންމަ ސްކީލާނަށް ދިނުމަށް ފަހު އަދި ހުސައިން އަބްދުއްރަހްމާންގެ ދަރަނި ދެއްކުމަށްފަހު ބާކީ ހުރި އެއްޗެއް މުއިއްޒު އަތުގައި ހުންނާނެ އެވެ. ނަމަވެސް މުއިއްޒު ހޯދި ލާރި 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ގޮތެއް ބަލަން ޖެހެއެވެ. އަދި އެތަކެއް މިލިއަން ރުފިޔާ ބޭރުގެ ބޭންކްތަކުގައި ޖަމާ ކޮށްފައި ހުރިކަމަށް މުއިއްޒުގެ ހަޤީޤަތް ދެނެހުރި ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.
މުއިއްޒު މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުވުމުގެ ކުރިން ވަޒީފާ އަދާކުރަމުން ދިޔައީ ވިލާ ގްރޫޕްގައެވެ. މުއިއްޒަށް ވިލާއިން ދެމުންދިޔަ މުސާރައާއި މިނިސްޓަރުކަމުގެ މަޤާމަށް ދިއުމުގެ ކުރިން މުއިއްޒު އަކީ ތަނަވަސްކަމެއް ނެތް އަދި ބައްޕަގެ ފަރާތުންވެސް އަޅާލުމެއް ނުލިބޭ މީހެއްކަމަށް ނަމަވެސް މިނިސްޓަރުކަމުގެ މަޤާމް ލިބުމުން މުއިއްޒު ހޯދާފައިވާ ނާޖާއިޒު ފައިދާގެ ވާހަކަ ވިލާ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހީމް ވަނީ މީޑިއާތަކަށް ތިލަކޮށް ދެއްވާފައެވެ.
މުއިއްޒު ހިންގާ ޖަރީމާތައް ހުއްޓުވުމަށް ރައްޔިތުންނަށް އަނިޔާވެރިވެ ނާޖާއިޒު ފައިދާ އާއި މަންފާ ހޯދުމުގެ މަޤުސަދުގައި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި އާންމު ރައްޔިތުން ގުޅިގެން ނިކުންނަން ވެއްޖެކަމަށް ދެކެމެވެ.